ވާހަކަ

ސިއްތާ

(31 އޮކްޓޯބަރ 2021 އާ ގުޅޭ)

"އަހަރެން... އަހަންނަކީ ނަސްރާގެ ބޮޑުބޭބެ. ތީ ނަސްރާއާއި ރިޔާޒުގެ ދިރިހުރި ހަމައެކަނި ނިޝާން." އިހްސާސްތައް ނުހިފެއްޓިގެން އުޅޭ މީހަކު ހެން އަވަސްއަވަހަށް އިލްޔާސްއަށް ބުނެވުނެވެ.

އަހަރުތަކަކަށް ވަޅުޖެހިފައިވި، ހަނދާންނައްތާނުލެވުނު މާޒީގެ މަންޒަރުތައް ތިލަވެ ލޯ ކުރިމަތީ ސިފަވާން ފެށިހެން އިލްޔާސްއަށް ހީވިއެވެ. އޭނާގެ ނިތަށް ރޫގިނަވެލީ އެ މާޒީގެ ކަޅުކަމާއި ހިތްދަތިކަމުގެ ސަބަބުންނެވެ. އެ އަނދިރިކަމާއި ދުރަށް ގެންދެވުނު ކުޑަކުޑަ ފުރާނަ އެނބުރި ފުރިހަމަ އަންހެނެއްގެ ގޮތުގައި އައިސް އިލްޔާސްގެ ކުރިމައްޗަށް އަރާފާނޭ ހިތަށް ވެސް ނާރައެވެ. އެހެންނުވާނޭކަން ލަމްހާ ވަނީ އިލްޔާސްއަށް ވަޢުދުވެފައެވެ. ލަމްހާ ކޮބާތޯ އިލްޔާސްއަށް ސުވާލު ކުރެވުނީ އެހެންވެއެވެ. ނީރާ އެކަނި އެ ރަށަށް ލަމްހާ ފޮނުވާނޭ އިލްޔާސްގެ ހިތެއް ނުބުނެއެވެ.

އިލްޔާސް ތެދުވުމާއެކު ނީރާ ވެސް ކޮޅަށް ތެދުވެއްޖެއެވެ. އެނބުރި ގޭތެރެއަށް ވަންނަން އިލްޔާސް ހިނގައިގަތެވެ. ނީރާ ގޮވާލީ އެވަގުތެވެ.

"އެ ގެއަށް ވީހާ ވެސް އަވަހަކަށް ބަދަލުވާން ބޭނުން." ނީރާ ބުނެލިއެވެ. އިލްޔާސްގެ މޫނުން ފާޅުވި އަސަރުން އޭނާގެ ނިންމުން ބަދަލުކޮށްފިކަން ނީރާއަށް ދެނެގަންނަން އެނގުނެވެ.

"ކޮންތާކު މިހާރު ހުންނަނީ؟." އިލްޔާސް ސުވާލު ކުރިއެވެ.

ރިޔާން އިސްވެ ޖަވާބު ދިނެވެ. ވަގުތުކޮޅަކަށް އިލްޔާސް ހިމޭންވެލިއެވެ. ހީވީ ކަމަކާމެދު އޭނާ ވިސްނާލީ ހެންނެވެ. އެއަށްފަހު އިލްޔާސް އެދުނީ ނީރާ ގާތުން އެނބުރި ދިއުމަށެވެ. އެހިސާބަށް ނޭރުމަށެވެ. ގޭގައި ހުރުމުގެ އިޒްނައެއް ނުދިނެވެ. ލަމްހާއާ އޭނާ ވާހަކަދައްކާނޭކަން ބުންޏެވެ. އެހާ ހިސާބުން ކަންތައްވާނީ ކިހިނެއްކަން ޚުދު ނީރާއަށް ވެސް އެނގެއެވެ. ލަމްހާ ނައިހެއް ނުހުންނާނޭކަން އެނގެއެވެ. އިލްޔާސްގެ ގާތުން އޮޅުންފިލުވަން ބޭނުންވެ އެތައް ސުވާލެއް ފުނިޖެހިފައި ނީރާގެ ހިތާއި ސިކުނޑީގައި ވިއެވެ. ނަމަވެސް އިލްޔާސް ހުރީ ނީރާއާ އިތުރަށް ވާހަކަދައްކާ ގޮތަކަށް ނޫނެވެ. ނަސްރާގެ ދަރިފުޅަށް ނީރާ ވާއިރު އިލްޔާސްއަށް ނީރާ އެ ފެނުނީ އެތައް އަހަރުތަކެއް ފަހުންނެވެ. އެހެންވިޔަސް ބައްދަލުވުމުގެ އުފާވެރިކަމެއް އިލްޔާސްގެ ފަރާތުން ފާޅެއްނުވެއެވެ. ބަދަލުގައި އޭނާގެ މޫނުގައިވަނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ނީރާ އައީތީ ވެފައި ހުރި ކަންބޮޑުވުމެވެ. ނީރާ ކައިރީ ތެދުވެ ހުރި ރިޔާނަށް އިލްޔާސް ބަލާލިއެވެ. ނީރާ ގޮވައިގެން އެނބުރިދާން ރިޔާންގެ ގާތުގައި އިލްޔާސް ބުންޏެވެ.

