(26 އޮކްޓޯބަރ 2021 އާ ގުޅޭ)
"މީ ކޮން ފޮށިތަކެއް" އުޝާ އެނބުރިލުމުން ސަލީމާ ސުވާލުކުރިއެވެ.
"އަހަރެންގެ އެއްޗެހި." އުޝާ މިހެން ބުނެލުމާއެކު ދެއަތުން ދެ ފޮށި ދަމަމުން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
"ކޮބާ ލައިޒަލް؟." އުޝާގެ ހަރަކާތްތައް ދެނެގަންނަން ނޭނގިފައި ހުރި ސަލީމާ އަހާލިއެވެ.
އަޑުއިވުނު ކަމަކަށް އުޝާ ނުހެދީ މަންމައަށް ޖަވާބުދޭން މިވަގުތު ބޭނުންނުވާތީއެވެ. ކޮޓަރިއަށް ދެ ފޮށި ވައްދާފައި ނުކުމެ ދެން ހުރި ކަރުދާސް ކުޑަފޮށިގަނޑު ވެސް ނަގައިގެން އައިސް އުޝާ ވަނީ ކޮޓަރިއަށެވެ. ދޮރުލައްޕާލުމާއެކު އޭނާ އައިސް އިށީނީ އެނދުގައެވެ. ލައިޒަލް ވަރިކޮށްފިކަން މަންމަ ކައިރީ ބުނާނެ ގޮތަކާމެދު އުޝާ ވިސްނިއެވެ.
"ކޮބާ ބޭނުމެއް... ފަށުވި ބަސްތަކަކުން މަތިއޮމާން ކުރިޔަސް... އަލުން ލައިޒަލްގެ އަނބިމީހާއަކަށް ނުވާނެ." ވިސްނުނު ގޮތާއި އުޝާގެ ޟަމީރު ދެކޮޅުވީއެވެ. ކޮންމެ ގޮތަކަށް މަންމަ ކައިރީ ބުންޏަސް ކަންވެފައި އޮތްގޮތް ބަދަލުނުވާނޭތީއެވެ. ވަރިކުރުމާއެކު އުޝާގެ އަތުން އަނތްބެއްގެ މަގާމު ގެއްލިއްޖެއެވެ. ލައިޒަލްއަށް ހިލޭ އަންހެނަކަށް ވީއެވެ. ނިތްކުރީގައި ދެއަތުން ހިފަހައްޓާލުމާއެކު އުޝާ ފުންނޭވާއެއް ލިއެވެ. ސަލީމާ އެ ކޮޓަރީގެ ދޮރުގައި ޓަކި ދިނީ އެވަގުތެވެ.
"ކީއްތަ ތިކުރަނީ؟." އުޝާ ދޮރު ހުޅުވާލުމާއެކު ސަލީމާ އަހާލިއެވެ.
"ސައިބޯން ހުރީ ކޯއްޗެއް؟." ސަލީމާގެ ސުވާލުގެ މައްޗަށް އުޝާ ސުވާލުކުރިއެވެ.
"ބޯކިބަލެއް އަޅައިގެން މިއުޅެނީ. އުޝާ އެކަނި ތިއައީ ލައިޒަލްއަށް އާދެވެން ނެތީތަ؟." ދަރިފުޅަށް ބަލަން ހުރެ ސަލީމާ ވާހަކަދެއްކިއެވެ.
"ހިނގާ ސައިބޯން." ސަލީމާގެ ސުވާލުތައް އުޝާ އެއްފަރާތްކޮށްލާތީ އެކަން ފާހަގަކުރެވުނެވެ. އުޝާ ކޮޓަރިން ނުކުމެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ސަލީމާ ކޮޓަރިއަށް ބަލާލިއެވެ. އުޝާ ވެއްދި ފޮށިތަކަށެވެ. ދެން ދޮރު ލައްޕާލާފައި ދަރިފުޅުގެ ފަހަތުން އޭނާ ވެސް އައީ ބަދިގެއަށެވެ.
"އުޝާ..." ސައިތަށްޓެއް ހަދަން އުޅުނު އުޝާއަށް ސަލީމާ ގޮވާލީ ދަރިފުޅަށް ކަމެއްވެއްޖެޔޭ ހިތް ބުނާތީއެވެ.
