ބޮލީވުޑް

ދޮނެއް ނޫނޭ ބުނެ ފިލްމެއް ނުދިން: ހިނާ

"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ގައި އަކްޝަރާގެ ރޯލް، އަށް އަހަރު ވަންދެން ކުޅުނު ހީނާ ޚާން މިހާރު ވަނީ ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރަން ފަށާފަ އެވެ. ނަމަވެސް ހީނާގެ ބޮލީވުޑް ދަތުރުގައި ވެސް ވަރަށް ދެރަވާ ކަހަލަ ބައެއް ކަންކަމާ އޭނާއަށް ކުރިމަތިވެފައި ވެއެވެ.

ހީނާ ބުނި ގޮތުގައި ހަމުގެ ކުލަ މާ ދޮން ނޫނޭ ކިޔާފައި ވެސް އޭނާއަށް ފިލްމެއް ދޭން ޕްރޮޑިއުސަރަކު ދެކޮޅު ހެދި އެވެ. އެ ފިލްމުގައި އޭނާ ކުޅެން ޖެހެނީ ކަޝްމީރު އަންހެންކުއްޖެއްގެ ރޯލު ކަމަށާއި އެ ރޯލަށް އޭނާ ފިޓް ނޫން ކަމަށް ގަބޫލު ކުރެވެނީ ހަމުގެ ކުލައިން ކަމަށް ހީނާ ބުންޏެވެ.

ހީނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް އެ ރޯލު ލިބުނުނަމަ ވަރަށް ފުރިހަމައަށް އެ ރޯލަށް އިންސާފު ކުރެވުނީހެވެ. ސަބަބަކީ އޭނާއަކީ ކަޝްމީރު މީހަކަށް ވެފައި ކަޝްމީރު މީހުން ވާހަކަ ދައްކާ ގޮތަށް އޭނާއަށް ރީއްޗަށް ވާހަކަ ދައްކަން އެނގޭތީ އެވެ.

ބައެއް ފަހަރަށް ހީނާއަށް ހުށަހަޅޭ ރޯލުތައް އޭނާ ހިތްހަމަނުޖެހިގެން ދޫކޮށްލިޔަސް އަނެއް ބައި ފަހަރު އޭނާ ވަރަށް ކުޅެން ބޭނުންވާ ރޯލުތައް ގެއްލެނީ ހަމުގެ ކުލަ ތަންކޮޅެއް އަލި ނުވީމަ އެވެ.

ހީނާ ބުނި ގޮތުގައި ކަޝްމީރު އަންހެންކުއްޖެއްގެ ރޯލު ކުޅެން ލިބި އެ ރޯލު ގެއްލުމުން އޭނާ ވަރަށް ދެރަވި އެވެ. ނަމަވެސް އަދިވެސް ރަނގަޅު ރޯލުތައް ލިބޭތޯ ކުރާ މަސައްކަތް ހުއްޓާ ނުލާނެ އެވެ.