(28 އޮކްޓޮބަރ 2021 އާ ގުޅޭ)
ލައިޒަލް ވެސް ހަނދާންވީ ނީރާ ދައްކާފައި ހުރި ވާހަކައެވެ. އީހާނާ ކައިވެނި ކުރަން ޖެހިގެން ލައިޒަލްއާ ދެމެދު ހިނގި ދެބަސްވުމުގައި ނީރާ ވަނީ އެތައް ވާހަކައެއް ކިޔާދީފައެވެ. ކޮންމެވެސް ސަބަބަކާ ހުރެ ލާމަށް އަރަން އޭނާގެ މަންމަ ގަބޫލުނުވާކަން ނީރާ އޮތީ ލައިޒަލް ކައިރީ ވެސް ބުނެފައެވެ.
ފޯނު ރިންގުވާ އަޑާއެކު އެޕާޓްމެންޓުގެ "ޕަޓިއޯ"ގައި ހުރި މޭޒު ދޮށުން ލަމްހާ ތެދުވިއެވެ. ފިކުރުތަކަށް ގެއްލި އެހެން އިންނަތާ ވީއިރެއް ނޭނގެއެވެ. އެތެރެއަށް ވަދެގެން އައިގޮތަށް ބަދިގޭގައި ބޭއްވިފައި އޮތް ފޯނު ލަމްހާ ނެގިއެވެ. ފޯނުކޯލަށް ޖަވާބު ދިނީ އީހާނުކަން އެނގި ހުރެއެވެ.
"މަންމާ، ނީރާ ހުރީ މާފުށްޓަކުނޫން. އޭނާވީ ގަމުގަ... ލާމަށް ގޮސް..." ކޯލު ނެގުމާއެކު ހެލޯއޭ ބުނެ ވެސް ނުލާ އީހާނު ވާހަކަދެއްކިއެވެ. އެ އަޑު އަހަން ހުރި ލަމްހާއަށް ހީވީ ވަށައިގެންވީ މާހައުލު އެނބުރިގަތް ހެންނެވެ. ތިރީކަބަޑުސެޓުގައި ވައަތުން ލަމްހާއަށް ހިފަހައްޓާލެވުނެވެ.
"ލާމުގައޭ... ކިހިނެއް އީހާނަށް އެނގެނީ." ލަމްހާއަށް ބުނެވުނެވެ.
"މަންމާ، ނީރާއަށް ގުޅާބަލަ... ރިދާ ކައިރީ ބުނިކަމަށްވަނީ ނީރާގެ މަންމަގެ ރަށަށް ދަނީކަން. އަހަރެން އިރުކޮޅަކުން ގެއަށް އެބަދަން. މަންމަ ނީރާއަށް ގުޅޭތޯ ބަލާ." ހާސްކަމުގައި ހިތްއަވަސްވެފައިވާ މީހެކޭ އީހާނު ތަފާތެއް ނެތެވެ.
"ސުބްހާނައްﷲ..." ކެނޑިގެންދިޔަ ފޯނުކޯލާއެކު ލަމްހާއަށް މަޑުމަޑުން ކިޔާލެވުނެވެ. އޭނާ އިންތިހާއަށް ކަންބޮޑުވެއްޖެއެވެ. އަވަހަށް ކާމޭޒު ދޮށުން ދަމާލި ގޮނޑީގައި ލަމްހާ އިށީނެވެ. ނީރާގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ފޯނުން އިވިގެން ދިޔައީ ނީރާގެ ނަންބަރުވަނީ ގުޅޭ ސަރަހައްދުން ބޭރުގައިކަމެވެ. ދެފަހަރަކު ޖެހިޖެހިގެން ނީރާއަށް ގުޅޭތޯ ލަމްހާ ބެލިއެވެ. ކާމިޔާބު ނުވުމުން ލަމްހާ ދެން ގުޅީ ސުޖާއުއަށެވެ. އީހާނު ދިން ޚަބަރު ރިސޯޓުގައި ހުރި ފިރިމީހާއަށް ލަމްހާ ފޯރުކޮށްދިނެވެ. ވީއެންމެ އަވަހަކަށް ޓިކެޓު ހަމަޖައްސައިދޭން ލަމްހާ އެދުނެވެ.