"ކީއްކުރަންތަ މިއަދު އަންނަން ބުނީ." އުޝާ ދެން ވެސް ބެލީ އެހެން ދިމާއަކަށް ސަމާލުކަން ގެންދެވޭތޯއެވެ.
"އެއީ... ރަށުން މާމަ ގުޅީމަ. ކުޑައައްތަ ކިރިޔާ ދުނިޔޭގަ އޮތްކަން. މަންމައާއި ބަދީއު އެކޮޅަށް ދާންވެގެން މިއުޅެނީ. ބޮޑުދޮންބެ ނުދާނެ. އެކޮޅަށް ގޮސްފަ އާދެވޭނެ ދުވަހެއް ނޭނގޭ، ދޭތެރެއަކުން ގެއަށް އުޝާ ވަދެލައްޗޭ ބުނަންވެގެން."
ބަދީއުއާއި ސަލީމާ ކައިވެނި ކުރިއިރު ދެ މީހުންގެ ވެސް ދަރިއަކު ހުއްޓެވެ. ނަފީޒަކީ ބަދީއުގެ ދަރިއެކެވެ. ސަލީމާގެ އުޝާއަށްވުރެ ނަފީޒު ހަތަރު އަހަރު ދޮށްޓެވެ. އުޝާގެ ބޮޑުދޮންބެއަށް ނަފީޒުވީ އެހެންވެއެވެ. ދެބެންގެ ގޮތުގައި ދެމީހުން ބޮޑުވީއިރު އެއްކުއްޖަކު އަނެއްކުއްޖަކާ އޮތީ ގާތްގުޅުމެކެވެ. ކޮއްކޮއާއި ބޭބެއާ ދެމެދުގައި އޮންނާނޭ ގާތްކަމާއި ލޯބި ދެމެދުގައި އޮތެވެ. ބަދީއުއާއެކު ކުއްޖަކު ހޯދަން ސަލީމާ ބޭނުންވިއެވެ. ނަމަވެސް ދަރިމައިވާންވީ އުމުރު ފާއިތުވީއިރު ވެސް އިތުރު ކުއްޖަކު ލިބޭގޮތް ނުވީއެވެ. އުޝާއަށް ރަނގަޅު ދިރިއުޅުމެއް ލިބެން ސަލީމާ އެންމެ ބޮޑަށް އެދެނީ އެކުއްޖާއަކީ ބަދީއުގެ ދަރިއެއް ނޫންވީމާއެވެ. ބަދީއުއަކީ ރަނގަޅު މީހަކަށް ވިޔަސް އޭނާގެ ތަނަވަސްކަމާއި މުދަލުން އުޝާއަށް ވާރުތަވާނޭ އެއްޗެއް ނެތީމައެވެ. ނިކަމެތިކަމުގައި އޭނާގެ އަންހެން ދަރިފުޅު އުޅޭތަން ދުށުމަށް ނޭދެއެވެ. އަބަދުވެސް ހަރުދަނާ ރަނގަޅު ތަނަވަސްކަން ހުރި ޒުވާނަކު އުޝާގެ ހަޔާތުގެ ބައިވެރިއަކަށް ހިޔާރުކުރަން ސަލީމާ ބުނަމުން އަންނަނީ އެހެންވެއެވެ.
"ކީއްވެފަތަ ތިއިންނަނީ. ކީއްވެތަ މަންމަ ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދެނީ... ކިތައް ފަހަރަށް އެހިއްޖެ ލައިޒަލް ކޮބާތޯ. ކީއްކުރާ ފޮށިތަކެއް ކަމެއް ނޭނގެ ގެނެސް ތިވެއްދީ... ލައިޒަލްއަށް ގުޅަންތަ؟."
"މަންމާ... އަހަރެން އެނބުރި ގެއަށް މިއައީ." ސަލީމާ ފަހުން ކޮށްލި ސުވާލާއެކު އުޝާ ވާހަކަދެއްކިއެވެ.
"ކީއްވެގެން؟... ލައިޒަލްއާ ޒުވާބު ކުރީތަ؟" ސަލީމާއަށް ވިސްނުނު ގޮތް ހާމަކޮށްލިއެވެ.
