ފަސް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަން ފަށާ އޮކްޓޫބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އަންނަ މަހުގެ 16 ވަނަ ދުވަހު ބައި އިލެކްޝަން އޮންނާނީ ހދ. ނޭކުރެންދޫ އާއި، ނ. ކެނދިކުޅުދޫގެ އިތުރުން ރ. މަޑުއްވަރީގައި ކަމަށެވެ. އަދި އެ މަހުގެ 30 ވަނަ ދުވަހު ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީގައި ވެސް ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ. އެއިން ކޮންމެ ރަށެއްގައި ވެސް ހޮވަނީ އެއް މެންބަރެކެވެ.
މީގެ އިތުރުން ނ. މަގޫދޫ އާއި ކ. ހުރާގެ ބައި އިލެކްޝަނަށް ހުޅުވާލުމުން އެ ދެ ރަށުން ކުރިމަތިލީ އެންމެ ކެންޑިޑޭޓަކަށް ވާތީ އިންތިހާބަކާ ނުލައި ވަނީ ހޮވިފަ އެވެ.
ހަބީބް ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކަށް ކުރިމަތިލުމަށް އާންމުންގެ ޝައުގުވެރިކަން ވަރަށް ކުޑަ ކަމަށެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ރައީސާއަށް ލިބެނީ 3،500 ރުފިޔާގެ އެލަވެންސެކެވެ. ނައިބަށް 2،500 ރުފިޔާ އެވެ. މެންބަރަކަށް ލިބެނީ 2،000 ރުފިޔާ އެވެ.