* * * * *
އޮރިއޮއްސެންވީއިރަށް އެނބުރި ގެސްޓްހައުސްއާ ހަމައަށް ނީރާއާއެކު ރިޔާން އައެވެ. ދެން އޭނާ ދިޔައީ ދަރިފުޅު ގޮވައިގެން ގެއަށެވެ. ނީރާ ހުރުމަށް ހަމަޖެހިފައި ހުރި ކޮޓަރިއަށް އައުމަށް ހިނގައިގަތުމާއެކު ފޯނަށް މެސެޖުތައް އަންނަން ފެށީ ފުލުފުލުގައެވެ. ލަމްހާއާއި ލައިޒަލް ގުޅާފައި އޮތެވެ. ފުރަތަމަ ވެސް ނީރާގެ ހިތަށް ވަނީ އީހާނަށް ކަމެއްވީބާއެވެ. އެވަރަށް ލަމްހާ ގުޅާފައި އެއޮތީ އެފަދަ ކަމެއްވެގެންކަމަށް ވެދާނެއެވެ. ކޮޓަރިއަށް ވަން ގޮތަށް އޭނާ ލަމްހާއަށް ފުރަތަމަ ވެސް ގުޅީ އެހެންވެއެވެ. މަންމަގެ އަޑުގައިވީ ކަންބޮޑުވުމާއި ހާސްކަން ނީރާއާ ފުރަތަމަ ކުރި ސުވާލުން ވެސް ދެނެގަންނަން އެނގުނެވެ. އީހާނަށް ކަމެއްވީކީ ނޫނެވެ. ނީރާ ހުރީ ކޮންތާކުކަން އެ މަންމައަށް އެނގުނީއެވެ. ސުވާލު އެކުރަނީ އެނގިހުރެކަން ނީރާއަށް ޔަގީނެވެ. ދޮގު ނުހަދާ ނީރާ ވާހަކަދެއްކިއެވެ. ހެނދުނުގެ ފްލައިޓުން ލާމަށް އައިގޮތަށް ގަމުގައި ހުރި ގެސްޓްހައުސެއްގަކަން ހުންނަނީ ނީރާ ބުންޏެވެ. ލަމްހާގެ އަޑުން ހީވީ އޭނާ ރޮނީ ހެންނެވެ. އެހާބޮޑަށް ލަމްހާ ހާސްވެ ކަންބޮޑުވާންޖެހޭ ސަބަބެއް އެއްގޮތަކަށް ވެސް ނީރާއަކަށް ނުވިސްނެއެވެ. އޭނާ އުފަންކުރި މަންމައާއި ބައްޕައާ ގުޅިގެން ލަމްހާ ސިއްރުކުރަނީ ކޮންކަމެއްބާއޭ ނީރާ ހިތަށް އެރިއެވެ. ނީރާގެ މޫނު ނުފެންނަނީސް ލަމްހާގެ ހިތްހަމައެއް ނުޖެހުނެވެ. ނީރާ ވީޑިއޯކޯލް ކުރީ އެހެންވެއެވެ. އެއާއެކު ލަމްހާގެ ފެންކަޅިވެފައިވާ ދެ ލޯ ނީރާއަށް ފެނިއްޖެއެވެ. ބިރުގެންފައި ހުރިވަރު ލަމްހާގެ މޫނުން ފެންނަން ހުއްޓެވެ.
