ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގައި އާސަންދައިން އަމަލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ބުނެފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އާސަންދަ ކުންފުނިން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު ނެރުނު އިރު އާސަންދައިން މައިގަނޑު ގޮތެއްގައި ކޮށްފައިވާ ހަރަދުތަކަކީ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން ރާއްޖެ ނާދެވި ތިބި އަމިއްލަ ގޮތުންނާއި އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި ދިވެހިންނާއި އެ މީހުންގެ އެހީތެރިންނާއި، އާއިލާއަށް ފައިސާގެ އެހީ ދިނުމާއި ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމެވެ.
ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުނަށް ސަރުކާރުން ދޭން ނިންމި އިންކަމް ސަޕޯޓް އެލަވަންސް، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ މީހުންނަށް ދޫކޮށްފައި ވަނީ އެންސްޕާ މެދުވެރިކޮށެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އިންކަމް ސަޕޯޓަށް އެދުނު މީހުންގެ ތެރެއިން މިނިސްޓްރީން ކަނޑައެޅި 2,506 މީހަކަށް 10,049,378 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެ ގޮތުން ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ 2،042 މީހަކަށް 7,787,447 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 މީހަކަށް 2,261,931 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރިޕޯޓްގައި ބުނެފައިވަނީ އެންސްޕާއިން އެކަން ކޮށްފައި ވަނީ "ވެރިފިކޭޝަން ގައިޑް ލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" ގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި ރިޕޯޓަށް މައުލޫމާތު ހޯދި ދުވަހާއި ހަމައަށް އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކޮށްފައިވަނީ 10 މިލިއަން ރުފިޔާ ނަމަވެސް މިހާރު އެ އަދަދު ވަނީ 43.6 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. އެ ގޮތުން މިހާތަނަށް 10،522 މީހަކަށް ވަނީ އެ އެލަވަންސް ދޫކޮށްފައެވެ.
"އިންކަމް ސްޕޯޓް އެލަވަސް" ދޫކުރަނީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށެވެ. މި ފައިސާ ދޫކުރަނީ އޭޕްރީލް މަހާއި ޖޫން މަހަށެވެ. އެއީ "އިކޮނޮމިކް ރިލީފް ޕެޖޭޖު" ގައި ހިމަނައިގެން 5،000ރ. ގެ މަގުންނެވެ. އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އިންކަމް ސަޕޯޓް އެލަވަންސަށް އެދިި ހުށަހަޅަން ޖެހެނީ "ޖޮބް ސެންޓަރު ޕޯޓަލް" އަށެވެ.