"ވަރިކުރީމަ." ނިކަން އާދައިގެ ގޮތަކަށް އުޝާ ބުނެލިއެވެ.
"އުޝާ، ތެދެއްތަ ތިބުނީ." ސަލީމާއަށް ގަބޫލުކުރަން އުނދަގޫވިއެވެ.
"އާން... ވަރިކުރީމަ ގެއަށް މިއައީ. މިގެއިން ވެސް ނުކުންނަންވީތަ؟" އުޝާގެ ނަޒަރު ސަލީމާއަށް ހުއްޓުނެވެ. ދަރިފުޅުގެ މޫނާއި ދެ ލޮލުން ކުރީން ފާހަގަނުވި ހިތްދަތިކަމުގެ އަސަރު ސަލީމާ ދުށްޓެވެ. ފާޅުވި ހަރުކަށިކަން ގުޅިފައިވަނީ އެ ހިތްދަތިކަމާކަން ބުނަން ސަލީމައަށް އެނގެއެވެ.
"ކީއްވެ ވަރިކުރަން ޖެހުނީ. އަނެއްކާ ލައިޒަލްއަށް ކަމަކާ ރުޅިއައިސްގެން ބުނެވުނީތަ؟."
"އަހަރެން ވެސް ހިތައް އަރާ މަންމަ ތިބުނާހެން އެކަން ވީނަމައޭ. އެކަމަކު އަހަންނަށް ލައިޒަލް އެނގޭ. އޭނާގެ ހުންނަ ސީރިއަސްކަން މަންމައަށް ފެނިފައެއްނު ހުރީ. އޭނާ އޮޅިގެން ނޫނީ ރުޅިއައިސްގެންނެއް ނޫން. ވަރިކުރީ އެކީގަ އުޅޭން ބޭނުންނުވާތީ."
"އުޝާ ވާހަކައެއް ނުދައްކަންތަ؟. އެކީގެ ނޫޅެވެންވީ ކީއްވެ؟." ލައިޒަލްއާއި އުޝާ ވަކިވާން ސަލީމާ އެއްގޮތަށް ވެސް ބޭނުންނުވާތީ ބުނެވުނެވެ.
"އަހަރެން ދެއްކި ވާހަކަ މަންމަ އަޑު ނީވުނީތަ؟." އުޝާއަށް ބޯހޫރާލެވުނެވެ.
"އަހަރެން ލައިޒަލްއާ ވާހަކަދައްކާނަން. އޭނާގެ ކާފައާ ވެސް ވާހަކަދައްކާނަން."
"މަންމާ ޕްލީޒް... ނުގުޅާތި. އެއްވެސް އެއްޗެއް ނާހާތި." އުޝާ ކަންބޮޑުވީ ސަލީމާގެ ސަބަބުން ލައިޒަލް ހުރިހާ ކަމެއް ހާމަކޮށްފާނެތީއެވެ. ދެމެދުގައި އޮތް ގުޅުމަކީ އެއްވެސް އިރެއްގައި ހަގީގަތެއް އޮތް ގުޅުމަކަށް ނުވާކަން އެނގިދާނެތީއެވެ. ސަލީމާއަށް ބަހެއް ކިޔަން ނޭނގި ދަރިފުޅަށް ބަލަން އިނދެވުނީއެވެ. އުޝާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"މަންމާ..."
"އުޝާ... ތެދަށް ބުނޭ. ކީއްވެ ދެމީހުން ކައިވެނި ކުރީ. އަވަސް އަރުވާލާފައި ފުރާނަ ހައްޓަށް ނުފެތިގެން އުޅޭހެން ހުރިހާ ކަމެއް ނިމިގެން ދިޔައީ. އޭރު ވެސް އަހަރެން ބުނި ގޮތް އުޝާ ނުހެދި. އެހާ އަވަސްއަރުވާލަން ޖެހުނީ ކީއްވެ؟. އަނެއްކާ ދަރިފުޅު ބަނޑުބޮޑުވީތަ." ޝައްކުގެ ނަޒަރުން ސަލީމާ ބަލަން އިނެވެ.