"ތިތަނުން ނުކުމެ ރަށުތެރޭގަ ނޫޅޭތި. ފެންނަހާ މީހަކާ ވާހަކަނުދައްކާތި، ތިކޮޅަށް ދާން މިއުޅެނީ..." ލަމްހާ ބުންޏެވެ. އެގޮތް ނީރާއަށް ކަމަކުނުދިޔައެވެ. އޭނާ އެކަނި ކުރާން ގަސްދުކުރި ކަމެއްގެ ތެރެއަށް ލަމްހާ ވަނުން ކަމުދާ ހިޔާލަކަށް ނީރާއަށް ނުވީއެވެ. އެހެންވިޔަސް ލަމްހާ ކައިރީ ނާންނާށޭ ބުނާކަށް ނީރާއަކަށް ނުކެރުނެވެ. ހަމައެއާއެކު ލަމްހާގެ ކަންބޮޑުވުން ނީރާއަށް ބުނެދިނީ އޭނާ ދެކޮޅު ހެދިޔަސް ލަމްހާ ކޮންމެ ގޮތަކުން ވެސް އޭނާގެ ކައިރިއަށް އަންނާނޭކަމެވެ. ފޯނުކޯލު ނިންމާލުމުގެ ކުރީން ނިދަން އޮށޯތުމުގެ ކުރީން ގުޅާން ލަމްހާ ބުންޏެވެ. ކުރާ ކޮންމެކަމެއް މަންމައަށް ރިޕޯޓްކުރަން ނީރާއަށް ޖެހުނެވެ. އޭނާ އެ ރަށަށް އެރިކަން ނުބުނަން ހުރީ ވެސް މިހެން ވާނޭ ހީވެގެންނެވެ. މަންމައަށް ނީރާ ހުރިތަނެއް އެނގުނީ ކިހިނެއްތޯ އަހާލަން ނީރާ ހަނދާންވީ ކޯލު ކަނޑާލީ ފަހުންނެވެ.
ފޯނަށް ބަލަން އޮތް ނީރާ ދެން ކިޔަންފެށީ ލައިޒަލްގެ މެސެޖުތަކެވެ. މިހުރިހާ ދުވަހު ލައިޒަލްގެ ޚަބަރެއްނުވެ ހުރެފައި ކުއްލިއަކަށް އޭނާއަށް ގުޅުމުން ނީރާއަށް ހިތުގައިވީ އުދާސްތައް ބޭރުކޮށްލެވުނީ ވިސްނުމެއްނެތިއެވެ. ހަމައެއާއެކު ލައިޒަލްއާއި އުޝާގެ ގުޅުން ރަނގަޅުވެފައިވާ ވަރު ފެނުމުން ނީރާގެ ހިތުގައި ޖެހުނީއެވެ. ލައިޒަލްގެ ލޯބި ބޭނުންވެފައި ހުރިވަރުންނެވެ. އުޝާ ބަނޑުބޮޑުކަން އެނގުމުން ހިތުގައި ހަސަދައިގެ ގިނި އަދަންފެށީއެވެ. ފިލަން ދުވާ މީހަކު ފަދައިން އަވަހަށް އެމީހުންނާ ދުރަށް ދާން ނީރާ އަމިއްލަ ނަފްސަށް މަޖުބޫރުކުރުވީ އެހެންވެއެވެ. ލިބެންނެތް ލޯތްބެއް ހޯދަން އަމިއްލަ އެދުން އިސްކުރާ މީހަކަށް ނީރާ ބަދަލުވެދާނޭ އަމިއްލައަށް ވިސްނިގެންނެވެ.
"ވަޓް އާ ޔޫ ޑުއިން..." މެސެޖުތައް ކިޔާލުމަށްފަހު ނީރާއަށް ބުނެވުނެވެ. ހުރިހާ ކަމަކަށްފަހު ވެސް ލައިޒަލް މެސެޖުގައި ނީރާ ބޭނުންވާކަމާއި އޭނާދެކެ ލޯބިވާކަން ހާމަކޮށްފައި އޮތް އޮތުން ނީރާއަށް ބަލައިގަންނަން އުނދަގޫވީއެވެ. ފޯނު ދުރުގައި ބާއްވަން ނީރާ ހިތަށް އެރިއެވެ. އެކަމަކު އެފަދައިން ކަންތައް ކުރެވެންނެތީ ލަމްހާގެ ސަބަބުންނެވެ. އެ މަންމައަށް އޭނާގެ ހާލު ބުނެދޭން ޖެހޭތީއެވެ. އަމިއްލަ ނަފްސައިގެން އުޅޭ މީހަކަށްވާން ނީރާ ކިތަންމެ މަސައްކަތެއް ކުރިޔަސް އޭނާއާ ގުޅިފައިވާ މީހުން އެ ފުރުސަތު އޭނާއަކަށް ނުދިނެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. އަށެއް ޖެހިއިރު ހެނދުނުގެ ނާސްތާ ނިންމާފައި ނީރާ ނުކުމެ އިނީ ގެސްޓުހައުސްގެ ބިއްދޮށުގަ ބަހައްޓާފައި ހުރި ގޮނޑީގައެވެ. އެތަނުން ނެރޭ ކުނިތައް އަޅާ ބޮޑެތި ޑަސްބިންތައް ވެސް ހުރީ އެ ދިމާގައި ބަހައްޓާފައެވެ. ތަނުގައި އުޅޭ ބިދޭސީއަކު ފިޔަވައި އެހެންމީހަކު އެތަނަށް ނުނިކުންނަނީ އެހެންވެ ކަންނޭނގެއެވެ. އެކަނިވެލަން އެތަން ނީރާއަށް ނުހަނު ކަމުދިޔައެވެ.
