(14 ނޮވެމްބަރ 2021 އާ ގުޅޭ)
ހުރިހާ ހިޔާލުތަކެއް ސިކުނޑީގެ ތެރޭ އޮއްބާލަމުން އީހާނު ލޯ މަރާލިއެވެ. ބިލާހެއް ފަދަ އެ ހިޔާލުތައް އަތްނުފޯރާ ހިސާބަށް ދާން އޭނާ ނޭދެއެވެ. ހަގީގަތް ގަބޫލުކުރާތީއެވެ. މަރާލި ލޮލާއެކު ތުންފަތުގައިވީ ހިނިތުންވުން ވެސް ގެއްލިއްޖެއެވެ.
"އައި މިސްޑް ޔޫ... އައި އޭމް ސޮރީ." ނިކަން މަޑުމަޑުން އީހާނު ބުނެލިއެވެ.
* * * * *
ޔަމާނު އައިސް އީހާނުގެ ކޮނޑުގައި ޖަހާލިއެވެ. ހިޔާލުތަކުގެ ދުނިޔެއިން އީހާނަށް ނުކުންނަން ޖެހުނީ އެހެންވެއެވެ. އަދި ބޮލުން ޔަމާނަށް އިޝާރާތްކޮށްލީ ކިހިނެއްވީތޯ އަހާފަދައިންނެވެ.
"ކޮންދުނިޔެއެއްގަ. އަހަންނަށްވުރެ ކުރީން އައިސް މިއަދު ކެފޭ ހުޅުވައިފި، މިއަދު ހަތަރުދަން މިތާ އިންނަން ގަސްދުކުރާ ދުވަހެއްތަ؟ ހަތަރެއް ޖަހާއިރު އަހަރެން ދާނަން. އީހާނު ނުދާން ތިއިންނަނީ އަނެއްކާ ކަމެއްވީތަ؟." ޔަމާނު ވާހަކަދެއްކިއެވެ.
އާންމުކޮށް ހެނދުނު ކެފޭ ހުޅުވާނީ ޔަމާނެވެ. އެކަމަކު މިއަދު އޭނާއަށް އާދެވުނުއިރު އީހާނު ކެފޭގައި އުޅެއެވެ. މެންދުރު ނަމާދު ވަގުތަށް އީހާނު ނުކުމެގެން ގޮސްފައި ވެސް ގިނައިރެއް ނުވެ އަތުވެއްޖެއެވެ. އޭނާ ގެއަށް ދިޔަހެން އޭރު ވެސް ޔަމާނަށް ހިޔެއްނުވެއެވެ. އީހާނުގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަމާނަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު އެހެން ދުވަސްދުވަހަށްވުރެ ވެސް އީހާނު މިއަދު ފެންނަނީ ހިމޭންވެފައި ވާތީއެވެ. ކަމެއްވީތޯ ނާހަން ހުރެފައި ވެސް ޔަމާނަށް ކެތްނުވީއެވެ. އީހާނުގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ އޭނާގެ ގާތަށް ޔަމާނު އައުމުން ވެސް ހިލަން ނުވީތީ އެވެ.
"މަންމަމެން މިއަދު އެބާދޭ." އީހާނު މަޑުމަޑުން ބުނެލިއެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ދަތުރުކޮށްލީ ޔަމާނާ ދުރަށެވެ. އޭރު ޔަމާނު ހުރީ އެކުވެރިޔާއަށް ފަރުވާތެރިކަމާއެކު ބަލާށެވެ. އެ މޫނުމަތީގައި އަދިވެސް ވަނީ އުދާސްކަމެވެ. ކަމަކާ އީހާނު ބޮޑު ފިކުރެއް ކުރަނީކަން ޔަގީނެވެ.
"ނީރާ އަންނަނީތަ؟." ޔަމާނު އަހާލިއެވެ. އެ ސުވާލަށް އީހާނު ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ.
"ކީއްވެ ނޭހީ އެއްވެސް ވާހަކައެއް. އަހަރެމެން ޑިވޯސް ވެއްޖެކަން އެނގުނީމަ."
"އަހަންނާ ބެހޭކަމެއްނޫންވީމަ. އަހަރެންގެ ލަފާއަކަށް ބޭނުންވެއްޖެނަމަ އީހާނު އަހާނަމެންނު." ޔަމާނު ވަގުތުން ބުންޏެވެ. ފަނޑު ހިނިތުންވުމެއް އީހާނުގެ ތުންފަތުން ފާޅުވެލިއެވެ.
"ލައިޒަލްއާއި ނީރާ ރައްޓެހިވިކަން ޔާނުއަށް އެނގޭތަ؟." އީހާނު އަހާލިއެވެ.
"ޔަގީނެއްނޫން. އެހެންމީހުން ފަދައިން އަހަރެން ވެސް ހުރީ ޝައްކެއްގައި... ލައިޒަލް ނުބުނޭ އަހަރެން ކައިރީ ވެސް. މާފަހުން ހަގީގަތް އެނގުނީ. އީހާނު އެކަހަލަ ވާހަކައެއް ނުދައްކަމެންނު. ކަލޭމެން ދެމީހުންނަކީ ވެސް މޮޔައިން." ޔަމާނު ބުނެލިއެވެ.