"ލައިޒަލްއަކީ އެކަހަލަ މީހެއްނޫން. ތެދަށް ބުނަންޏާ މީ ހަމައެކަނި އަހަރެން ބޭނުންވެގެން ކުރި ކައިވެންޏެއް. ލޯބިވަނީ އަހަރެން. ލައިޒަލްއަށް ބޭނުންވީ އަހަރެން. އަހަރެން ހީކުރީ ކައިވެނި ކުރެވުނީމަ ލައިޒަލްގެ ހިތް ހޯދިދާނޭ. އެހެނެއްނުވި... އޭނާ ފުރުސަތެއް ވެސް ދޭން ބޭނުމެއްނުވި." ސަލީމާގެ ސުވާލުތައް ހުއްޓާނުލާނެކަން އެނގުމުން އުޝާ ބުންޏެވެ.
ދަރިފުޅު ދެއްކި ވާހަކަ ސަލީމާއަށް މިފަހަރު ނަގައިގަންނަން އުނދަގުލެއް ނުވިއެވެ. ލައިޒަލްއަކީ ސަލީމާގެ ނަޒަރުގައި ނުހަނު ފުރިހަމަ ޒުވާނެކެވެ. ދަރިފުޅާއެކު ޒަވާޖީ ހަޔާތަކަށް އެންމެ އެކަށޭނެ ޒުވާނާ ކަމުގައި ދުށްޓެވެ. ފަހަރެއްގައި އުޝާއަށް އެހެން އެވީ އޭނާގެ ސަބަބުންނޭ ހިތަށް އެރިއެވެ. ދެމެދުގައި އޮތީ އެކުވެރިކަމޭ އުޝާ އަބަދުވެސް އައީ ބުނަމުންނެވެ. އެކަމަކު އެ ގުޅުން ލޯތްބަށް ބަދަލުކުރާން ސަލީމާ ބާރު އެޅިވަރު ހަނދާނެއް ނުނެތެވެ. ކައިވެނީގެ ކަންކަން ހަމަޖެހުނުއިރު ވެސް ލައިޒަލްގެ ފުށުން ގާތްކަމާއި އަޅާލުން ސަލީމާ ނުދެކެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެންވިޔަސް ހިތްހަމަޖައްސާލީ ހިތު އަޅައިގެން އުޅުނު ކައިވެނި ކުރެވުނީމައެވެ. ލައިޒަލްގެ އަނތްބަކަށް އުޝާ ވެއްޖެކަން ޔަގީންވީމައެވެ.
"މަންމަ ދާއިރު ހިނގާ އުޝާ ވެސް." ސަލީމާ ބުންޏެވެ. އުޝާ ހިމޭންވެފައި އިނީއެވެ.
* * * * *
ގޮނޑިއަށް އަރުވައިގެން އިން ދެފައި ނީރާ ތިރިކޮށްލީ ކައިރިން ހިލަމެއް ވެގެންނެވެ. ކުޑަކުޑަ ފިރިހެން ކުއްޖަކު ފެނުނީ އެވަގުތެވެ. އޭނާ ވެސް ދުވެފައި އެ ދިމާއަށް ނުކުތް ވަގުތު ނީރާ ފެނިގެން ހުއްޓުނީ ކަހަލައެވެ. ލުއި ހިނިތުންވުމެއް ނީރާ ބަދަލުކޮށްލިއެވެ. އެހިނދު އެކުއްޖާ ހީނލީ ރަކިވެގެންނެވެ.
"އާނިސް..." ފިރިހެނެއްގެ އަޑު އިވުނެވެ. ނީރާއާއި އެ ކުޑަ ފިރިހެންކުއްޖާއާ އެ ދިމާއަށް ބަލާލީ އެކީގައެވެ. އޭރުން އެމީހުންގެ ކައިރިއަށް ރިޔާން އަންނަނީއެވެ.
"މިތާތަ. ހީކުރީ ހިނގާލަން ނުކުތީ ކަމަށް." ރިޔާން އައިސް މަޑުކޮށްލުމާއެކު ނީރާއާ ވާހަކަދެއްކިއެވެ. އެވަގުތު އެތަނުގަ ހުރި ކުޑަ ފިރިހެންކުއްޖާ ރިޔާންގެ ކައިރިއަށް ޖެހިލައި އޭނާގެ ފައިގަ ބައްދާލައިފިއެވެ. ރިޔާންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނީރާގެ ނަޒަރު ދަތުރުކޮށްލީ ފެނުނު މަންޒަރަށެވެ. އެކަން ރިޔާނަށް ފާހަގަވިއެވެ.