"މިތާ ދޯ... ހިތަށް އެރިޔޭ ނުފެނުނީމަ މިފަރާތަށް ނުކުމެ އިނދެދާނޭ." ރިޔާން އައިސް ހުއްޓިލީ ނީރާގެ ކައިރީގައެވެ. އަނގައިން ބުނުމެއްނެތި ނީރާ ބަލަން އިނީ ރިޔާން އައި ބޭނުން ހާމަކުރަންދެނެވެ. އެ ދެ ލޮލުން ކުރާ ސުވާލު ރިޔާން ވަގުތުން ދެނެގަތެވެ.
"އެ ގެ އެނގިއްޖެ. ނީރާއަށް އޯކޭވިއްޔާ އަހަރެން ގެންގޮސްދީފާނަން." ރިޔާން ބުންޏެވެ.
ވަގުތުން ނީރާ ގޮނޑިން ތެދުވިއެވެ. ހީވީ މިހާރު ދާން ބޭނުންވެފައި އިންހެނެވެ. ނަމަވެސް ރިޔާން އެދުނީ ދިހައެއް ޖަހަންދެން މަޑުކޮށްލަ ދިނުމަށެވެ. އޭނާ ދަރިފުޅު ސްކޫލަށް ލާފައި އައިސް ދާނީކަމުގައި ބުންޏެވެ. ނީރާއަށް އެހާ ވަގުތުކޮޅެއް ވެސް ލަސްވިއެވެ. އެހެންވިޔަސް ނީރާ ބޭނުންވީ ރިޔާންއާއެކު ދާށެވެ. ކަމެއް އޮޅުންފިލުވާލަން ޖެހުނަސް ނީރާއަށް އަހާލެވޭނީ އޭރުންވީމައެވެ.
ދިހައެއް ޖަހަން ވަގުތުކޮޅެއް ހުރުމުން ނީރާ އައިސް އޮތީ މައިދޮރޯށިން ވަންނައިރު ވައަތްފަރާތުގައި ހިޔާކޮށްފަ އޮތް ބައިގަ ބަހައްޓާފައި ހުރި ޖޯލިފަތީގައެވެ. ރިޔާން ވަންނައިރަށް ފެންނާނެތީއެވެ. އިރުއިރުކޮޅުން އޭނާ ގަޑި ބަލާލައެވެ. ހުޅުވާފައި ހުރި ދޮރޯށިން ސައިކަލުގައި ރިޔާން މަޑުކޮށްލިތަން ފެނުނެވެ. ކުޑަކުއްޖަކު ފަދައިން ނީރާ ފުންމައިގެން ތެދުވެ ދުވެފައި ދޮރޯށި ކައިރިއަށް އައެވެ. ރިޔާނަށް ސައިކަލުން ނުފޭބެނީސް ދާންވީތޯ އަހާލީ ނީރާއެވެ. ޝައުގުވެރި ބެލުމެއް ބަދަލުކޮށްލި ރިޔާން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ފާރުކައިރީ ޕާކުކުރަން އުޅުނު ސައިކަލު އޭނާ ފަހަތަށް ޖަހާލިއެވެ. ނީރާ އަވަހަށް ސައިކަލަށް އެރިއެވެ.