"ޔާނު، އައި އޭމް އެޝޭމްޑް... ނީރާއާ މެދު ކަންތައްކުރެވުނު ގޮތުން. މަންމައަށްފަހު އަހަރެން އެ ދަރަޖައަށް ކެއާކުރާ ހަމައެކަނި އަންހެންކުއްޖަކީ އެއީ. މާކުރީން އަހަންނަށް އޭނާދެކެ ލޯބިވެވިއްޖެ. އައި ވޯޒް ވެއިޓިން ފޯ ދި ރައިޓް ޓައިމް، ބަޓް އިޓް ވޯޒް ޓޫ ލޭޓް ފޯ މީ. އެކަން ގަބޫލުކުރަން މިހާދުވަހު ބޭނުންނުވީ. ސޯ، އައި ޕްލޭޑް ޑާޓީ. ރިގްރެޓްވަނީ އެކަމާ. މިއަދު އޭނާ އައިމަ ކުރިމަތިލާނީ ކިހިނެއްކަމެއް ނޭނގިފައި މިހުންނަނީ. އަހަރެންގެ މޫނު ފެންނަން ވެސް އޭނާ ނޭދޭ. އަހަންނަށް ދުވަހަކުވެސް މައާފެއްނުކުރާނަމޭ ބުނި. އައި ޑިޒާވް ހާ ރޭޖް."
"މައާފުނުކުރިޔަސް މައާފަށް އެދުން ރަނގަޅީ. އަހަރެންނަށް ގޯހެއް ހެދިއްޖެނަމަ ރިދާ މައާފުނުކުރިޔަސް އޭނާގެ ގާތުން މައާފަށް އެދޭނަން. އަހަރެން މައާފަށް އެދުމުގައި ދެމިހުރެއްޖެނަމަ ކޮންމެވެސް ދުވަހަކުން މައާފުކުރާނެ. އަހަރެންނަށް އީހާނު އެނގެންފެށިއިރު ވެސް ތި ދެމީހުން އުޅެނީ ނުލާހިކު އެއްކޮށް. ނީރާ... ޝީ އިޒް ހާޓް، އެހެންވެ އެފަދަ އެއްޗެއް އެބުނީ. އޭނާ އީހާނަށް ނަފުރަތެއް ނުކުރާނެ. ނީރާއަކީ އެހާ ހިތްހަރު އަންހެންކުއްޖެއްނޫން. އޭނާއަށް ވަގުތު ދީ. އީހާނު އެދެނީ ނީރާ އުފަލުގައި ހުންނަންކަން ޢަމަލުތަކުން ބުނެދީ. ދެން ތިހެން ގިލްޓީވެފަ ނުހުރޭ. މިފަހަރު ލޯބި ކާމިޔާބު ނުވިޔަސް މީ އަދި ނިމުމެއްނޫން. އީހާނުގެ ހިތް ބަދަލުކޮށްލާފަދަ އަންހެންކުއްޖަކާ ދިމާ އަދި ނުވަނީ. އެކަހަލަ ކުއްޖަކާ ދިމާވީމަ އަލުން ލޯބިވެވިދާނެ. ތިންކް ޕޮޒިޓް ބްރޯ."
"އާން... ނީރާ އުފަލުގަ ހުންނަން އަހަރެން ބޭނުން. ކުރީގަހެން ހީނ ސަމާސާ ކުރާތަން ދުށުމަށް ބޭނުން. އަހަރެމެން ހުރިހާ އެކުވެރީން އޭނާއާނުލާ ބައިބައިވެއްޖެ." އަމިއްލައަށް ގަބޫލުކުރާ ފަދައިން އީހާނު މަޑުމަޑުން ބޯޖަހާލިއެވެ. އެހިނދު އޭނާގެ ކޮނޑުމަތީ ޔަމާނު ޖަހާލިއެވެ. އޭނާގެ އުދާސްކަން ކެފޭގެ ތެރޭގައިވީ ކަސްޓަމަރުންނަށް ނުފޯރަނީސް އެ "ނެގެޓިވް އެނާޖީ" ބަދަލުކުރާށޭ ޔަމާނު ބުނެލީ ހިނިތުންވުމަކާއެކުއެވެ.
އެޕާޓްމެންޓްތައް ހުރި އިމާރާތުގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލިއެވެ. އިމާރާތާ ކައިރި ފަރާތުން ކާރުގެ ފަހަތު ދޮރުފަތް ހުޅުވުނެވެ. ފުރަތަމަ ފޭބީ ލަމްހާއެވެ. އޭނާ މަޑުކޮށްލައި ބަލަން ހުރީ ނީރާ ފައިބަންދެންނެވެ. އެއަށްފަހު ކާރުގެ ދޮރުފަތް ލައްޕާލީ ލަމްހާއެވެ. ދެން ނީރާގެ އަތުގައި ހިފާލީ ކުޑަކުއްޖަކު ގޮވައިގެން ހިނގައިގަންނަ ފަދައަކުންނެވެ.
"އިންޝާﷲ، ހުރިހާކަމެއް ދާނީ ރަނގަޅަށް. ދަރިފުޅު ކަންބޮޑުނުވޭ." ނީރާ ހާސްވެފައި ހުރިކަން އެނގި ލަމްހާ ބުނެލީ ހިނިތުންވަމުންނެވެ. މަންމަގެ ކޮންމެ ބަހެއް ނީރާ ގަބޫލުކުރިއެވެ. ހުރިހާކަމެއް ރަނގަޅުވާނޭ މަންމަ ބުނެފިނަމަ އެގޮތަށް އެކަން ވޭތޯ މަންމަ މަސައްކަތްކުރާނޭކަން ނީރާއަށް ޔަގީންވަނީއެވެ. އެހެންވިޔަސް ލިބެމުންދިޔަ ހާސްކަމަކީ އީހާނުއާ ބައްދަލުވާނެކަން އެނގޭތީ ނަފްސަށް ލިބެމުންދިޔަ ހާސްކަމެކެވެ. އޭނާ އެބައެއްގެ ކައިރީ އުޅެ ބޮޑުވި މީހުންނާ ދުރަށް ދިޔައީ އީހާނު ނުފެންނަ ހިސާބަކަށް ދިއުމަށެވެ. މިހާރު މިވަގުތު އީހާނު ގޭގައި ނޫޅޭކަމެއް ނޭނގެއެވެ. ގެއަށް ވަންނައިރަށް އީހާނުގެ ކުރިމައްޗަށްކަން އެރޭނީ ނީރާ ހިތަށް އަރަނީއެވެ. އިމާރާތުގެ ލިފްޓަށް އެރުމާއެކު މަންމަގެ އަތަށް ނީރާއަށް ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"ކޮޓަރި ހުންނާނީ ތައްޔާރަށް. ތަންމަތި ބަދަލުކޮށްލީމަ ދަރިފުޅު ފެންވަރާލައިގެން ނުކުމެ ނިދާލާ." ލަމްހާ ހިޔާލު ފާޅުކުރިއެވެ. މަޑުމަޑުން ނީރާ ބޯޖަހާލީއެވެ.
އެޕާޓްމެންޓު ލަމްހާ ހުޅުވާލިއެވެ. ފުރަތަމަ ވަނީ ފޮށިތައް ހިފައިގެން ހުރި ސުޖާއުއެވެ. ލަމްހާގެ ފަސްފަހަތުގައި ހުރި ނީރާ ވަނެވެ. މޭގައިވި ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހުރިހާ ކޮޅަކަށް ނީރާގެ ލޯ އަމާޒުވަމުން ދިޔައެވެ. އެމީހުންނާ ގޭތެރެއިން ބައްދަލުކުރީ އަނދިރިކަމުގައިވީ ހިމޭންކަމާއި ފަޅުކަމެވެ. ފާރުގައި ހުރި ސުވިޗުތައް ލަމްހާ ޖައްސާލުމާއެކު ގޭތެރެ އަލިވެގެން ދިޔައެވެ. އީހާނު ގޭގައި ނެތީކަން ނިންމަން ނީރާއަށް އެނގުނީ އެހެންވެއެވެ. އޭނާ ކޮބާތޯ ބަލަން ލަމްހާ ނޫޅެއެވެ. ނީރާގެ ފޮށި ގެނެސް އޭނާގެ ކޮޓަރި ކައިރީ ސުޖާއު ބަހައްޓައިދިނެވެ. އެއަށްފަހު ލަމްހާއާއި ސުޖާއުގެ ކުޑަ ފޮށި ހިފައިގެން އޭނާ ގޮސް ކޮޓަރިއަށް ވަނީއެވެ. ނީރާގެ ކޮޓަރި ތަޅުލާފައި ހުރިކަން އެނގުނީ ލަމްހާ ތަޅުދަނޑިފަތި ހިފައިގެން އައީމައެވެ. މަންމަގެ ފަހަތުން ނީރާ ކޮޓަރިއަށް ވަނެވެ. އެއީ އޭނާ ދޫކޮށްދިޔަ ކޮޓަރިއެވެ. އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ހިރަފުސްކޮޅެއްހާ ހިސާބު ވެސް ކޮޓަރީގައި ނެތެވެ. މަންމަ އެ ކޮޓަރި ސާފުކުރާކަމުގެ ހެއްކެކަށް ފުދެއެވެ. އަލަމާރިން ބެޑްޝީޓް ސެޓު ނަގަން ލަމްހާ ބުނެލިއެވެ. އޭނާ ނީރާގެ އެނދުގައި އެވަގުތު އަޅާފައި އޮތް ބެޑްޝީޓު ނަގަން އުޅުނެވެ.
"އަހަރެން ތަންމަތި އަޅާލާނަން. މަންމަ ދިޔަޔަސް އޯކޭ." ނީރާ ބުނެލިއެވެ.
"ޔަގީންތަ؟." ލަމްހާ އަހާލިއެވެ. އެއާއެކު ނީރާ އަވަސްއަވަހަށް ބޯޖަހާލިއެވެ.
ކޮޓަރީގައި އެކަނިވުމުން ލަމްހާ ދޮރުތަޅުލީއެވެ. އެނދުގެ ތަންމަތި އަޅާނިމުމުން އޭނާ ވަނީ ފެންވަރާށެވެ. ފާޚާނާއިން ނުކުމެ ރޯބްގައި ނީރާ އިނީ އިސްތަށިގަނޑު ހިއްކާށެވެ. ފޯނު ރިންގުވާއަޑު އިވިގެން ހެއާޑްރަޔާ ނިއްވާލާފައި އައިސް އެނދުމަތީ އޮތް ފޯނު ނެގިއެވެ.
"ގޭގަތަ؟." އިވުނީ ލައިޒަލްގެ އަޑެވެ. އޭނާ ވެސް އައީ ނީރާމެންނާ އެއްފްލައިޓަކުންނެވެ.
"އީހާންއާ ދިމާވިތަ؟." ނީރާ އާނއެކޭ ބުނުމުން ލައިޒަލް އަހާލިއެވެ.