"މީ އާނިސް. އަހަރެންގެ ދަރިއެއް... އޭނާއަށް ވާހަކައެއް ނުދެއްކޭ." އާނިސްގެ ބޮލުގައި އަތްތިލަ ބާއްވާލައިގެން ހުރެ ރިޔާން ބުނެލިއެވެ. ނީރާ މިފަހަރު ބަލާލި ގޮތުން ރިޔާންގެ ހިނިތުންވުން ފުޅާވެލިއެވެ.
"އެކަނި ނީނދެ އަންނަންވީނު... ބީޗަށް މިދަނީ." ރިޔާން ބުނެލިއެވެ. އޭނާ އާނިސްގެ ކޮނޑުގައި ޖަހާލުމުން އެކުއްޖާ ވެސް ބައްޕަ ދިން ސިގްނަލް ދެނެގަތް ކަހަލައެވެ. ހިނިތުންވެލައިގެން ހުރެ އައިސް ނީރާގެ ކަނާއަތުގެ އިނގިއްޔެއްގަ ހިފާލައި ދަމާލިއެވެ. އެމީހުންނާއެކު އަންނާށޭ ބުނާ ފަދައިންނެވެ. ދެ ހިޔާލެއްގަ އިނދެފައި ނީރާ ތެދުވީއެވެ. އޭނާ ގޮވައިގެން އާނިސް ހިނގައި ގަތީ ރިޔާންގެ ފަހަތުންނެވެ. އޭނާ ހުންނަ ގެސްޓްހައުސްއަކީ ރިޔާންގެ ތަނެއްކަން ނީރާއަށް އެނގުނީ އޭނާ އެތަނަށް އައި ފަހުންނެވެ. ތަނުގެ ހުރިހާކަމެއްގައި އުޅޭތަން ފެންނަނީ ރިޔާނެވެ.
އަތިރިމައްޗަށް އެންމެން ފޭބިއެވެ. ގެސްޓުހައުސްއާ މާދުރެއް ވެސް ނޫނެވެ. ވެލިގަނޑުމަތީ ރިޔާން އިށީނުމުން ނީރާ ވެސް ކަންތައް ކުރީ އެފަދައިންނެވެ. އުފަންވީ މާހައުލަށް ވިޔަސް ނީރާއެކޭ އެތަނަށް ބީރައްޓެއްސެކޭ ތަފާތެއް ނެތެވެ. އޭނާ ފޯނަށް ބަލަން އިނދެފައި ރިޔާނަށް ގޮވާލިއެވެ. އިތުބާރުކުރެވޭ ކަހަލަ ސިފައެއް ރިޔާންގެ ފުށުން އޭނާއަށް ފާހަގަވާތީއެވެ. ކޮންމެވެސް މީހެއްގެ މަދަދު ލިބިގެން ނޫނީ ނީރާ އެ ރަށަށް އައި ބޭނުން ފުރިހަމަ ނުވާނޭކަން އެނގެއެވެ.
"މި އެޑްރެސް އެނގޭތަ." ނީރާ ފޯނު ދައްކާލިއެވެ.
"ނޭނގެ. އެކަމަކު ހޯދިދާނެ... ނީރާގެ މީހުންތަ؟" ރިޔާން އަހާލިއެވެ.
"އަހަންނަކީ މިހާރު މިރަށު މީހެއްނޫން. އެކަމަކު އަހަރެން އުފަންވީ މިތަނަށް. މަންމައާއި ބައްޕައަކީ މިރަށު ބައެއް. އެގެއަކީ އެމީހުން އުޅުނު ގެ." ރިޔާން އަނބުރާ ފޯނު ދިއްކޮށްލުމުން އޭގައި ހިފަމުން ނީރާ ވާހަކަދެއްކިއެވެ.
"އެމީހުން ނިޔާވީތަ؟." ރިޔާން އަހާލިއެވެ.
"އަހަރެން ވަރަށް ކުޑައިރު." ނީރާ ބުންޏެވެ.
