ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އދ. ގެ އާންމު ސެޝަންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެން މަޖިލީހުގެ ހަވާސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވަން އެދި ވަޑައިގަތުމުން ބައިޑަން އެކަމަށް އިންކާރު ކުރެއްވިކަން ހާމަވެއްޖެ އެވެ.
ވައިޓް ހައުސްއިން ކުރިން ފަލަސްތީނަށް އަންގާފައި އޮތް ގޮތުން އދ. އާންމު މަޖިލީހަށް ބައިޑަން ވަޑައިގެން ގައުމުތަކުގެ ލީޑަރުންނާ ބަދަލު ނުކުރައްވާނެ އެވެ. އަދި ބައިޑަންގެ ވަގުތުތައް ހުރި ގޮތުން ވައިޓް ހައުސްގައި އައްބާސްއާ ބައްދަލު ކުރުން ދަތި ކަމަކަށް ވާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.
އެހެން ނަމަވެސް، އދ. ގެ މަޖިލީހަށް ވަޑައިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ވެސް ބައިޑަން ބަައްދަލު ކުރެއްވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާއާ ވެސް ބައިޑަން ބައްދަލު ކުރެއްވި އެވެ.
އައްބާސް އެދިވަޑައިގެންފައި އޮތީ ފަލަސްތީނާ އެމެރިކާއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އެހެން ނަމަވެސް ބައިޑަން އަޅައެއް ނުލެއްވި ކަމަށްވެ އެވެ.
އިޒްރޭލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގިލާދު އަރުދާން ވިދާޅުވި ގޮތުން އެއްވެސް ޝަރުތަކާ ނުލައި އިޒްރޭލުން ފަލަސްތީނާ ސީދާ ސީދާ މަޝްވަރާ ކުރައްވާނެ އެވެ. ފަލަސްތީން ނެޝަނަލް އޮތޯރިޓީގެ ފޮރިން މިނިސްޓަރު ރިޔާޒް އަލްމާލިކީ ވިދާޅުވީ ފަލަސްތީނުން ވެސް ޝަރުތަކާ ނުލައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެކަމަކު އިޒްރޭލުން އިޚްލާސްތެރި ވާން ޖެހޭނެ ކަމަށެވެ.