ހިތްހަމަނުޖެހުނު ފަދައަކުން ހަލުވި ފިޔަވަޅުގައި ނީރާ އެގެއިން ނުކުތީއެވެ. އޭނާގެ ފަހަތުން ރިޔާން އައެވެ. އަތުކުރީ ގަޑިއަށް ބަލާލާފައި ރިޔާން ސައިކަލަށް އެރިއެވެ. ދާންވީކަން އެނގޭތީއެވެ. ބަހެއްނުކިޔާ ނީރާ އައިސް ރިޔާންގެ ފަހަތަށް ސައިކަލަށް އެރިއެވެ.

* * * * *

ޓެކްސީ އިން ފޭބި ސަލީމާގެ ފޮށީގައި ފަހުދު ހިފިއެވެ. ޑްރައިވަރަށް ފައިސާ ދީފައި ބަދީއު ފައިބައިގެން އައެވެ. އޭގެ ތިންމީހުން ގޭގެ ދޮރޯށިން އެތެރެއަށް ވަނެވެ.

"މަންމަ ކައިރީ މާމަވީ. އަހަރެން އެކަނި ގޭގަ ހުރީ." ގޭތެރެއަށް ވަންނަމުން ފަހުދު ބުންޏެވެ.

ފަނަރަ އަހަރުގެ ފަހުދަކީ ސަލީމާގެ ކޮއްކޮ ސުދާގެ ފިރިހެންދަރިފުޅެވެ. ދިރިއުޅުމެއް ނުފެނި ސުދާގެ ކައިވެނި ރޫޅުނީ ފަހުދު ކުޑަކުޑައިރު އެވެ. އޭރުއްސުރެ ދަރިފުޅު ހުންނަނީ ސުދާގެ ކައިރީގައެވެ. ފަހުދު ގެންދަން އޭނާގެ ބައްޕަ ބޭނުންވިޔަސް ސުދާ ދަރިފުޅު ނުދިނީއެވެ. ގަދަކަމުން އަތުލަން ފަހުދުގެ ބައްޕަ ބޭނުން ވެސް ނުވީއެވެ. މަސައްކަތެއް ނުކޮށް ގޭގައި ހުންނަ ސުދާއަށް ދަރިފުޅު ބެލެނީ އެ ދަރިފުޅުގެ ބައްޕަ ހުރިހާ ޚަރަދެއް ބަލަހައްޓާތީއެވެ. ފަހުދާއި ބައްޕައާ އޮންނަ ގުޅުން ވެސް ރަނގަޅެވެ.

"ބަދީއު... ހޮސްޕިޓަލަށް ދަމާ." ފަހުދު ދެއްކި ކޮޓަރީގައި އެއްޗެހިތައް ބަހައްޓަމުން ސަލީމާ ބުންޏެވެ.

ހޮސްޕިޓަލަށް ސަލީމާގެ ދެމަފިރިން އައީ ފަހުދު ގޮވައިގެންނެވެ. މާމަ އިންނާނީ ކޮންތާކުކަން ފަހުދަށް އެނގޭތީ ސަލީމާމެންނަށް އެކުއްޖާ މަގުދެއްކިއެވެ. ކައިރި ހިސާބެއްގައި މީހަކު ފެންނާކަށް ނެތެވެ. ފާރުގައި ޖައްސާލެވިފައިވާ ގޮނޑިބަރީގަ އިނީ ޝަރަފިއްޔާ އެކަންޏެވެ. ސަލީމާމެން އަންނަ ހިލަންވެ އޭނާ ބަލާލިއެވެ. ކޮންބައެއްކަން އެނގުމުން ވަގުތުން ޝަރަފިއްޔާއަށް ކޮޅަށް ތެދުވެވުނެވެ.

"މަންމާ..." ޝަރަފިއްޔާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނުމުން ސަލީމާގެ ފިޔަވަޅު އަވަސްވެލިއެވެ. ހަލުވިކޮށް އައިސް މަންމަގެ ގާތުގައި ފުރަތަމަ ވެސް ހުއްޓިލީ ސަލީމާއެވެ. މަންމަ އިސްޖަހާލައި ދެފަރާތަށް ބޯހޫރާލިތަން އޭނާ ދުށްޓެވެ.

"ސުދާއެއްނެތް... އެއްފަހަރު ހިތް ހުއްޓިއްޖެ، މެޝިނުން ނޫނީ ނޭވާއެއް ނުލާ..." ލޯ ފުހެލުމަށް ލޯމަތީ އަތްތިލަ ހިންގާލުމާއެކު ކުރެހިފައިވާ ޝަރަފިއްޔާގެ އަޑު އިވުނެވެ. ސަލީމާއަށް ބަލާލެވުނީ އެ އަޑު އިވޭ ހިސާބުގައި ހުރި ފަހުދަށެވެ.

"އަހަރެމެން އުންމީދުކަނޑާލައިގެން ނުވާނެ. ﷲ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ. އިމްތިހާނުތަކަށް ކެތްތެރިވުން އޮތީ." މަންމަ ގޮވައިގެން ގޮނޑިބަރީގައި ސަލީމާ އިށީނެވެ. މަންމައަށް ހިތްވަރުދެމުން އެ މުސްކުޅި މަންމަގެ ބުރަކަށީގައި މަޑުމަޑުން އޯގާތެރިކަމާއެކު ސަލީމާ ފިރުމަމުންދިޔައެވެ. މަންމައާއެކު އެންމެ ގިނަ ވަގުތެއް އާއިލާގައި ހޭދަކޮށްފައިވަނީ ސުދާކަން ސަލީމާއަށް އެނގެއެވެ. އޭނާ ވެސް މާލެއަށް ދިރިއުޅުން ބަދަލުކުރިއިރު މަންމައާއި އާއިލާގައި ދެންތިބި މީހުންނާ މެދު އެއްވެސް ވަރަކަށް އޭރު ވިސްނާފައެއް ނުވެއެވެ.

"މިކުއްޖާ ނާޝިދު ކައިރިއަށް ފޮނުވާލަން އަހަރެން ނިންމައިފިން." ކުރިމަތީ ހުރި ތަނބުގައި ލެނގިލައިގެން ހުރި ފަހުދަށް ބަލާލަމުން ޝަރަފިއްޔާ ބުންޏެވެ.

"އޭރުން ސުދާ..." ސަލީމާއަށް ފުރިހަމަ ނުކުރެވެނީސް ޝަރަފިއްޔާ ވާހަކަދެއްކިއެވެ.

"އަހަރެން ހުރިހާ ވަގުތަކުހެން މިއިންނަނީ ހޮސްޕިޓަލުގަ. ފަހުދަށް އަޅާލެވެނީއެއްނޫން. ގިނަވަގުތު އެ ހުންނަނީ ގޭގައި އެކަނި. އެކުއްޖާގެ ކިޔެވުން ހަލާކުވެދާނެ. ނާޝިދަކީ އޭނާގެ ބައްޕަ. މިވަގުތު އޭނާ އެންމެ ރަނގަޅަށް ބެލޭނީ ނާޝިދަށް. އަހަރެން އޭނާއާ ވެސް މިވާހަކަ ދައްކައިފިން. ނާޝިދު އެއްވެސް އިރަކު ފަހުދު ނުގެންދާކަށް ނޫޅޭ. ސުދާ އެނބުރި އަހަރެމެންގެ ކައިރިއަށް އަތުވެއްޖެނަމަ އެ ދަރިފުޅު ސުދާގެ ކައިރިއަށް އަންނާނެ. ނާޝިދު އެކަމަށް ހުރަހެއް ނާޅާނެ." ޝަރަފިއްޔާގެ ވިސްނުން ހާމަކުރިއެވެ. އެކަމާ ބަސްކިޔާން ސަލީމާ މިފަހަރު ގަސްދެއްނުކުރިއެވެ. އޭނާއަށްވުރެ ބޮޑަށް މަންމައަށް ސުދާގެ ދަރިފުޅާމެދު ކަންތައްކުރަންވީ ގޮތް އެނގޭނެކަން ސަލީމާއަށް ގަބޫލުކުރެވެއެވެ. ރަށަށް އެނބުރި އައި ނަމަވެސް ސަލީމާ އެއައީ ރަށުގައި ހުންނަ ގޮތަކަށް ނޫންވިއްޔާއެވެ. ވީއިރު އޭނާއަށް ފަހުދުގެ ޒިންމާއެއް ނުނެގޭނެއެވެ. އަނެއްކޮޅުން ސުދާއަށް ވާނޭ ގޮތަކާމެދު ވެސް ސަލީމާ އިނީ ހާސްވެފައެވެ. ސުދާ އެމީހުންނާ ވަކިވެއްޖެނަމަ މަންމަ އެކަނިވާނެއެވެ. މަންމަ ބަލަން ހުންނާނެ ހަމައެކަނި މީހަކީ ސަލީމާއެވެ. އޭނާއަށް މަންމަ ބެލޭނީ އޭނާގެ ގާތަށް ގެންގޮސްގެންނެވެ.

