ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން ކަމަށްވާ އެެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި އަށްވަނަ ރިސޯޓެއް ހެދުމަށް ނިންމައިފި އެވެ.
މެރިއޮޓް އިންޓަނޭޝަނަލް އިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އަށްވަނަ ރިސޯޓު ހަދަނީ އެނބޫދޫ ފަޅުގައި ހިއްކައިގެން ހަދާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގަ އެވެ.
ޖޭޑަބްލިއު މެރިއޮޓް ރިސޯޓް އެންޑް ސްޕާ، އެނބޫދޫ ފިނޮޅު - ސައުތު މާލެ އެޓޯލްގެ ނަމުގައި ހަދާ ރިސޯޓަކީ، މެރިއޮޓްގެ އެންމެ ލަގްޒަރީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ޖޭޑަބްލިއު މެރިއޮޓުގެ ރިސޯޓެކެވެ.
މެރިއޮޓް އިންޓަނޭޝަނަލްގެ ވިޔަފާރި ދެކުނު އޭޝިއާގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި ހަދާ 80 އެނދުގެ ރިސޯޓު 2025 ވަނަ އަހަރު ހުޅުވުމަށް ވެސް ވަނީ ނިންމާފަ އެވެ.
މެރިއޮޓްގެ ރިސޯޓެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފަހުން ހުޅުވާ ހިދުމަތް ދޭން ފެށީ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް އެވެ.
މީގެއިތުރުން މެރިއޮޓް އިންޓަނޭޝަނަލްގެ ރިސޯޓު ތަކުގެ ގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ދަ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓް، ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް، ޖޭޑަބްލިއު މެރިއޮޓް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ދެ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓެވެ.