ވާހަކަ

ސިއްތާ

(28 ސެޕްޓެމްބަރ 2021 އާ ގުޅޭ)

އައިގަދަ ރުޅިން ނީރާ ރޫރޫ އަޅާލިއެވެ. އެ ގަދަ ރުޅީގެ އާވިން ދެ ލޮލަށް ކަރުނަ ވެސް ޖަމާވެއްޖެއެވެ. ހަރުކޮށް ހިނގާފައި ޓެންޓާ ދިމާއަށް ނީރާ ހިނގައިގަތެވެ. ވަކި ހިސާބަކުން އޭނާ ދުއްވައިގަތީއެވެ.

ޓެންޓުތެރޭގައި ހުރި ސާމާނުތައް އެފުށްމިފުށަށް ޖަހާލުމުން ވެސް ނީރާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ޓެންޓުން ނުކުމެ ބިއްދޮށަށް ނީރާ އައެވެ. ތުނޑީގެ ފަސްގަނޑު ދުރަށް ފެތުރިފައި އޮތްއިރު ރާޅުޖަހާއަޑު ކެނޑިނޭޅި އިވިއިވި ހުއްޓެވެ. ވެލިގަނޑުމަތީ ދެފައިވަށްކޮށްލައިގެން ނީރާ އިށީނެވެ. މޫނުގައި އަތް އަޅާލައިގެން އިރުކޮޅަކު އޭނާ އިނެވެ. ދެން މޫނުން ދެއަތްތިލަ ދުރުކޮށްލައި ފުންކޮށް ނޭވާއެއް ލިއެވެ. ލޮލުގައިވީ ކަރުނަތައް ހިންދާލީއެވެ. ރުޅިން ސަލާމަތްވެ މީހާ ހަމަޖެހުނީއެވެ.

"ވީ އާ ޓްރައިން ފޯ އަ ބޭބީ." އީހާނުގެ އެ ޖުމްލަ ނީރާގެ ކަންފަތުގައި ހަރުލައިފަވެއެވެ.

ދިރިއުޅުމާއިގެން ކުރިއަށްދެވިދާނޭ ކަމާމެދު ނީރާއަށް ޝައްކެވެ. އޭނާ ވަރަށް ކެތްކޮށްފިއެވެ. އީހާނުގެ ކިބައިން މިނިވަންވެ އެ އާއިލާއާ ވެސް ދުރަށްދާން ނީރާ ބޭނުމެވެ. ހަމަނޭވާލާން އޭނާ ވަނީ ނުހަނު ބޭނުންވެފައެވެ. ދަރިއަކު ހޯދަން އީހާނު ގަސްދުކުރާއިރު ދެމެދުގައި އެއްވެސް ކަމެއް ރަނގަޅުނޫންކަން އީހާނަށް ނުވިސްނެނީބާއޭ ނީރާ ހިތަށް އަރައެވެ. އޭނާއަށް ނީރާގެ ހިތާމަތަކެއް ނުފެނެއެވެ. ދެމީހުން ގުޅިގެން އުފަލުން އުޅޭނޭ ގޮތުގެ ވާހަކަނޫން ވާހަކައެއް އީހާނު ނުދައްކައެވެ. މިހާރު އޭނާ ވިސްނާ ގޮތުން ނީރާ ހަމަޖެހޭނީ ކުއްޖަކު ލިބުނީމައެވެ. ފުރިހަމަ އާއިލާއަކަށް އެމީހުން ވާނީ އޭރުންކަމަށެވެ. އެކަހަލަ މީހަކަށް ވިސްނައިދޭނޭ ގޮތެއް ނީރާއަކަށް ނޭނގެއެވެ. އީހާނު ފެންނައިރަށް ނީރާއަށް ރުޅި އާދެވޭނީ އިޚްތިޔާރަކާއި ނުލައެވެ.

"މިތާތަ؟... އާދޭ އެތެރެއަށް." ކައިރިން އިވުނީ އީހާނުގެ އަޑެވެ. އެ މޫނު ފެނުމާއެކު ނީރާއަށް ދެބުމަ ގޮއްޖަހާލެވިއްޖެއެވެ.

"ތިހެން އިންދަ ފިނިވެދާނެ. އެންމެން ނިދަން ވަދެއްޖެ." އީހާނު ހިފާލީ ނީރާގެ ހިކަނދިމަސްގަނޑުގައެވެ. އަތްފޮޅުވާލަން ނީރާ އުޅުނެވެ. އީހާނު ހުރީ އެވަރު ވިސްނައިގެންނެވެ. ނީރާގެ އަތާއި އީހާނުގެ އަތް ވަކިވެގެން ނުދިޔައެވެ. ބާރަށް ހިފާލުމާއެކު ނީރާ ކޮޅަށް ނަގަން އީހާނު އުޅުނެވެ. ތެދުވި ގޮތަށް އީހާނުގެ މޭގައި އަޅައި ކޮށްޕާލާފައި ނީރާ އައިސް ޓެންޓަށް ވަނެވެ.

ނިދީގެ އަސަރު ލޮލުގައި ނެތް ނަމަވެސް ނީރާ އޮށޯވެލައިގެން އޮތެވެ. އީހާނަށް ފުރަގަސްދީގެންނެވެ. އެ ދެ ލޯ އަމާޒުވެފައި ހުރިކަމުގެ އިހްސާސް ނީރާއަށް ކުރެވެއެވެ. އޭނާ ފުރަގަސްދިނީ ވެސް އީހާނު ބަލަން އޮތީމައެވެ. ސިއްރުން ނީރާގެ ގާތަށް އީހާނު ޖެހުނެވެ.

"ކީއްކުރަން ތިއުޅެނީ..." ސިހިފައި ނީރާއަށް ބުނެވުނެވެ. އޭނާގެ ޠަބީޢަތް އިތުރަށް ގޯސްވީ އީހާނުގެ ހަށިގަނޑު ބޭނުންވެފައިވާ އެދުންވެރިކަން ހާމަކުރީމައެވެ.

ކައިވެންޏަށްފަހު އީހާނުގެ ލަދު ފަހަނައަޅައި ގޮސްފައިވެއެވެ. އޭނާގެ ހަށިގަނޑު ނީރާގެ ކުރިމަތީ ފޮރުވާކަށް އީހާނު މަސައްކަތެއް ނުކުރެއެވެ. ނީރާއަށް ބޭނުންވެއްޖެނަމަ އޭނާ އެކަން ފާޅުކަން ބޮޑުކޮށް ހާމަކުރެއެވެ. ކުރީކޮޅު ނީރާ ލަދުގަތް ނަމަވެސް އޭނާ މިހާރު ފޫހިވެ ރުޅި އަންނަނީއެވެ. އީހާނުގެ ހަށިގަނޑު ވެސް ފެންނަނީ މުޑުދާރު އެއްޗެއްގެ ގޮތުގައެވެ. އެހެންވިޔަސް އީހާނުގެ އެދުންތައް ކޮންމެވެސް ގޮތަކުން ފުއްދައިދޭން ނީރާއަށް މަޖުބޫރުވެއެވެ. ފުރިހަމަ ލައްޒަތައް ނުވިޔަސް ނީރާގެ ބީހުންތަކުން އީހާނަށް ފުދެއެވެ. އެހެންވިޔަސް މިރޭ ތަފާތެވެ. އެފަދަ ހިތްހަމަޖެހުމެއް އީހާނަށް ދޭން ނީރާ ފާޅުގައި ދެކޮޅު ހެދިއެވެ. އީހާނު ކޮށްޕާލީމާ ވެސް ދުރަށް ނުދިޔައެވެ. ހަޅޭލަވަން ބޭނުންވިޔަސް ނީރާއަކަށް ނުކެރުނެވެ. މިއަދު ދެމަފިރިންނަށް ވުމަކީ ވެސް މަޖުބޫރީއެކެވެ.

"ވަޓް ދަ..." ކުއްލިއަކަށް ނީރާގެ ގައިން އީހާނު ދޫކޮށްލިއެވެ.

ޓެންޓުގެ ތެރެއަށް ދުންތައް ޖަމާވާން ފެށިއެވެ. އަލިފާނުގެ ހުޅުގަނޑު ފެނުނީ ދެނެވެ. ޓެންޓު ހުޅުވާލުމާއެކު އެތެރޭގައި ހުރި ދަބަސްތައް އީހާނު ބޭރަށް އެއްލިއެވެ. ނީރާ ޖެހި ބުދެއްހެން އިންދާ އޭނާގެ އަތުގައި ހިފައި ޓެންޓުން ބޭރަށް ދަމައިގަނެއްޖެއެވެ. ވެލިގަނޑު މައްޗަށް އީހާނާއެކު ނީރާ ވެއްޓުނެވެ. ޔަމާނަށް އީހާނު ގޮވާ އަޑަށް އެމީހުން ޓެންޓުން ނުކުތެވެ. އީހާނާއި ނީރާގެ ޓެންޓުގައި އަލިފާން ރޯވެ އަނދައަނދާ ހުރި މަންޒަރު ފެނި އެންމެން ވެސް ހާސްވިއެވެ. އެހިސާބަށް އަލިފާން ދިޔައީ ކިހިނެއްތޯ ޔަމާނަށް ވެސް ސުވާލުކޮށްލެވުނެވެ. އެމީހުން ޖަހާފައި ހުރި އަލިފާންގަނޑު ހުރީ ހުލިވާން ކައިރިވެފައެވެ. ކަނޑުން އަރައިގެން އަންނަ ރޯޅި ގަދަވެފައިވުމުން، ވަޔާ އަލިފާން ކަންޏެއް އަތުވެދާނޭކަމަށް ލަފާކުރިއެވެ. އީހާނު އެކަން ގަބޫލުކޮށްލިއެވެ. ޓެންޓުން ނުކުމެ ހުރި އުޝާ ވަށައިގެން ހޯދަން ފެށިއެވެ. ލައިޒަލް އެނބުރި ޓެންޓައް ނާންނަކަން އުޝާއަށް އެނގެއެވެ. އޭނާއަށް ފެނުނީ ރާޅުފަށުން ލައިޒަލް އަރައިގެން އެމީހުނާ ދިމާއަށް އަންނަތަނެވެ.

