އެއްމާބަނޑު ދެބެން ނުވަތަ ތިން ބޭން އުފަން ވުމަކީ އެއްވެސް މީހަކު ހައިރާންވާ ވަރުގެ ހަބަރަކަށް ނުވާނެ އެވެ. ތިން ކުދިން ހަތަރު ކުދިން ވެސް އެއްބައި މީހުން ވިހަނީ މަދެއް ކޮށެއް ނޫނެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ މި އަންހެންމީހާ ވިހޭ އެއްމާބަނޑު ތިން ކުދިން ހާއްސަވާ މުހިއްމު ސަބަބެއް އެބައޮތެވެ.
ޖީނާ ނަމަކަށް ކިޔާ މި އަންހެންމީހާ އިނގިރޭސި ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި އޭނާގެ ކުދިންނަށް ބަނޑުބޮޑުއިރު އޭނާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސި އެވެ. އަދި ބޮލުގައި ރިހޭ ވަރުން ރޭގަނޑު އެއްގޮތަކަށް ވެސް އޭނާއަކަށް ނުނިދެ އެވެ. ފުރަތަމަ ސްކޭން ހެދުމުގެ ކުރިން ވެސް އޭނާގެ ރަހިމުގައި އޮތީ އެންމެ ކުއްޖެއް ނޫންކަމުގެ އިހްސާސް އޭނާއަށް ކުރެވުނު ކަމަށް ވެސް ޖީނާ ބުންޏެވެ.
ފުރަތަމަ ސްކޭން ހެދުމާއެކު ވެސް ޖީނާގެ ބަނޑުގައި ތިން ކުދިން އެބަ އޮތްކަން އެނގުނެވެ. އަދި ޑޮކްޓަރުން އެންމެ ހައިރާންވީ އޭނާގެ ބަނޑުގައި އޮތް އެއްމާބަނޑު ތިން ބޭން ހިއްސާ ކުރަނީ އެއް މަހެއް -- ޕްލެސެންޓާ -- އެއް ކަމަށް ވާތީ އެވެ.
ޕްލެންސެންޓާ އަކީ މައިމީހާގެ ބަނޑުގައި ކުއްޖާ ނުވަތަ ކުދިން ގަރުބަގަތުމަށް ފަހު އުފެދޭ އޯގަން އެކެވެ. ކުދިންނަށް ބޭނުންވާ ނިއުޓްރިއަންޓްސް ލިބެނީ މި ޕްލެސެންޓާ މެދުވެރިކޮށެވެ. އަދި ކުއްޖާ ރަނގަޅަށް ހެދިބޮޑުވަނީ ޕްލެސެންޓާގެ ސަބަބުންނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ޖީނާއަށް ދިމާވި ހާލަތަކީ ވަރަށް މަދު ފަހަރަކު ނޫނީ ދިމާ ނުވާ ކަމެކެވެ. މިފަދަ ކަމެއް މެދުވެރިވަނީ ކޮންމެ 10 މިލިއަން ފަހަރަކުން އެއް ފަހަރު ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
ޖީނާގެ ބަނޑުގައި އޮތް ތިން ދަރިން މިހާ ޚާއްސަ ކުދިންނަށް ވީ އެހެންވެ އެވެ. އާއްމުގޮތެއްގައި ބަނޑުގައި އޮންނަ ކޮންމެ ކުއްޖަކަށް ވަކި ޕްލެސެންޓާއެއް ބަނޑުގައި އުފެދެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެއްމާބަނޑު ތިން ބެއިންގެ ތެރެއިން ދެ ކުއްޖަކު އެއް ޕްލެސެންޓާ ޝެއާ ކޮށްފައި އަނެއް ކުއްޖާއަށް ވަކި ޕްލެސެންޓާއެއް ހުރެ އެވެ. އަދި ޖީނާ އަށް ދިމާވި ކަހަލަ މަދު ހާލަތެއްގައި ތިން ބޭން އެއް ޕްލެސެންޓާ ވެސް ޝެއާ ކުރަން ޖެހެ އެވެ.