"ގެއަކުނެތް. ލައިޒަލް ކީއްކުރަނީ؟."
"އެނދުގަތަ މިއޮތީ. ފެންވަރައިގެން ނުކުމެ... ވަރަށް މިސްވާތި މިއުޅެނީ. މިރޭ ދަންތަ ބަލާ."
"ނޫން. އަދިއެއްނޫން. ދެން އެހާ ގިނަދުވަހެއް ނެތެއްނު. އަހަންނަށް އެނގޭ ދެމީހުން މީޓުވެއްޖެއްޔާ ވާނީ ކިހިނެއްކަން. ރަނގަޅުގޮތެއްނޫނެއްނު އެއީ. މަންމަ ވެސް ބުނި އިހަށް މަޑުކުރަން. އެކަމަކު ފޯނުން ވާހަކަ ނުދައްކާކަށް ނުބުނޭ."
"ފޯނުން މަށަށް ފެނިލަބާ." ލައިޒަލްގެ އަޑުގައި ސަމާސާ ގޮތްވިއެވެ.
"ހާދަ ކެތްނުލަވާ ފިރިހެނެކޭތީ." ނީރާ ބުނި ގޮތުން ލައިޒަލް ހީނގަތް އަޑުއިވުނެވެ.
"އަހަރެން ހާދަ ކެތްކޮށްފީމޭ. ނީއަށް ރަނގަޅަށް އެނގޭނެ. އަދިވެސް ކެތްކުރާނަން... ނީއަށް ޓަކައި. ތި ލޯތްބަށް ޓަކައި. އަވަހަށް ދުވަސްތައް ދާނެނަމަ." ލައިޒަލް ބުންޏެވެ.
ލައިޒަލްގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު އެނގި ނީރާ ހިނިތުންވެލިއެވެ. ހަގީގަތުގަ އޭނާގެ ހާލަކީ ވެސް މިހާރު އެޔެވެ. އިއްދައިގެ ދުވަސްތައް އަވަހަށް ނިމުމަކަށް އައުމެވެ. ލައިޒަލްއާ ކައިވެނި ކުރުމަށެވެ. އޭނާގެ އަނތްބަކަށްވާށެވެ. ދެމަފިރިންގެ ގޮތުގައި އާ ދިރިއުޅުމެއް ފެށުމުގެ ހުވަފެންތައް މިހާރުއްސުރެ ނީރާ ބަލަން ފަށައިފިއެވެ. އެކުގައި ދެމީހުން އުޅޭނޭ ގޮތުގެ ހިޔާލުތައް ކުރެވެންފަށައިފިއެވެ.
ނީރާއާ އިހާނު ބައްދަލުވީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ކާއެއްޗެހި ހުރީ ބޭރުން ގެނެސްފައެވެ. ކާމޭޒުދޮށުގައި އެންމެން ތިބިއިރު ވެރިވެފައިވަނީ ތަފާތު ހިމޭންކަމެކެވެ. ނީރާއަށް އީހާނަށް ބަލާލަން ނުކެރުނުއިރު އީހާނުގެ ހާލަކީވެސް އެއީއެވެ. އެކަކުވެސް އަނެކަކަށް ގޮވާނުލިއެވެ. އެންމެންނަށްވުރެ ކުރީން މޭޒުދޮށުން އީހާނު ތެދުވެއްޖެއެވެ. އޭނާ ރަނގަޅަށް ނުކާކަން ނީރާއަށް ވެސް ފާހަގަވިއެވެ. ކެފޭއަށް ދަނީކަމުގައި ބުނެ އީހާނު ނުކުމެގެން ދިޔައީއެވެ. ލަމްހާ ވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. މިފަހަރު އީހާނު ނުކުމެގެން ދިޔަ ދިމާއަށް ނީރާގެ ނަޒަރު އަމާޒުވެލިއެވެ. އެ ދެމީހުން ދެން އުޅޭނީ ދެ ބީރައްޓެހިން ފަދައިންތޯ ނީރާގެ ހިތަށް އެރިއެވެ.
* * * * *
1 މަސް ފަސް.
ސަލީމާ މާލެ އައީ މަންމަ ގޮވައިގެންނެވެ. ރަށުގައި ހުރި ބޮޑު ގެ ކުއްޔަށް ދޫކުރެވޭނެ ގޮތް ހަމަޖައްސައި ތިމާގެ މީހަކާ ހަވާލުކޮށްފައެވެ. އެގޭގައި ދިރިއުޅޭނެ މީހަކު ނެތީމައެވެ. ފިރިމީހާއާއި ދަރީންނާއެކު ސަލީމާގެ ދިރިއުޅުންވަނީ މާލޭގައެވެ. އޭނާ ރަށަށް ބަދަލުވުމުގެ ވިސްނުމެއް ނެތެވެ.
ފޯނަށް ބަލަން އިން އުޝާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ގަބޫލުނުކުރެވިގެންނެވެ. އެހެންވިޔަސް ރިދާ އޭނާއަށް އޮޅުވާލުމަށް ވެސް އެވަރުގެ ބޮޑު ދޮގެއް ނުހަދާނޭކަން އުޝާއަށް އެނގެއެވެ. އީހާނާއި ނިރާ ވަރިވެއްޖެ ކަމުގެ ޚަބަރު އުޝާއަށް ލިބުނީ އަދިކިރިޔާއެވެ. ހަމައެއާއެކު އުޝާއާއި ލައިޒަލް ވަކިވެއްޖެކަން ވެސް ރިދާއަށް އޮތީ އެނގިފައެވެ. ހިތަށް އުނދަގޫވާ ގޮތްވީ ލައިޒަލް އުޅެނީ ނީރާ ކައިވެނިކުރަންކަން އެނގުނީމައެވެ.
"ލައިޒަލްއާއި ނީރާ." އުޝާއަށް ބުނެލެވުނެވެ.
"އުޝާ! ކޮބާ ތައްޔާރުވެވިއްޖެ." ދޮރުގައި ޓަކިޖެހުމާއެކު އިވުނީ މަންމަގެ އަޑެވެ.
ފޯނު ހިފައިގެން އުޝާ ކޮޓަރިން ނުކުތެވެ. ސަލީމާއާއެކު ބާޒާރުކުރަން ދާން އެއްބަސްވެފައި އޮތީމައެވެ. ދެމައިން ގެއިން ނުކުތްއިރު ސޯފާގައި ޝަރަފިއްޔާ އިނެވެ. އާދެވޭނެ އިރެއް ނޭނގޭކަން މަންމައަށް ގޮވާލާފައި ސަލީމާ ނުކުތުމުގެ ކުރީން ބުންޏެވެ.
މާލޭގެ ހެނދުމާއި ފޮތިވިއްކާ ފިހާރަތަކަށް ވަންނަމުން ސަލީމާއާއި އުޝާ އައެވެ. އެތައް ފިހާރައަކަށް ވަދެވުނުއިރު ވެސް މަންމައަށް ގޮތެއް ނިންމަން ނޭނގިގެން އުޅޭތީ އުޝާ ހުރީ ރުންކުރުވާ ގޮތްވެފައެވެ. އޭރު އޭނާ ދެ ފިހާރައަކުން ވިޔަފާރިކޮށްފިއެވެ. މަންމައަށް ކުދިކިޔަމުން ދެމައިން ފޮތި ފިހާރައަކަށް ވަނެވެ. ފައިސާ ކަނޑާ ކައުންޓަރު ދޮށުގައި ހުރި ކުރުކުރު އަންހެންމީހާ ސަލީމާއާއި އުޝާއަށް ފާހަގަވިއެވެ.
"ލަމްހާ..." ސަލީމާއަށް ގޮވާލެވުނެވެ. އޭނާ ހަލުވި ފިޔަވަޅުގައި ހިނގައިގަތީ ލަމްހާގެ ކައިރިއަށެވެ.
ލަމްހާގެ މޫނުން ފާޅުވީ ސިހުމެވެ. ގަޔާނުވާކަމުގެ އަސަރުތައް އެ ސިހުމުގެ ތެރެއިން ފާޅުވާންފެށިއެވެ. އެ އަސަރުތައް އުޝާއަށް ފާހަގަވިއެވެ.
"އަހަރެން ވަރަށް ހޯދައިފިން." ކޮތަޅުތައް ހިފައިގެން ލަމްހާ ހިނގައިގަތުމުން ސަލީމާ އެރީ އޭނާގެ ކުރިމައްޗަށެވެ.
"ފިރިމީހާ އެބައިން ބޭރުގަ." ލަމްހާ އަވަސްއަވަހަށް ބުނެލިއެވެ. ސަލީމާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރިވަރުން އޭނާގެ ކައިރީގަ ހުރި އުޝާއަށް ސަމާލުކަމެއް ލަމްހާ ނުދިނެވެ. އެހެންނޫންނަމަ އޭނާއަށް ނީރާއާއި އީހާނުގެ އުފަންދުވަސް ފާހަގަކުރި ހަފުލާގެ އިތުރުން އެމީހުންގެ ކައިވެނީގެ ކަންކަމުގައި އުޝާ ބައިވެރިވިކަން ލަމްހާއަށް އެނގުނީހެވެ.
"ނަންބަރު ދީބަލަ. ބައްދަލުކުރަން ބޭނުން. މުހިންމު ވާހަކައެއް ދައްކަންވެގެން... ބުނެބަލަ ބައްދަލުވާނެ ގޮތެއް." ސަލީމާ ވާހަކަދެއްކީ ލަމްހާ ހިނގައިގަތުމުން އޭނާއާ އެއްވަރަށް އަންނަމުންނެވެ.
"ލަމްހާ... އަހަރެން މީ ރިޔާޒުގެ ދައްތައަށްވީމަތަ ވާހަކަނުދައްކަން ތިއުޅެނީ." ފިހާރައިން ނުކުމެ ދުވާރު ކައިރީ މަޑުކޮށްލައިގެން އިން ފިރިހެނެއްގެ ސައިކަލަށް ލަމްހާ އެރުމުން ސަލީމާއަށް ބުނެވުނެވެ. ދެން ވެސް ލަމްހާ ބަހެއް ނުކިޔެވެ. ސުޖާއުގެ ކޮނޑުގައި ލަމްހާ އަތްޖައްސާލުމުން އޭނާ ސައިކަލު ދުއްވާލީއެވެ. އޭގެ ދެމަފިރިން ދުރަށް ދަންދެން ސަލީމާއަށް ބަލަން ހުރެވުނެވެ.
"މަންމަ ކިހިނެއް އޭނާ ދަންނަނީ؟." ސަލީމާ އެނބުރި ފިހާރައަށް ވަނުމުން އުޝާ އަހާލިއެވެ.
"އުޝާއަށް އެނގޭތަ އޭނަ؟." އުޝާއަށް ޖަވާބުދިނުމުގެ ބަދަލުގައި ސަލީމާ އޮޅުންފިލުވަން އަވަސްވެލިއެވެ.
"ހޫމް... އެއީ ރައްޓެއްސެއްގެ މަންމަ. ލައިޒަލް އިންނަން އުޅެނީ އޭނާ ގެންގުޅޭ އަންހެންކުއްޖާއާ." އުޝާގެ މޫނުން މާޔޫސްކަން ފާޅުވިއެވެ.
"އޭނާގެ އަންހެންދަރިއަކު ހުރޭތަ؟." ސަލީމާ ހައިރާންވީއިރު ހިތުގައި ސުވާލު ވެސް އުފެދުނެވެ.
"އޭނާގެ އަސްލު ދަރިއެއްނޫން. ގެންގުޅެ ބޮޑުކުރިކަން އެނގެނީ. ނީރާ ކިޔަނީ. އަހަރެމެން ވެސް ފުރަތަމަ ހީކުރީ އެއީ އޭނާގެ އަސްލު މަންމަކަމަށް. އެކަމަކު އެއީ އީހާނުގެ މަންމަ." އުޝާ ބުންޏެވެ.
"އެމީހުން ދިރިއުޅޭތަނެއް އެނގޭތަ؟." ސަލީމާ ވިސްނަން ހުރެފައި އަހާލިއެވެ.
"ހުޅުމާލެއިން އެޕާޓްމެންޓެއް ގަނެގެން އުޅެނީ. އަހަރެން ދިޔައިން އެގެއަށް."
ސަލީމާ އިތުރަށް ވާހަކައެއް ނުދެއްކިއެވެ. އެކަމަކު އެއީ ވިޔަފާރިކޮށްގެން އެނބުރި ގެއަށް އާދެވެންދެނެވެ. ގޭގައި އިން މަންމަ ފެނުމުން ސަލީމާއަށް ވިސްނާލެވުނެވެ. އޭނާ ލަމްހާއާ ބައްދަލުކުރަން ބޭނުމެވެ. އެކަމަކު މަންމަ ގާތުގައި އެއިން ވާހަކައެއް ބުނުމުގެ ވިސްނުމެއް ސަލީމާގެ ނެތެވެ. އުޝާގެ ފަހަތުން ގޮސް އެ ކޮޓަރިއަށް ސަލީމާ ވަނެވެ. ލަމްހާ އުޅޭ ގެއަށްދާން ސަލީމާ ނިންމިއެވެ. އެހެންވެ އުޝާގެ ގާތުން އެޑްރެސް އޮޅުންފިލުވީއެވެ.
"އެޕާޓްމެންޓް ނަންބަރު ބުނާނީ މަންމައަށް އޭނާ އެނގޭ ގޮތެއް ބުނީމަ." އުޝާގެ އެއްވެސް ސުވާލަކަށް ސަލީމާ ޖަވާބު ނުދޭތީ އޭނާ ގަދަ ހަދާލިއެވެ.
"ތިބުނާ އަންހެންކުއްޖަކީ ލަމްހާގެ ދަރިއަކަށް ނުވެއްޖެނަމަ. އަހަރެންގެ ހިތް ބުނަނީ އެއީ ރިޔާޒާއި ނަސްރާގެ ދަރިފުޅޭ." ހިޔާލަކަށް ގެއްލިފައި ހުރި ފަދައިން ސަލީމާ ވާހަކަދެއްކިއެވެ.
"އެއީ ކޮންބައެއް؟." އުޝާ އެއްސެވެ.
"ރިޔާޒަކީ އަހަރެންގެ ކޮއްކޮ. އެއީ އޭނާގެ ދަރިފުޅުނަމަ އުޝާއާ ދެބެންގެދެދަރި ކޮއްކޮއަށް އޭނާ ވާނީ."
"ވަޓް... ނޯވޭ... އަހަރެން ބޭނުމެއްނޫން. ކޮންތާކުން އިވިގެން އުޅޭ ވާހަކަތަކެއް މަންމަ ތިދައްކަނީ." އުޝާ އެއްގޮތަކަށް ވެސް ގަޔާނުވިއެވެ. މަންމަ އެބުނަނީ ނީރާއާއި އޭނާއަކީ ދެބެންގެ ދެދަރި ކުދީންކަމެވެ. އެފަދަ ގާތްކަމެއް ނީރާއާ އޮންނާކަށް އުޝާ ނޭދެއެވެ.
"އަހަރެންގެ އަތުން ލައިޒަލް އަތުލި މީހަކު އާއިލާއަށް ވާނީ ކިހިނެއް. ގަބޫލެއްނުކުރާނަން." އުޝާ ތަންކޮޅެއް ބާރަށް ބުންޏެވެ.