ޓެންޓު އަނދާ ހުލިވީއެވެ. އެތަން ބަލަން ހުރެފައި ރިދާ ބަލާލީ ލައިޒަލްއަށެވެ. ދެ ޓެންޓު ހުރީތީ އެއް ޓެންޓުގައި ހުރިހާ އަންހެންކުދީން ތިބެން ހިޔާލު ދިނީ ރިދާއެވެ. އެ ނިންމުމަށް ލައިޒަލް ބޯޖަހާލަމުން ހިނިތުންވެލީ ކޮންމާނައެއްގައި ކަން ރިދާއަށް ނޭނގުނެވެ. އޭނާ އެހެން ނިންމީ ލައިޒަލްއަށް ޓަކައެއް ނޫނެވެ. ނީރާއާ މެދު ހަމްދަރުދީވެފައެވެ. ނީރާ ގޮވައިގެން ރިދާ ޓެންޓުގެ ތެރެއަށް ވަނީއެވެ. ލައިޒަލްގެ ކައިރީ ހުރި އުޝާއަށް ނީރާއާއި ރިދާއާއެކު ޓެންޓަށް ވަނުމަށް ބުންޏެވެ. އީހާނު ވިސްނަން އިން ފަދައަކުން ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިނެވެ. ޔަމާނާއި ލައިޒަލް ވެސް ގޮނޑީގައި އިށީނދެ ތިބީ އެވަގުތައް ނިދި ފިލާފައި ވުމުންނެވެ.

"ގެއްލުމެއްވިތަ؟" ޔަމާނު އަހާލީ އީހާނުގެ ކައިރީއެވެ. އެކުވެރިޔާއަށް ބަލާލުމެއްނެތި އޭނާ ހަމައެކަނި ދެފަރާތަށް ބޯހޫރާލީއެވެ.

ޝައްކުގެ ނަޒަރަކުން ޔަމާނު ބަލާލީ ލައިޒަލްއަށެވެ. އޭނާ ހިމޭންކަމާއެކު ހަރަކާތެއްނުކޮށް އިން ގޮތަށް އިނީއެވެ. އެހެންވިޔަސް އެކުވެރިޔާގެ އަތެއް މިކަމުގައި ވާހެން ޔަމާނަށް ޔަގީންވަނީއެވެ. އީހާނަށްފަހު ޔަމާނާއި ރިދާ ވެސް ޓެންޓަށް ވަނީއެވެ. އޭރު އަލިފާންގަނޑު ކައިރީ ގޮނޑީގައި އިނީ ލައިޒަލް އެކަންޏެވެ. އަލިފާން ރޯވެގެން އީހާނު ގޮވާ އަޑަށް ޔަމާނު ނުކުތްއިރު އެތަނުގައި ނެތީ ވެސް ލައިޒަލް އެކަންޏެވެ. އޭރު ވެސް އޭނާ ހުރީ ޓެންޓުން ބޭރުގައެވެ. މިހުރިހާ ހާލަތަކަށް ވިސްނާއިރު ޔަމާނަށް ޔަގީންވަނީ ލައިޒަލް ކުރި ކަމަކަށެވެ. އެވާހަކަ ނުދައްކަން ޔަމާނު އިނީ އީހާންގެ ކުރިމަތީ ލައިޒަލްއާ ސުވާލެއް ކުރުން ރަނގަޅު ނުވާނޭތީއެވެ.

ފަތިހުގެ ވަގުތެވެ. ކިރިޔާ ބިމަށް އަލިވެލީއެވެ. އުޝާއާއި ރިދާއަށް ނިދިފައި ތިބިއިރު، ފޯނު ބަލާލާފައި ނީރާ ޓެންޓުން ނުކުތެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ފުރަތަމަ ވެސް ނީރާއަށް ބަލާލެވުނީ އަނދާފައި އޮތް ޓެންޓަށެވެ. މަޑުމަޑުން އޭނާ ހިނގަން ފެށީ މޫދާ ދިމާއަށެވެ. ރާޅުފަށް ފެންނަ ހިސާބުގައި އިށީނދެ ފައިކުރުކޮށްލިއެވެ. ތަފާތު ފިނިކަމެއް ފަޒާގައިވިއެވެ. ކަކުލުގައި އަޅުވާލި އަތުގައި ބޯޖަހައްސާލައިގެން ދުރަށް ގެއްލިފައި އޭނާ އިނެވެ. އެ ދަތުރު އައީ ސަބަބާމެދު ނީރާ ވިސްނިއެވެ. އޭނާ އެއްބަސްވީ އީހާނު ކުރި އާދޭހުގެ ސަބަބަކުން ނޫނެވެ. ނީރާ އެއްބަސްވީ އަމިއްލަ ހިތުގެ އެދުމަށެވެ. އެ ހިތް ވަނީ ލައިޒަލް ދުށުމަށް ބޭނުންވެފައެވެ. މި ދަތުރަކީ ގާތުން ލައިޒަލް ދުށުމަށް ލިބޭނެ ފަހު ފަރުސަތަށް ވެދާނޭތީއެވެ. ހުރިހާ ހަނދާނަކާއެކު އޭނާ ލައިޒަލްގެ ލޯބީގައި ދެމިހުންނާނެއެވެ. އެކަމަކު އެއީ ފާޅުކުރެވެންނެތް ހިމޭން ލޯތްބަކަށް ވެއްޖެއެވެ. އެގޮތް ވެސް ނީރާއަށް މިހާރު ފުދެއެވެ. އަމިއްލަ ނިންމުގެ ސަބަބުން މިއަދު އޭނާގެ ލޯބި ގެއްލިއްޖެއެވެ.

"ރޮނީތަ؟" ލައިޒަލް އަހާލިއެވެ.

ނީރާ ބަލާލިއިރު ލައިޒަލް ހުރީ ކައިރީގައެވެ. ރޮއެގެން ފުރިހަމަވާނޭ ކަމެއްނެތެވެ. ނީރާ މަޑުމަޑުން ބޯހޫރާލިއެވެ. އޭނާ ތެދުވެ ދާން އުޅުމުން ނުދާށޭ ލައިޒަލް ބުނެލިއެވެ. އެއާއެކު ނީރާ ހުއްޓި ލައިޒަލްއަށް ބަލާލިއެވެ. ފިނިނޭވާއެއް ދޫކޮށްލާފައި އަތުގެ އިޝާރާތުން ނީރާ ވާހަކަދެއްކިއެވެ.

"މިހާރު އަހަރެމެންނަކީ އެހެން މީހެއްގެ އަނތްބަކާއި ފިރިއެއް. ކޮން ގުޅުމެއް މި ދެމެދުގައި އޮތީ... އެކުވެރިކަންތަ؟"

"ވީ އާ ނޮޓް ފްރެންޑްސް. ރަހުމަތްތެރިއަކާ އެފަދަ ގާތްކަމެއް އަހަރެން ނުބާއްވަން. ނީއަށް އެނގޭނެ އަހަރެމެންގެ މެދުގައި އޮތީ ކިހާވަރެއްގެ ގުޅުމެއްކަން." ލައިޒަލް ވެސް ވާހަކަދެއްކީ ނީރާ ފަދައިން އިޝާރާތުގެ ބަހުރުވައިންނެވެ.

"ފިޒިކަލް ރިލޭޝަންއެއް." ނީރާ ބުންޏެވެ.

"އިޓްސް މޯ ދެން ދެޓް." ލައިޒަލް ވަގުތުން ރައްދު ދިނެވެ.

"އަހަރެން ވަރުބަލިވެއްޖެ. ލައިޒަލް ނުވޭތަ ވަރުބައްޔެއް. އަހަރެން ލައިޒަލްގެ ކައިރިއަށް ނާންނާނޭކަން އެނގޭއިރު ރުޅިއެއް ނާދޭތަ؟ އަހަރެންގެ މަތީން ހަނދާންނައްތާލާކަށް ބޭނުމެއްނުވޭތަ؟. އީހާނު ދެއްކި ވާހަކަ އަޑު އެހީމެންނު. ދެން ވެސް ފޫސެއް ހަމަ ނުވޭތަ؟."

"ވަރުބަލިވެގެން މަޑުޖެހިއްޖެނަމަ މުޅި އުމުރަށް ނީ ގެއްލިދާނެ. ކޮންމެ ބަހަނާއެއް ދެއްކިޔަސް ތި ދެ ލޮލުން ފެންނަނީ ނީ އަހަންނަށް ބޭނުންވެފައިވާކަން. ލޯބިވާ މީހުން ވަކިކުރަން އަދިވެސް ނޭނގޭތަ؟. ނީގެ ތި ސެކްރިފައިސް ބަލައިގަންނަނީ ކާކު. ޔޫ އާ ނޮޓް ހެޕީ. ޔޫ ހޭޓް ޔޯ ސެލްފް... ތިހެން އުޅުމަށްވުރެ އެމީހުން ދޫކޮށްލާފައި އަހަރެންގެ ކައިރިއަށް އައުން މާ ރަނގަޅެއްނު. މަންމައަކު ދަރިއަކުދެކެ ހަގީގީ ލޯބިވާނަމަ ދަރިފުޅުގެ އިހްސާސްތައް އިސްކުރާނެ. ހުރިހާ މަންމައިންނަކީ އެ މަގާމް ޑިޒާވްވާ ބައެއްނޫން. އެމީހުން ވެސް ނެރެނީ އެމީހުންގެ އަމިއްލަ އެދުން." ލައިޒަލްގެ ވާހަކައިގެ މިސްރާބު އަމިއްލަ ދިރިއުޅުމާއި ގުޅިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ.

"ލެޓްސް ސްޓޮޕް ދިސް." ނީރާ ބުންޏެވެ. އެހިނދު ލައިޒަލް ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ނީރާގެ ގައިގާ އަތްލުމަށް އަތް ހިއްލާލިއެވެ. ނަމަވެސް ނީރާ ޖެހުނީ ފަހަތަށެވެ. އޭނާ ވިސްނީ މަސްލަހަތަށެވެ. އެ ދެމީހުން އެކުގައި ފެންނަން ބޭނުންނުވާތީއެވެ. ޓެންޓުތަކާ ދިމާއަށް ނީރާ ހިނގައިގަތީ ދެމީހުން އެކަހެރިވެ ތިބެންވެއްޖެނަމަ އޭނާއަށް ލައިޒަލްއާ ދެކޮޅުވާން އުނދަގޫވާނޭކަން ވިސްނޭތީއެވެ. އަދި ލައިޒަލްގެ އެންމެ ބީހިލުމަކުން ވެސް ނީރާގެ ހިތް ބެހިގެން ހިނގައިދާނެއެވެ.

