އައްޑޫ ސިޓީގައި ޔޮޓް މެރީނާއަކާއި ކުރޫޒް ޓާމިނަލެއް ހެދުމަށް ނިންމައިފި އެވެ.
ފިއުޗާ އޮފް އައްޑޫ ޓޫރިޒަމްގެ ނަމުގައި ރޭ ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި ހަދަން ނިންމާފައިވާ ޔޮޓް މެރީނާއާއި ކުރޫޒް ޓާމިނަލަކީ އައްޑޫގައި ފަތުވެރިކަން ފުޅާކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ މަސައްކަތުގެ ބައެއް ކަމަށެވެ.
މިމަޝްރޫއާއި އެކު އައްޑޫގެ މޫނުމަތި ބަދަލުވެގެންދާނެ ކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ޔޮޓް މެރީނާއާއި ކުރޫޒް ޓާމިނަލް ހަދަން ނިންމާފައިވަނީ ފޭދޫ އާއި ގަން ހިމެނޭ ގޮތަށް ކަމަށެވެ.
"ފޭދޫގައި އޮތް ރަސްމީ ބޯޅަ ދަނޑާއި، އެ ދަނޑާއި ގުޅުންހުރި ފޭދޫގެ ހިއްކި ބިމާއި އަދި ގަމުގެ ކޯޒްވޭ ސަރަހައްދާ އެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާ އަކާއި އެކު 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާނެ ވަރުގަދަ ޕްރޮޖެކްޓެއްގެ މިއީ،" މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި މިމަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ޓާމިނަލް އެޅުމަށް އެކަނި ވެސް އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ކައުންސިލުން މިހާރު ވަނީ ކަނޑައަޅާފަ އެވެ.
މިމަޝްރޫއަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ނިޒާރު ވިދާޅުވި ނަމަވެސް އެއްވެސް ފަރާތެއްގެ ނަން ހާމަކުރައްވާފައެއް ނުވެ އެވެ. އެކަމަކު މަޝްރޫއު އަވަހަށް ފެށުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އައްޑޫ އަށް ކުރިން ވަރަށް ގިނައިން ޔޮޓްތައް ދަތުރުކުރާތީ ޔޮޓް މެރީނާއެއް އައްޑޫގައި ހެދުމަށް މީގެކުރިން ވެސް ބައެއް މަސައްކަތްތައް ކޮށްފައިވެ އެވެ. އޭރުވެސް އެ މަޝްރޫއު ކުރިއަށް ގެންދަން ޕްލޭން ކުރީ ފޭދޫގަ އެވެ. ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން އައްޑޫ އަށް ޔޮޓްތައް ދިއުން ވަރަށް ބޮޑަށް މަދުވުމުން އެ މަޝްރޫއު ފަހުން އޮތީ މެދުކެނޑިފަ އެވެ.