"އެ ގެ ހުރީ ވަރަށް ބޮޑަށް ވީރާނާވެފަ. ފާތިހު ބުނީމަ އަހަންނަށް ވެސް އެއީ އެ ގެކަން އެނގުނީ. ނަންބޯޑެއްހާ ހިސާބު ވެސް މިހާރު ފެންނާކަށް ނެތް. ދޮރޯށި ހުރި ބޭރު ފާރުން ބައެއް ވެއްޓިފަ އޮންނަތާ ވީދުވަހެއް ނޭނގޭ. އަހަރެން ވެސް އަޑު އަހަނީ އެގޭ އެންމެން މަރުވީކަމަށް. އެއަށްފަހު އެ ގެ ފަޅުވިއްޔޯ. މީހަކަށް އެގޭގަ ނޫޅެވެޔޯ... ސަމްތިން ލައިކް އަ ހޯންޓެޑް ހައުސް." ސައިކަލު ދުއްވަމުން ރިޔާނަށް އެނގިފައި ހުރި ވާހަކަތައް ނީރާއަށް ކިޔާދިނެވެ. އެކަމާ ގުޅުވައިގެން ނީރާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ.
ރިޔާނު ސައިކަލު މަޑުކޮށްލުމުން އޭނާ ދެއްކި ވާހަކައިގެ ތެދުކަން ނީރާއަށް ފެނުނެވެ. އެ ގޭގެ ވެއްޓިފައިވާ ދޮރޯށި ކުރިމަތީ ނީރާ މަޑުކޮށްލިއެވެ. ސައިކަލުން ފައިބައިގެން އައި ރިޔާން މަޑުކޮށްލީ ނީރާ ކައިރީގައެވެ.
"މިގެ ބަލަހައްޓާނެ މީހަކުވެސް ނުވީތަ؟." ފަޅުވެ ވީރާނާވެފައިވާ ގެއާ ދިމާއަށް ބަލަން ހުރެ ނީރާއަށް ބުނެވުނެވެ.
"ގޭގަ މީހަކަށް ދިރިނޫޅެވޭ ވާހަކަ އިވެނީ. އެހެންވެ އަޅާލާނެ މީހަކު ވެސް ނުވީހެން ހީވަނީ." ރިޔާން ލަފާކުރިއެވެ.
"މިގޭގަ އުޅުނީ ނަސްރާއާއި އޭނާގެ ފިރިމީހާ ރިޔާޒު، ދެން އެމީހުންގެ ދަރިފުޅު. އެ ދެމީހުން މަރުވެއްޖެ، އެކަމަކު އެމީހުންގެ ދަރިފުޅު މަރެއްނުވޭ." ނީރާ ބުނެލިއެވެ.
ނީރާ އެނބުރި އެގެއާ ކުރިމަތިވާހެން މަގުގެ އަނެއްފަރާތުގައި ހުރި ގެއަށް ބަލާލިއެވެ. އެތައް ހަނދާންތަކެއް އެހިނދު އާވެގެން ދިޔައެވެ. ކުރިމަތިން ފެންނަން އެ ހުރީ ލަމްހާއާއި އީހާނު ދިރިއުޅުނު ގެއެވެ. އެ އިމާރާތަށް ބަދަލެއް ނާދެއެވެ. ފެންނަ ފެނުމަށް އެ ގެ މީހަކު ބަލަހައްޓާކަން ޔަގީންވެއެވެ.
"އެ ގޭގަ އުޅެނީ ކޮންބައެއް؟" ނީރާ ސުވާލުކުރިއެވެ.
"އެއީ ކުއްޔަށް ދޫކޮށްފަ ހުންނަ ގެއެއް. އަހަރެންގެ ރައްޓެހި ޓީޗަރެއް ވެސް އެގޭގަ ހުރި. މިފަހަކުން ނަރުހެކޭ ހުރީ އަޑުއެހިން." ރިޔާން ބުންޏެވެ.
"ކާކު އެގެއަށް ހަވާލުވެ ހުންނަނީ. އަހަރެން ބައްދަލުކޮށްލަން ބޭނުން." ދެން ވެސް ރިޔާނަށް ބަލާލުމެއްނެތި ނީރާ އަހާލިއެވެ.