ހެނދުނު ނުވައެއް ޖެހިއިރު ލާންޗު އަތުވެއްޖެއެވެ. ލާންޗުން ފޭބި ފަޅުވެރިއަކާއި ލައިޒަލްމެންގެ ތިން ޒުވާނުންނާ ވެގެން ސާމާނުތައް ލާންޗަށް އެރުވިއެވެ. އެންމެން ލާންޗަށް އެރީ އޭގެ ފަހުގައެވެ. މާލެއަށް އައުމުގެ ދަތުރުމަތީ އެއްބަޔަކު އަނެއްބަޔާ ވާހަކައެއް ނުދައްކައެވެ. މާލެ އާދެވުމާއެކު އެންމެން އެބައެއްގެ މަންޒިލަށް ދާން އުޅުނެވެ. އެވަގުތު އީހާނާއި ޔަމާނަށް ގޮވާލީ ލައިޒަލްއެވެ. ލައިޒަލްއާއި އުޝާ ދިރިއުޅޭ އެޕާޓްމެންޓަށް އެރޭ އައިސް ދިނުމަށް އޭނާ އެދުނެވެ. ކޮންކަމަކުތޯ ޔަމާނު އަހާލުމުން ވެސް ލައިޒަލް ތަކުރާރުކޮށް ބުނެލީ އައިސް ދޭށެވެ. އަދި އީހާނު އަންނާނޭތޯ ލައިޒަލް ޔަގީންކުރިއެވެ.

"އަހަރެން ވަރަށް ޓަޔަޑް، ދަތުރުގައި ރަނގަޅަށް ނުނިދޭ." އެންމެން ދިއުމުން އުޝާ ވާހަކަދެއްކިއެވެ. ދަތުރުގަ ބޭނުންކުރި ސާމާނުތަކުން ބައެއް އެއްޗިއްސަކީ ރައްދުކުރަން ޖެހޭ އެއްޗިއްސަށް ވާތީ އެކަން މީހަކާ ހަވާލު ކުރުމަށް ލައިޒަލް އުޅުނެވެ. މިފަހަރު ޔަމާނު މަޑުނުކުރީ ލައިޒަލްދެކެ ހިތްހަމަނުޖެހިފައި ހުރެގެންނެވެ. އެ ދަތުރަކީ ލައިޒަލްގެ އަމިއްލަ އެދުން ހާސިލުކުރަން ރޭވި ދަތުރަކަށް ވެފައި ދަތުރުގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުންނެވެ.

"އެމީހުން އައުމަކުން އުޝާއަށް ކަމެއްކުރާކަށް ނުޖެހޭނެ. މުޅި ދަތުރުގަ އުޝާ އަހަންނަށް ހެލްޕްވާނެކަމަށް ހީކުރީ." ލައިޒަލް ބުނެލިއެވެ. އޭނާގެ ފަހު ޖުމްލަ އިވިފައި އުޝާ ހިމޭންވީއެވެ. ލައިޒަލް އެބުނާ އެހީތެރިކަމަކީ ކޮންކަމަކަށް އޭނާ ބޭނުންވި އެހީތެރިކަމެއްކަން އުޝާއަށް ރަނގަޅަށް އެނގޭތީއެވެ.

* * * * *

ގެއަށް ވަން ގޮތަށް ދެ ޒުވާނުން މިސްރާބު ޖެހީ ކޮޓަރިއަށެވެ. އެނދުމައްޗަށް އީހާނު ވެއްޓިގަންނަން އުޅުނު ވަގުތު އެކަން ނީރާ ހުއްޓުވިއެވެ. ފެންވަރައިގެން ނުކުމެ ހެދުން ބަދަލުކުރާން ނީރާ ބުންޏެވެ. އެ އެނދުގެ ތަންމައްޗަކީ އޭނާ ވެސް އޮންނަތަން ވީމައެވެ. އީހާނު ވަގުތުން ލާނެތްވެލިއެވެ. ވަގުތު ސަލާމަތްކުރަން ދެ މީހުން އެކުގައި ފެންވަރަން ބުނެލިއެވެ. އެއާއެކު ނީރާ ބޭނުންވާ އެއްޗެހި ހިފައިގެން ކޮޓަރިން ނުކުތް ގޮތަށް ވަނީ އޭނާގެ ކޮޓަރިއަށެވެ. ހިނިއައިސްފަ ހުރެގެން އީހާނު ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ.

ބޭރުން ގެއަށް އައިސް ވަން ލަމްހާއަށް އީހާނާއި ނީރާ ގެއަށް އައިކަން އެނގުނީ އީހާނުގެ ފައިވަން ފެނިފައެވެ. އަވަސްއަވަހަށް އޭނާ އައިސް އީހާނުގެ ކޮޓަރީގައި ޓަކި ދިނެވެ. ދޮރުނުހުޅުވައިގެން އީހާނާއި ނީރާގެ ފޯނަށް ގުޅިއެވެ. އެއްވެސް ކުއްޖަކު ފޯނެއް ނުނެގިއެވެ. އެހެންވެ ގަނެގެން އައި އެއްޗެހި އެ ހުންނަންވާ ތަންތަނުގައި ތަރުތީބު ކުރުމުގައި ލަމްހާ އުޅުނެވެ. ކޮންމެވެސް އިރަކުން އެމީހުން ކޮޓަރިން ނުކުންނާނޭކަން އެނގޭތީއެވެ.

"ނީރާ..." ނީރާގެ ކޮޓަރީން ނުކުމެގެން ދާތީ ފެނުމާއެކު ލަމްހާއަށް ގޮވާލެވުނެވެ.

"ތި ކޮޓަރިއަށް ވަނީ." ސުވާލުގެ ނަޒަރަކުން ލަމްހާ ބަލަން ހުރެ ބުނެލިއެވެ.