"އަހަންނަށް އެޑްރެސް ފޮނުވާލަ ދޭންވީނު. މިރޭ ރައްޓެއްސަކާ ވާހަކަދައްކާލައިގެން އޮޅުންފިލުވާލާނަން." ރިޔާން ބުންޏެވެ. ނީރާ ބޯޖަހާލާފައި ފޯނު ނަގައި ރިޔާނަށް ބަލާލިއެވެ. އެއާއެކު ރިޔާނު ވެސް ޖީބުން ފޯނު ނެގިއެވެ. އޭނާގެ ނަންބަރު ކިޔާލިއެވެ. ދެމެދުގައި އެޑްރެސް ބަދަލުކުރެވުނެވެ.
* * * * *
ލައިޒަލް އައިސް ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. ޔަމާނާއެކު ރިދާވީ މަތީގައޭ ބުނުމަށް އީހާނު އިޝާރާތް ކޮށްލިއެވެ. އަތުގެ އިނގިލިތަކުން ކަރޯކޭބޫތު ނަންބަރު އީހާނު ދައްކާލިއެވެ. ލައިޒަލް މަޑުނުކޮށް އެރީ މައްޗަށެވެ. އެމީހުންނާ ބައިވެރިވާން އީހާނު ވެސް ހުރީ ބޭނުންވެފައެވެ. ރިދާ އޭނާދެކެ ފޫހިވާކަން އީހާނަށް އެނގެއެވެ. ނީރާއާ މެދު އީހާނު ކަންތައް ކުރި ގޮތް އެނގޭތީއެވެ. އެމީހުންގެ ތެރެއަށް ހިނގައްޖެނަމަ އެއްވެސް ކަމެއް ކިޔައިދޭން ރިދާ ދެކޮޅު ހަދާފާނެކަން އީހާނަށް ވިސްނުނީއެވެ. ހަމައެކަނި އޮތް ގޮތަކީ އެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް ލައިޒަލް ބުނޭތޯ މަޑުކުރުމެވެ.
"ރިދާ... ޕްލީޒް... އަހަންނަށް އެނގޭ ނީރާ ބުނާނެކަން." ލައިޒަލް އާދޭސްކޮށްލިއެވެ. އެކުވެރިޔާގެ ސިއްރުތައް ހާމަނުކުރާން ރިދާ އިން ކަހަލައެވެ.
"ނީރާއާ އަހަރެން ވާހަކަދައްކަން ބޭނުން. އޭނާއަށް އެހެރީ ވަރަށް ބޮޑަށް އޮޅުން އަރާފަ. ފޯނުން ވާހަކަ ނުދައްކާނެކަން އެނގޭ. އަހަރެންގެ ކޯލެއް ނުނަގާ. އޭނާގެ ކުރިމައްޗަށް އަރާހުރެ ހުރިހާކަމެއް އޮޅުންފިލުވައިދޭން ބޭނުން. ނީރާ ކިތަންމެ ރުޅިއަޔަސް، އޭނާ ލޯބިވާވަރު އަހަންނަށް އެނގޭ. އަހަރެން އޭނާ ބޭނުން. މިހާރު އެއީ މީހެއްގެ އަނތްބެއް ވެސް ނޫން." ލައިޒަލްގެ ވާހަކަތަކުން ރިދާ ހައިރާންވިއެވެ. ލައިޒަލްއާއި ނީރާއާ އޮންނަ ގާތްކަމަށް ޝައްކުކުރެވެން ފެށުނީއްސުރެ ރިދާ ބުނަމުން އައީ އެ ދެމީހުން ނުހަނު ގުޅޭކަމެވެ. ލައިޒަލް ނުބުންޏަސް ރިދާއަށް ވެސް ލައިޒަލްދެކެ ނީރާ ލޯބިވާވަރު އެނގެއެވެ.
"އޭނަ... ލާމުގަ ހުރީ." ރިދާ މަޑުމަޑުން ބުނެލިއެވެ.
