އަންނަ ހުކުރު ދުވަހު ފަށާ ސަރަހައްދުގެ ފުޓްބޯޅަ އީދު، އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗަށް ދަނޑު ފުރާލަން ސަޕޯޓަރުން ތައްޔާރުވާން ފަށައިފި އެވެ.
މުބާރާތުގައި ހުކުރު ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓް މިއަދު ދޭއް ޖެހިއިރު ވިއްކަން ވަނީ ފަށާފައެވެ. ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް ވިއްކާނީ އޮލިމްޕަސް ކުރިމަތީގައިވާ ޓިކެޓް ކައުންޓަރުންނެވެ. ޓިކެޓް ވިއްކަން ފެށުމާއި އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޓިކެޓް ގަންނަން ކިއު ހަދާފަ އެވެ. އޮލިމްޕަސް ކުރިމަތީގައި ހުންނަ ޓިކެޓް ކައުންޓަރު ކައިރީގައި ހަދާފައިވާ ކިއު ވަނީ ގަލޮޅު ދަނޑުގެ ވީއައިޕީ ގޭޓާއި ހަމައަށް ދިގުދެމިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހުގައި ކުޅޭ ދެ މެޗުގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާފައި ވާއިރު، ކޮންމެ މީހަކަށް ވެސް ގަނެވޭނީ ގިނަ ވެގެން ފަސް ޓިކެޓެވެ. އަދި ޓިކެޓް ގަންނަން އަންނަން އިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންނަން ޖެހޭނެ ކަމަށް އެފްއޭއެމްއިން ބުނެ އެވެ. މިފަހަރުގެ ޓިކެޓުގައި ހާއްސަ ސެކިއުރިޓީ ފީޗާއެއްވެސް ހިމަނާފައިވެއެވެ.