"އަވަސްކޮށްލަންވެގެން. އީހާނު ކޮޓަރީ ފާހާނާގަ." ނީރާ ބުނެލިއެވެ. ލަމްހާ ބޯޖަހާލާފައި ނީރާ ގާތު ވާހަކައެއް ދައްކާލަންވެފަ އޮތްކަން ބުންޏެވެ.

"އެއްޗެހި ދޮންނަން ލާފަ އެބައަންނަން" ނީރާ ބުނެލިއެވެ. އީހާނުގެ ހުރިހާ އެއްޗެއް މިހާރު ހުންނާނީ ކޮޓަރިތެރޭ އެތަން މިތަނަށް އެއްލާފައިކަން ނީރާއަށް އެނގެއެވެ. ނުބައިވަސް ކޮޓަރީގަ ނުހިފަނީސް ނީރާ އަވަސްވެލީ ދަތުރުގަ ބޭނުންކުރި އެއްޗެހި ކޮޓަރިން ނެރެ ދޮންނާށެވެ.

އެންމެ ރަނގަޅޭ ބުނާ އުސޫލުން ލަމްހާ ބޯޖަހާލިއެވެ. އޭނާ ނީރާގެ އިންޒާރުގައި ހުއްޓާ އީހާނު ކޮޓަރިން ނުކުމެގެން އައެވެ. މަންމަ ކައިރީ ފިނި ޖޫސްތަށްޓެއް ދިނުމަށް އޭނާ އެދުނެވެ. ލަމްހާ ޖޫސް އަޅައިދޭން އުޅެމުން ދަތުރު ކިހިނެއްތޯ އަހާލިއެވެ. އީހާނު ކަޅުވެއްޖެއޭ ބުނެލިއެވެ. ދަތުރުގައި ތަފާތުކަމެއް ހިނގިކަން އޭނާ ފާހަގައެއް ނުކުރިއެވެ. ނީރާ އައިސް އެމީހުންގެ ކައިރީ މަޑުކޮށްލުމާއެކު އީހާނު ބޯން އިން ޖޫސްތަށި ދިއްކޮށްލިއެވެ. ފިނިކަމުން ބޯލުމުން އަރާމުވާނޭ އީހާނު ބުނެލީ ތަށީގައި ނީރާ ނުހިފީމައެވެ. ނީރާ ވަގުތުން ބޯހޫރާލިއެވެ. އެ ކުޑަކުޑަ އިޝާރާތް ފަރުވާތެރިވެ ހުރީތީ މިފަހަރު ލަމްހާއަށް ފާހަގަވިއެވެ. އީހާނު ބޯން އިންނަ އެއްޗެއް ދިއްކޮށްލާނީ ނީރާއަށް ކަމުދާނޭކަން އެނގޭތީއެވެ. އަދި އީހާނު ބޯން އިންނަ ތަށި އެގޮތަށް ދިއްކުރުމުން ނީރާ އެ ތަށިން ބުއިމަކީ ކުޑައިރުން ފެށިގެން ވެސް އެ ދެމީހުންގެ އާދައެކެވެ.

"މަންމައާއެކު ކޮޓަރިއަށް އައިސްބަލަ." ނީރާގެ ކޮނޑުގައި ފިރުމާލަމުން ލަމްހާ ބުންޏެވެ. އެއާއެކު ވަގުތުން އީހާނު ސަމާލުކަމަށް އައިކަން ލަމްހާ ދެނަހުއްޓެވެ.

"ކީއްކުރަން؟" ސުވާލު ކުރީ އީހާނެވެ.

"ސާބަސް، އަހަރެމެން އަންހެނުން ދައްކާ ހުރިހާ ވާހަކައެއް ފިރިހެނުން ބަލަން ޖެހޭތަ؟." ލަމްހާ ސަމާސާއަކަށް ހެދިއެވެ.

"އަހަރެން ކައިރީ ނުބުނެވޭ ވާހަކައެއް، އެއީ ކޮންވާހަކައެއް." އީހާނު ސުވާލުކުރިއެވެ.

އެއްގޮތަކަށް ވެސް އީހާނުގެ ކިބައިން ލަމްހާއަށް ކުރިއެއް ނުހޯދުނެވެ. ގަދަ ހަދާލާފައި ނީރާ ގޮވައިގެން ދާން ލަމްހާ ގަސްދެއް ނުކުރިއެވެ. އޭނާ ވިސްނީ ނީރާ އެކަނި ހުންނަ ވަގުތަކު ކައިރިއަށް ގެންގޮސް ވާހަކަދައްކާށެވެ. އީހާނު ހުއްޓާ ނީރާއާ ވާހަކަދެއްކުން ރަނގަޅު ހިޔާލަކަށް ލަމްހާއަށް ވެސް ނުވެއެވެ.