"އިލިޔާސް ކިޔާ މީހަކު. އޭނާ ހުންނަ ގެއަށް ދާން ޖެހޭނީ. ފަހަރެއްގަ ފިހާރައިގަ ވެސް މިގަޑީގަ އުޅެދާނެ." ވިސްނާލަމުން ރިޔާން ބުންޏެވެ.
"ރިޔާން ބިޒީތަ؟. އަހަރެން ގޮވައިގެން ދެވިދާނެތަ؟."
"އާނިސް ބަލާ ދާން ޖެހޭނެ. އެކަމަކު އަދި ވަގުތު އެބައޮތް." ރިޔާން ބުންޏެވެ.
ސައިކަލަށް ނީރާ އެރުމުން ރިޔާން ދުއްވާލައިފިއެވެ. މާ ދުރަކަށް ދުއްވާކަށް ނުޖެހުނެވެ. ސައިކަލު ބަހައްޓާފައި ރިޔާނާއެކު ނީރާ ވެސް ފޭބިއެވެ. ރިޔާނު ފުރަތަމަ ބޯދިނީ ގެއާ ޖެހިގެން ހުރި ފިހާރައަށެވެ. އިލްޔާސް ކޮބާތޯ އަހާލި އަޑު ބޭރުގައި ހުރި ނީރާއަށް އިވުނެވެ. ދެން ރިޔާންގެ އިޝާރާތާއެކު ނީރާ ހިނގައިގަތީ ގެއަށް ވަންނާށެވެ. ދޮރޯށިން އެތެރެއަށް ވަދެ ރިޔާން ސަލާން ގޮވާލިއެވެ. އެތެރެއިން ނުކުތީ ބުރުގާ އަޅާފައި ހުރި ދުވަސްވީ އަންހެނެކެވެ. ނީރާގެ ބަދަލުގައި ހުރިހާ ވާހަކައެއް ދެއްކީ ރިޔާނެވެ. ސިޓިންރޫމުގައި ހުރި ސޯފާތައް ދައްކާލައި އިށީނުމަށް ބުނެފައި އެ އަންހެން މީހާ އެތެރެއަށް ދިޔައީއެވެ. އިލްޔާސްއަށް ގޮވާށެވެ.
"އެއީ އިލްޔާސް." އެތެރެއިން ނުކުމެގެން އަންނަ މީހާ ފެނުމާއެކު ރިޔާން ސިއްރުން ބުނެލިއެވެ.
އިލްޔާސް އައިސް ހުހަށްހުރި ސޯފާގައި އިށީނެވެ. އޭނާގެ ގެ ދުވަސްކޮޅަކަށް ކުއްޔަށް ހިފަން ބޭނުންވާކަން ނީރާ ބުންޏެވެ. މާލެއިން އައި ކުއްޖެއްތޯ އިލްޔާސް އަހާލީ އެވަގުތެވެ. ނީރާ ހަމައެކަނި ބޯޖަހާލީއެވެ.
"ތި އާދެވުނީ ރަނގަޅު ވަގުތަކު." އިލްޔާސް ވާހަކަދެއްކިއެވެ. އެ ގޭގައި އުޅުނު ނަރުސް ވިހަންވެގެން އޭގެ ދެމަފިރިން ފުރިތާ ހަފްތާއެއް އަދި ނުވެއެވެ. އެހާ އަވަހަށް އެގެ ހިފާނޭ މީހަކު ވެދާނޭ އިލްޔާސް ހިޔެއް ނުކުރެއެވެ. ތަން ކުއްޔަށް ދޫކޮށްލުމުގެ ކުރީން ހަމަޖައްސަން ޖެހޭ ކަންކަމުގެ ވާހަކަ އިލްޔާސް ދެއްކިއެވެ. ދަތިކަމެއްނެތި ނުހަނު ފަސޭހައިން ނީރާ ބޭނުންވީ ކަންތައް ހަމަޖެހޭތީ އޭނާ އިނީ ހިތްހަމަޖެހިފައެވެ. ރިޔާން އިނީ ގަބޫލުނުކުރެވިފައެވެ. ކުއްލިއަކަށް ނީރާ ހުންނަތަން ބަދަލުކޮށްފާނޭ އޭނާ ހިޔެއްނުކުރެއެވެ. ރަނގަޅަށް އެކުވެރިކަން ދެމެދުގައި އުފެދޭނެހާ ވަގުތު ނުލިބިގެން އުޅެނިކޮށް ގެސްޓުހައުސް އިން ނުކުތީމާ ދެން އޭނާއަށް ނީރާ ނުފެންނާނޭ ހީވާތީއެވެ.