މިވަގުތު އުޝާ ދައްކާ ވާހަކައަކަށްވުރެ ސަލީމާ ހުރީ ލަމްހާއާ ބައްދަލުވާން ބޭނުންވެފައެވެ. ދިރިހުރިނަމަ ރިޔާޒާއި ނަސްރާގެ އެ ދަރިފުޅު ދުށުމަށް ބޭނުންވެފައެވެ. ހަމައެއާއެކު އޭނާއާ ވާހަކަދައްކަން ލަމްހާ ބޭނުންނުވަނީ ކީއްވެކަން ސަލީމާއަށް އެނގެއެވެ. ރިޔާޒާއި ނަސްރާއަށް ކަންތައް ދިމާވީގޮތް އެނގޭނެ މީހަކަށް ލަމްހާ ވާނެކަން ސަލީމާއަށް އެނގެއެވެ. ނަސްރާގެ އެންމެ ގާތްކޮށް އުޅުނު ހަމައެކަނި މީހަކީ ލަމްހާއެވެ. ނަސްރާ ބަލިވެ އިނީއްސުރެ ވިހަންވަންދެން ވެސް އޭނާ އުޅުނީ ލަމްހާގެ ގޭގައިކަން ސަލީމާއާއި ޝަރަފިއްޔާއަށް ވެސް އެނގެއެވެ. ނަސްރާއާ ބައްދަލުކުރަން ލަމްހާގެ ގެއަށް ވަދެގެން ނުވާނޭކަން އަމުރުކުރި ހަނދާން ސަލީމާ ނުނެތެވެ. އެއީ ވެސް މަންމަގެ އެދުމަށް ސަލީމާ އެގޭ ދޮށަށް ދިޔަ ދުވަހެކެވެ. ނަސްރާގެ ބަނޑުހުރި ގޮތެއް ބަލަން މަންމަ ބޭނުންވެގެންނެވެ. އެ ދުވަސް މާޒީއަށް ވެއްޖެކަމާއި އެމީހުންގެ ފަރާތުން ގެއްލުމެއްނެތްކަން ލަމްހާއަށް ބުނެދޭން ސަލީމާ މިއަދު ބޭނުމެވެ.
* * * * *
ބެލް އަޅާ އަޑާއެކު ނީރާ އައިސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ ދެބައި އުމުރަށްވުރެ މައްޗަށް ގޮސްފައިވާ އަންހެނެކެވެ. ކަޅުބުރުގާއާއި ކަޅުކުލައި ބޮޑު ހެދުމުގައެވެ. އޭނާ އަނގައިން ނުބުނެ ނީރާގެ މޫނަށް ބަލަނީއެވެ.
"ކާކު ހޯދަން؟." އެ އަންހެން މީހާ އަނގައިން ނުބުނުމުން ނީރާ އަހާލިއެވެ.
"ލަ.. ލަމް..ހާ..." އެ އަޑުގައިވީ އަޅައިގަތުން ނީރާ ހައިރާން ކުރުވިއެވެ. އެއީ މީގެ ކުރީން ދުވަހަކުވެސް ނީރާ ދުށް މީހެއްނޫނެވެ. އެގެއަށް މަންމަ ހޯދަން އަންނަ ރައްޓެހިންގެ ތެރެއިން ވެސް ފެނުނު މީހެއްނޫނެވެ.
"މަންމާ... ހޯދަން." ނީރާ ފަހަތަށް ބަލާލައި ބުންޏެވެ.
ދޮރުހުޅުވަން ނީރާ އައީ ލަމްހާގެ ދެއަތް ހަޑިވެފައި ހުރީމައެވެ. ބަދިގޭގައި ލަމްހާ އުޅެނީ ރޭގަނޑުގެ ކެއުމަށް ކުކުޅެއް ފިހާށެވެ. ނީރާ އިންނަން އުޅޭ ކުއްޖާ އާއިލާއާ ބައްދަލުކުރަން އަންނާތީއެވެ. ޚާއްސަ ކެއުމެއް ތައްޔާރު ކުރުމަށެވެ. ނީރާ ގޮވާލުމުން އޭނާ ނައިސް ނުވާނެކަން އެނގި ސިންކާ ލަމްހާ ކައިރިވެލިއެވެ. ދެއަތް ދޮވެލައި އަތް ފުހެމުން އޭނާ ދޮރުކައިރިއަށް އައެވެ. ނީރާ އެތެރެއަށް ވަދެ ސޯފާގައި އިށީނީ އޭނާ ބަލަމުންދިޔަ ޓީވީ ޝޯ ބަލާށެވެ.
"ކަލޭ..." ލަމްހާއަށް ބުނެވުނެވެ.
ވަގުތުން ބޭރަށް ނުކުތް ގޮތަށް ލަމްހާ ދޮރު ލައްޕާލިއެވެ. އޭނާ ދިރިއުޅޭ ތަނަކަށް ނުވައްދާނަމޭ ބުނާ ފަދައިންނެވެ. އޭނާ އުޅޭތަން ހޯދައިގެން ސަލީމާއަށް އަންނަން އެނގުނީ ކިހިނެއްބާއޭ ލަމްހާ ހިތަށް އެރިއެވެ.
"އެއީ އެމަންޖެތަ؟. ނަސްރާއާއި ރިޔާޒުގެ..." ސަލީމާއަށް ބުނެވުނެވެ.
"ނަސްރާއާއި ރިޔާޒެއްނެތް. އެމީހުންގެ ދަރިއަކުނެތް. އަހަރެން ސަލީމާއާ ވާހަކަދައްކަން ބޭނުންނުވާކަން ނޭނގޭތަ؟."