ރޭގަނޑު ނުވައެއް ޖެހިފަހުން އީހާނާއެކު ނީރާ ބޭރަށް ދިޔަކަން ލަމްހާ ދެނަހުއްޓެވެ. އޭނާ ވެސް ސުޖާއުއާއެކީ ނުކުތީ ބޭރަށެވެ. ކުދީން ދިޔައީ ކޮންތާކަށްކަމެއް ނޭނގެއެވެ. ދެމަފިރިން ރެސްޓޯރެންޓްގެ ކޮފީމޭޒުދޮށުގައި ތިބެފައި ނުކުތީ ކާރުގައި ބުރުޖަހާލުމަށެވެ. މާލޭގެ ބޭރުމަގުން ދުއްވަމުން އައިސް ހުޅުމާލެއަށް އެރިއެވެ. ގެއާ ދިމާއަށް މިސްރާބު ޖެހިއިރު އެގާރަޖެހިތާ ގިނައިރެއް ނުވެއެވެ. އެޕާޓްމެންޓް ހުންނަ އިމާރާތުގެ ވަންނަ ދޮރާ ދިމާގަ ޓެކްސީ އޮތުމުން ސުޖާއު ކާރު މަޑުކޮށްލިއެވެ. އެހިނދު އެ ދެމަފިރިންނަށް ފެނުނީ ޓެކްސީއިން ފޭބި ނީރާއެވެ. ހަލުވިކޮށް އެތެރެއަށް ވަދެގެން ދިޔަތަނެވެ.

"އީހާނު ކޮބާ؟" ލަމްހާއަށް ކުރިއަށް ޖެހިލެވުނީ ޓެކްސީއިން ނީރާ ފޭބުމުން އެ ނައްޓާލީމައެވެ. އީހާނެއް އޭނާއަކަށް ނުފެނެއެވެ.

ލިފްޓުގައި ހުރިއިރު ވެސް ނީރާއަށް ރޮވެނީއެވެ. ދެ ލޯ ފުހުނަސް ކަރުނަތައް ހުއްޓުމަކަށް ނައެވެ. އޭނާ އެ އައީ ލައިޒަލްއާއި އުޝާ އުޅޭ އެޕާޓްމެންޓުންނެވެ. އެކަކު ކައިރީ ވެސް ނުބުނެއެވެ. އެ އަނދިރި އެޕާޓްމެންޓްގެ ތެރޭ ހުންނަން ބޭނުންނުވެގެންނެވެ. މިއަދު ލައިޒަލްއާއި އީހާނުއާ ދެމެދު ތަފާތެއްނެތޭ ނީރާގެ ހިތަށް އެރިއެވެ. ރޮމުންރޮމުން ނީރާ އައިސް އެޕާޓްމެންޓް ހުޅުވަން އުޅުނެވެ. ދެ ލޯ ކަރުނުން ފުރޭތީ ތަނެއް ފެންނަވަރެއް ނުވިއެވެ. ލޮލުގައި އަތް އަޅައިގެން އިރުކޮޅަކު ނީރާ ހުއްޓެވެ. ލިފްޓުގެ އަޑު އިވުމާއެކު އަވަހަށް ދެ ލޯ އުނގުޅާލާފައި އެޕާޓްމެންޓް ހުޅުވައި އެތެރެއަށް ވަނެވެ. އަމިއްލަ ކޮޓަރިއާ ދިމާއަށް ނީރާ ހިނގައިގަތް ވަގުތު މައިދޮރު ހުޅުވިއްޖެއެވެ. ފަސްއެނބުރި ބަލާލެވުނީ އީހާނު އައީއޭ ހީވެގެންނެވެ.

"ނީރާ..." އިންތިހާއަށް ކަންބޮޑުވެ ހުރެ ލަމްހާއަށް ގޮވާލެވުނެވެ.

މަންމަ ފެނުމުން ނީރާގެ ކެތްތެރިކަން ކޮޅުންލިއެވެ. ބާރަށް އޭނާއަށް ރޮވިއްޖެއެވެ. މޫނުގައި ދެއަތް އަޅައި އެ ސިފަ ފޮރުވަން އޭނާ މަސައްކަތް ކުރިއެވެ. ލަމްހާ ދުވެފައި އައިސް ނީރާގެ ގައިގާ އޮޅުލައިގަތެވެ. ނުހިފެއްޓިގެން އުޅޭ ފަދައިން ނީރާގެ ރުއިން ހައްތަހާވީ ބާރެވެ. ލަމްހާ ގޮވާއިރު އެ އަޑު ވެސް ނީރާގެ ކަންފަތާ ހަމައަކަށް ނުފޯރައެވެ. ވީގޮތެއް ނޭނގި ސުވާލުކުރާއިރު ނީރާ އަނގަޔަކުން ނުބުނެއެވެ. ގިސްލަމުން ގޮސް އެކުއްޖާ ހިނދިދާނޭ ހީވާ ކޮންމެ ފަހަރަކު ލަމްހާއަށް ސުޖާއުއަށް ގޮވާލެވެއެވެ. ސުޖާއު ވެސް ލަމްހާގެ ގާތުގައި ހުރެ ނީރާއާ ވާހަކަދައްކަނީއެވެ. ވީގޮތެއް އެ ދެމީހުންނަށް ވެސް އެނގެނީއެއް ނޫނެވެ.

ނީރާ އެނބުރިލީ ކޮޓަރިއަށް ވަންނާށެވެ. އޭނާ ހިފެހެއްޓުމުގައި ބަދަލުގައި ނީރާއާއެކު ލަމްހާ އެ ކޮޓަރިއަށް ވަނެވެ. ވަށައިގެން އެ ކޮޓަރިއަށް ނީރާ ބަލަން ފެށުމުން ލަމްހާ އޭނާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.