ނީރާ ލާމުގައި ހުރީ ކޮންތާކުތޯ ލައިޒަލް ސުވާލުކުރިއެވެ. ރިދާ ކުއްލިއަކަށް ލައިޒަލްއާ ދިމާއަށް އެނބުރިލިއެވެ. އުޝާގެ ފިރިއެއްގެ ގޮތުގައި ހުރިހާ ދުވަހަކު ނީރާގެ ކައިރިއަށް ލައިޒަލް ދާން އެއްބަހެއް ނުވެވޭނެއޭ ބުނެލިއެވެ. އެހިނދު ދެ އެކުވެރީން އަޖައިބުކޮށްލީ ލައިޒަލްގެ ހީނލުމެވެ. އަނތްބަކު މިހާރު ނުހުންނާނެއޭ ލައިޒަލް ބުނެލުމުން އިތުރު ހައިރާންކަމެއް ޔަމަނާއި ރިދާއަށް ލިބިގެން ދިޔައެވެ. ހުރިހާކަމެއް ލައިޒަލް ކިޔާ ނުދެއެވެ. ރިދާއަށް ވެސް ނީރާ ހުރިހާކަމެއް ކިޔައިދީފަ ނުވާކަން ލައިޒަލްއަށް އެނގޭތީއެވެ. ބައެއް ވާހަކަތަކަކީ ހަމައެކަނި އޭނާއާއި ނީރާއާ ދެމެދު ދެކެވެންޖެހޭ ވާހަކަތައްކަން ލައިޒަލް ގަބޫލުކުރެއެވެ.
ނީރާ ހުރި ތަނެއް އެނގުނެއްކަމަކު ވަރި ސާބިތުނުކޮށް އޭނާއަށް ދާކަށް ބޭނުމެއްނޫނެވެ. ކޯޓުން ހުރިހާކަމެއް ނިމުނުހާ އަވަހަށް އޭނާ ދެން ފުރާނީ ނީރާގެ ކައިރިއަށް ދާށެވެ. ހިތާއި ސިކުނޑީގައި ހުރިހާ ކަމެއް ރާވަމުން ސިޑިން ފައިބައިގެން ލައިޒަލް އައެވެ. ކެފޭއިން ނުކުމެގެން ދިއުމުގެ ކުރީން ލައިޒަލް އައިސް އީހާނު ކައިރީ ކައުންޓަރު ދޮށުގައި މަޑުކޮށްލިއެވެ. އަތުގައި އޮތް ޖޯޑު ބަހައްޓާފައި އީހާނު އައެވެ.
"އެނގިއްޖެތަ؟." ކެތްތެރިކަން ކުޑަވެފައި ހުރި ފަދައިން އީހާނު އަހާލިއެވެ.
"ލާމަށް ދިޔައީ." ލައިޒަލް ބުންޏެވެ.
"ވަޓް..." އީހާނުގެ ހާސްކަން އިންތިހާއަށް ބޮޑުވިއެވެ.
"ކިހިނެއްވީ؟." ލައިޒަލް ވެސް ސުވާލު އުފެދުނީއެވެ.
"މަންމަ ކައިރީ އަހަރެން ބުނަން ޖެހޭނެ. އަހަންނަކަށް ވެސް ނޭނގެ. ރާއްޖޭގެ ކޮންމެ ދިމާއަކަށް ދިޔަޔަސް ލާމަށް ގޮސްގެން ނުވާނޭ މަންމަ ބުނޭ. އެކަމަކު އަހަރެމެންނަކީ ލާމަށް އުފަން ބައެއް. ނީރާއަށް ކޮންމެވެސް ކަހަލަ ނުރައްކަލެއް އޮތީ." އީހާނުގެ އަޑުގައިވީ ކަންބޮޑުވުމެވެ. އެއާއެކު ލައިޒަލް ވެސް ހަނދާންވީ ނީރާ ދައްކާފައި ހުރި ވާހަކައެވެ. އީހާނާ ކައިވެނި ކުރަން ޖެހިގެން ލައިޒަލްއާ ދެމެދު ހިނގި ދެބަސްވުމުގައި ނީރާ ވަނީ އެތައް ވާހަކައެއް ކިޔާދީފައެވެ. ކޮންމެވެސް ސަބަބަކާ ހުރެ ލާމަށް އަރަން އޭނާގެ މަންމަ ގަބޫލުނުވާކަން ނީރާ އޮތީ ލައިޒަލް ކައިރީ ވެސް ބުނެފައެވެ. (ނުނިމޭ)