"އެނގޭ... ކީއްވެކަން ވެސް އެނގޭ. އޭރު އަހަންނެކޭ މަންމައެކޭ ތަފާތެއްނެތް. އެކަމަކު އިންސާނުން ބަދަލު ވެސް ވޭ. ފާފަތަކަށް އަރައިގަނެވި އެކަމާ ދެރަވެ ތައުބާވާން އެދޭ މީހަކަށް އިސްލާހުގެ މަގު ޚިޔާރު ކުރުމަށް ފުރުސަތު އޮވޭ. ﷲ ގަންދީ ބުނަން. އަހަރެން މިއައީ އެ ދަރިފުޅުގެ ހަލާކަކަށް އެދިގެންނޫން. ލަމްހާއަށް ދެރައެއް ލިބުމަށް އެދިގެނެއްނޫން. ލަމްހާ... އަހަރެން މިއައީ ކަލެއާ ވާހަކަދައްކާލަން. އަހަންނަކީ ވެސް ބޮޑުވެފައި ހުރި އަންހެން ދަރިއެއްގެ މައެއް. އެންމެ ބޮޑު އިއްތިފާގަކީ އަހަރެމެންނަށް ނޭނގުނަސް އެކުދީން އެކަކުއަނެކަކު ދަންނަކަން. ރަހުމަތްތެރިކަން އުފެދިފަ އޮތްކަން. ލަމްހާގެ ކައިރިއަށް އަހަރެންގެ ދަރިފުޅު އައި. މިގެއަށް އަންނަން އެނގުނީ އެހެންވެ. މިއައީ މިނޫން ގޮތަކަށް ލަމްހާއާ ބައްދަލުނުވާނޭކަން އެނގޭތީ."
"އަހަރެންނަށް ކަލޭގެ އެއްވެސް ވާހަކައެއް ގަބޫލެއްނުކުރެވޭ." ލަމްހާއަށް ފެނިފައި ހުރި ހަގީގަތް އޭނާ ހަނދާނެއް ނުނެތެވެ. ސަލީމާމެންގެ އާއިލާގެ ނުބައިކަން އޭނާއަށް އެނގޭތީއެވެ. ކުއްލިއަކަށް އެމީހުންގެ ތެރެއިން އައިސް ހުރި މީހަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ.
"އިތުބާރު ނުކުރެވޭނެކަން އެނގޭ. އަހަރެން އިންތިހާއަށް ދެރަވޭ އޭރު ކުރެވުނު ކަންތައްތަކާމެދު. ރިޔާޒާއި ނަސްރާއަށް މަންމަ ސިހުރު ހެދި. އަހަރެން އެއްބަސްވަން. ސިހުރު އަޅާފައި ހުރި ކާއެއްޗެހިކަން އެނގިހުރެ އަހަރެންގެ އަތުން އުފުލިން. އެގެއަށް އެ ދެމަފިރިން ކެއުމަށް ގެންދިޔައިން. ވަރަށް ވަރަށް ދެރަވޭ އެނގިހުރެ އެ ދުވަހު އެކަންކަން ކުރެވުނީމަ. އެކަމަކު އެ ދުވަހު އަހަރެން ދެކޮޅުވީ ނަމަވެސް މަންމަ ހުއްޓުވުމުގެ ބާރެއް އަހަންނަކަށް ނުލިބޭނެ. ލަމްހާ... އަހަންނަށް މަޢާފުކުރޭ. ކަލެއަކީ އެ ދެމަފިރިން އެންމެ އިތުބާރުކުރާ މީހާ. ފަހުން އަހަރެން ވަރަށް ހިތާމަކުރިން، ވަރަށް ދުޢާކުރީން އެ ދަރިފުޅު ދުނިޔޭގައި ހުރިނަމަ އަހަރެންގެ މަންމަގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް. އަހަރެންގެ އަންހެން ދަރިއަށް ދެރަގޮތެއްވާން ނޭދޭއިރު، އަހަރެންގެ ކޮއްކޮގެ ދަރިއަށް ގެއްލުމެއްވާން ވަކިން ބޭނުންވާނެތަ. އޭރު އެވީ ކަންތައްތައް ނުވިނަމަ މިއަދު މަންމަ އެއިން ހާލުގައި ނީންނާނެ. ހުރިހާ ދަރީން ތިބީހީ މަންމަގެ ގާތުގައި. ލަމްހާ... މިއަދު އަހަރެންގެ މަންމަ އިނީ ވަރަށް ނިކަމެތި ހާލުގަ. އެކަމަކު އެ މުސްކުޅިޔާއަށް އަދިވެސް ހެޔޮ ވިސްނުން ލިބުނުކަމާމެދު ޝައްކު. މިއިން އެއްވެސް ވާހަކައެއް އަހަރެން މަންމައާ ހިއްސާ ނުކުރީ އެހެންވެ. އަހަރެން އެކަނި ހެޔޮ އެދުނަސް ދެންތިބި މީހުންގެ ގޮތެއް އަހަންނަކަށް ބުނާކަށް ނޭނގޭނެ. ބުނެބަލަ ލަމްހާ. ދެންމެ އަހަރެންގެ ކުރިމަތީގަ ހުރެފަ އެވަނީ އެމީހުންގެ ދިރިހުރި ނިޝާންތަ؟. ކަލެއަށް އެނގޭނެތީ އަހަރެން މިހާވަރަކުން ކަލޭ ކައިރިއަށް މިއައީ." ސަލީމާ ދެއަތްތިލަ ޖައްސާލައި ތުންފަތާ ހަމައަށް ދެއަތްތިލަ އުފުލާލުމާއެކު އިނގިލިތަކުގެ ކޮޅުތައް ތުންފަތުގަ ޖައްސާލިއެވެ. އޭނާ ލަމްހާގެ ގާތުން އާދޭސްކުރާ ކަހަލައެވެ. (ނުނިމޭ)