ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ޕޯޗްގަލްގެ ބެންފީކާ ބައްދަލު ކުރި މެޗުން ބާސެލޯނާ ބޮޑުތަނުން ބަލިވެ ގްރޫޕްގެ ފުލަށް ވެއްޓިއްޖެ އެވެ.
އެސްޓާޑިއޯ ޑަ ލޫޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބެޗުގައި ބަޔާން އަތުން ވެސް ބާސާ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ބޮޑު ތަފާތަކުން ބާސާ ބަލިވިއިރު، ރޭގެ މެޗު ކުޅުނީ 2019/20 ވަނަ ސީޒަންގެ ކުއާޓާ ފައިނަލުގައި ބަޔާން އަތުން 8-2 އިން ބާސާ ބަލިވި ސްޓޭޑިއަމްގަ އެވެ.
ބާސެލޯނާ ބަލިވި އިރު އެޓީމުގެ ފަރާތުން ރޭގެ މެޗުގައި ފެނުނީ ދަށް ކުޅުމެކެވެ. ބާސާގެ ޑިފެންސް ލައިން ފޫއަޅުވާލަން ބެންފީކާއަށް ފަސޭހަ ކަމަކަށް ވީއިރު، ބާސާއިން ބެންފީކާއާ ކޮޅަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވުނެވެ. މި ނަތީޖާ އާއެކު ގްރޫޕް އީގެ ދެ މެޗުން ބަލިވި ހަމައެކަނި ޓީމަކަށް ބާސެލޯނާ ވަނީ ވެފަ އެވެ. އަދި އެންމެ ގޯލެއް ވެސް ކާމިޔާބު ކުރެވިފައި ނެތުމުން މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ނުގޮސް ބާސެލޯނާ ކެޓުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.
ރޭގެ މެޗުގެ ވަރަށް ކުރީ ކޮޅުގައި ބެންފީކާއާއިން ވަނީ ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރެއް ބީޓް ކޮށްލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ބެންފީކާގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ޑާވިން ނުނޭޒް އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާ އަކުން ބެންފީޝިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ބެންފީކާގެ ދެވަނަ ގޯލު ޖަހައި ދިނީ ރަފާ ސިލްވާ އެވެ. ބެންފީޝިއަގެ ފަހު ގޯލަކީ ބާސާގެ ޑެސްޓް އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލު ޖަހައިދިނީ ފުރަތަމަ ގޯލު ޖެހި ނުނޭޒް އެވެ.
މި ނަތީޖާ އާއެކު ގްރޫޕް އީގެ ފުލުގައި ބާސެލޯނާ އޮތީ ކުޅުނު ދެ މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި އެވެ. ދެ މެޗުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓާއި އެކު ބަޔާން އެއްވަނައިގައި އޮތް އިރު ބެންފީކާއަށް ދެވަނަ ލިބެނީ ހަތަރު ޕޮއިންޓުންނެވެ. އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެގެން ޑައިނަމިކް އޮތީ ތިން ވަނައިގަ އެވެ.