"ނީރާ... މަންމައާ ވާހަކަދައްކަބަލަ. ނުބުނަންޏާ މަންމައަށް ކިހިނެއް އެނގޭނީ. އީހާނު ކޮބާ؟ ދަރިފުޅު ދިޔައީ އެކަންޏެއްނޫން." ލަމްހާ ވާހަކަދެއްކިއެވެ. ނީރާ އެނދުގައި އޮށޯވެލުމާއެކު ބާލީހުގެ ތެރޭ މޫނު ފޮރުވާލިއެވެ. އޭނާ ލަމްހާއާ ވީހާ ވެސް ދުރަށް ޖެހެން އުޅޭހެން ޚުދު ލަމްހާއަށް ވެސް ފާހަގަވެއްޖެއެވެ.

"ސުޖާ އިހަށް ދޭ. އީހާނު ގެއަށް އަޔަސް މިތަނަށް އަޔަނުދޭތި." ކޮޓަރިތެރޭ ހުރި ސުޖާއުއަށް ބަލާލާފައި ލަމްހާ ބުނެލިއެވެ. ބޯޖަހާލާފައި ސުޖާއު އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

އެއްފައި އެނދުމައްޗަށް އަރުވާލަމުން ލަމްހާ ޖެހިލީ ނީރާއާ ގާތަށެވެ. ނީރާގެ ބޮލުގައި އޭނާ ފިރުމަންފެށިއެވެ. ހުއްޓާލާފައި ވެގެން އުޅޭ ގޮތެއް ކިޔާދޭން ލަމްހާ އެދުނެވެ. ނަމަވެސް އޭނާއާ ނީރާ ވާހަކައެއް ދައްކަން ގަސްދުކުރާހެން ހިޔެއްނުވެއެވެ. ހިތުގައިވީ ސުވާލުތައް ލަމްހާ ދުލުން ބޭރުކޮށްލަން ނިންމީ އެހެންވެއެވެ.

"ދަރިފުޅަށް އީހާނު އަނިޔާ ކުރޭތަ؟" ލަމްހާ އަހާލިއެވެ. ނީރާ ދެފަރާތަށް ބޯހޫރުވާލިއެވެ.

"ނީރާ، އީހާނާއެކޭ އެއްގޮތަށް ދަރިފުޅުދެކެ ވެސް މަންމަ ވަރަށް ލޯބިވޭ. އެހެންވީމަ އީހާނު ސަލާމަތްކުރަން މަންމަ ކައިރީ ދޮގު ނުހަދައްޗޭ. ނީރާ ދެރަވެގެން އުޅޭކަން މަންމައަށް އެނގޭ. ރޭގަނޑު ނުނިދާ ހޭލާ އުޅެނީ. އެކަނިމާއެކަނި ނުކުމެ ބޭރުގައި އިންނަނީ. ރޯތީ މަންމަ ދުށީން. ކަމެއްނުވާނަމަ ނީރާއަކީ އެހެން އުޅޭނެ ކުއްޖެއްނޫންކަން މަންމަ ރަނގަޅަށް އެނގޭ. ބުނެބަލަ ދަރިފުޅާ... މަންމަ އަޑު އަހާނަން. ތެދަށް ބުނެބަލަ... އީހާނު ގޯސްކޮށް ދަރިފުޅާމެދު ކަންތައް ކުރަނީތަ؟ ދަރިފުޅު ނުރުހޭކަމެއް ކުރަނީތަ؟" ލަމްހާގެ އަޑު ބަދަލުވެލިއެވެ.

ލަމްހާ ރޮނީކަން ނީރާއަށް ނަގައިގަންނަން އުނދަގުލެއްނުވިއެވެ. ތަންމަތިން ނީރާ ބޯ ހިއްލާލި ގޮތަށް މަންމަގެ އުނގުގައި ބޯއަޅާލިއެވެ. ދެއަތުން މަންމަގެ ގައިގާ އޭނާ ބައްދާލީ ނުހަނު ބާރަށެވެ. ދެފަރާތަށް އޭނާ ބޯހޫރުވަން ފެށުމުން ބޮލުގައި ލަމްހާ ހިފެހެއްޓިއެވެ.

"މަންމާ..." ނީރާއަށް ގޮވާލެވުނެވެ.

"މަންމައަށް ގޮވާލަން ނީރާ ހަނދާންނެތުނީތަ؟ ކައިވެންޏަށްފަހު ދަރިފުޅު އެއްފަހަރު ވެސް މަންމައަށް ގޮވާނުލާ."

"މަންމާ... މަންމާ..." ރޮވެމުންދިޔަ ނީރާ ގޮވާލިއެވެ.

"ނަސްރާގެ އަމާނާތައް ރައްކާތެރިވާން އަހަރެން ވަޢުދުވިން. އެކަމަކު ދަރިފުޅު ހިތާމަކުރާކަން އެނގޭއިރު އޭނާއާ އަހަރެން ކުރިމަތިލާނީ ކޮންމޫނަކައިގެން." ލަމްހާ ވާހަކަދެއްކިއެވެ.

"މަންމާ... އަހަންނަށް ފުރިހަމަކޮށްދެވޭވަރު ހުވަފެނަކަށް މަންމަގެ ހުވަފެންނުވޭ. އަހަރެން... ބޭނުމީ... އަހަރެން ވަރިވާން ބޭނުމީ." ނީރާ އިހުނަށްވުރެ ބޮޑަށް ލަމްހާގެ އުނގުގައި މޫނު ފޮރުވާލިއެވެ. (ނުނިމޭ)