"ވާހަކައެއް އަހާލަންތަ؟." ދެމެދުގައި އެއްބަސްވެވުމުން ނީރާގެ ވާހަކަ އެހެން ދިމާއަކަށް ގެންދަން ގަސްދުކުރިއެވެ. އިލްޔާސް ބޯޖަހާލީ އަހާށޭ ބުނާ ފަދައިންނެވެ.
"އެ ގޭގަ އުޅުނު ލަމްހާ އެނގޭތަ؟." ނީރާ ކުރި ސުވާލާއެކު އިލްޔާސްއަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ކުރިން ނެތް ސީރިއަސްކަމެއް އެ މޫނަށް ވެރިވިއެވެ. ކުރީން އިސްކަމެއް ނުދިނަސް މިފަހަރު އެ ދެ ލޯ ނީރާއަށް ހުއްޓާލައިގެން އިނީ ފަރުވާތެރިކަމާއެކު ކަމެއް ހޯދާ ފަދައިންނެވެ. އެތައް އަހަރުތަކެއް ފާއިތުވުމަށްފަހު ލަމްހާގެ ނަން އިވުމުން އިލްޔާސް ނުތަނަވަސްވީއެވެ.
"ލަމްހާ... އޭނާ އެ ގެ އަހަންނަށް ދިނީ. ކިހިނެއް ލަމްހާ އެނގެނީ. ހުރިހާ ވާހަކައެއް ދެއްކުނުއިރު އަދި ނަމެއް ވެސް ނޭނގޭ. ނަން ބުނީންތަ؟." އިލްޔާސް ކޮންމެވެސް ކަމަކަށް ޝައުގުވެރިވެއްޖެކަން ގައިމެވެ.
"ލަމްހާއަކީ އަހަރެންގެ މަންމަ. އަހަރެން މީ ނީރާ." ނީރާގެ ކުޑަކުޑަ ތަޢާރެއް ދިނެވެ. އިލްޔާސްގެ މޫނުގައިވި އަސަރުތައް ފަނޑުވެ މީހާ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. މަޑުމަޑުން ނީރާގެ ނަން އޭނާ ތަކުރާރުކޮށް ކިޔާލިއެވެ.
"ކޮބާ ލަމްހާ؟." ކުއްލިއަކަށް އިލްޔާސްއަށް އަހާލެވުނެވެ.
"މަންމަ ނާދޭ. އަހަރެން އެކަނި އައިސް މިއުޅެނީ." ނީރާ އިނީ އިލްޔާސްއާއި ލަމްހާއާ އޮތް ގުޅުމެއް އެނގެން ބޭނުންވެފައެވެ.
"ކީއްވެ ލަމްހާ ނައީ؟. ކީއްވެ ނީރާ އަންނަކަން އަހަންނަށް ނޭންގީ؟." އިލްޔާސްގެ ފުށުން ފާޅުވި ހާސްކަން ނީރާއާއި ރިޔާން ވެސް ހައިރާންކުރުވިއެވެ.
"ތީ މަންމަގެ ކާކު؟."
"އަހަރެން... އަހަންނަކީ ނަސްރާގެ ބޮޑުބޭބެ. ތީ ނަސްރާއާއި ރިޔާޒުގެ ދިރިހުރި ހަމައެކަނި ނިޝާން." އިހްސާސްތައް ނުހިފެއްޓިގެން އުޅޭ މީހަކު ހެން އަވަސްއަވަހަށް އިލްޔާސްއަށް ބުނެވުނެވެ. (ނުނިމޭ)