ހޮސްޕިޓަލުގައި ޝަރަފިއްޔާއާއެކު ސަލީމާގެ ދެމަފިރިން މަޑުކޮށްފައި ފަހުދު ގެއަށް ފޮނުވާލިއެވެ. މެންދުރު ކާއެއްޗެއް ކާން ޝަރަފިއްޔާ ގޮވައިގެން ސަލީމާމެން ހޮސްޕިޓަލްގެ ކައިރީގަ ހުރި ކެފޭއަކަށް ދިޔައެވެ. އަސުރުވެގެން އައިއިރު ވެސް ސަލީމާމެން ތިބީ ހޮސްޕިޓަލުގައެވެ. ބަދީއުއާއެކު ޝަރަފިއްޔާ ގެއަށް ފޮނުވާން ސަލީމާ ނިންމީ ގޮނޑީގައި އިނދެ ވަރުބަލިވެފައިވާ މަންމަ ތާއްޔާ ޖެހޭތަން ފެނިގެންނެވެ.

ގެއަށް އާދެވުމުން ބަދީއު ވެސް އައީ ކޮޓަރިއަށެވެ. ޝަރައްފިއްޔާ ވެސް ހެނދުނުއްސުރެ ހޮސްޕިޓަލުގައި އުޅުމުގެ ސަބަބުން ފުރަތަމަ ބެލީ ފެންވަރާލެވޭތޯއެވެ. އަސަރުކޮށްލައިގެން ނުކުމެ ބަދީއުއަށް ގޮވާލަން ދިޔައިރު ކޮޓަރި ހުރީ ތަޅުލާފައެވެ. ނިދުނީކަމަށް ބަލައި ޝަރަފިއްޔާ އައިސް ސިޓިންރޫމުގައި ހުރި ސޯފާގައި އިށީނީ ޒިކުރުތައް ކިޔާށެވެ. އަތުން ތަސްބީހަ ދޫވެ ދެ ލޯ މެރުނުކަމެއް ޝަރަފިއްޔާ ނުދެނަހުއްޓެވެ. އޭނާއަށް ހުޅުވާފައި ހުރި ޓީވީގެ އަޑު އިވެއެވެ. ދެބަދޭތެރެވެފައި އޮވެވުނީކަމެއް ނޭނގެއެވެ. ސިޓިންރޫމު ދޮރުކައިރިން ހިޔަންޏެއް ފާޅުވުމުން އެ ދިމާއަށް ޝަރަފިއްޔާ ބަލާލިއެވެ. ފެނުނީ ފުރަގަސްދީގެން ފިރިހެނަކު ހުއްޓައެވެ. އޭނާ ހިތްހަމަނުޖެހިފައިކަން ހުރީ ގައިމެވެ. ކާކުކަން އެނގޭތީ އޭނާގެ ނަމުން ޝަރަފިއްޔާއަށް ގޮވާލެވުނެވެ. ނަމަވެސް އޭނާ އެނބުރި ޝަރަފިއްޔާއަށް ބަލައެއް ނުލިއެވެ. އޭނާގެ އަޑު އިވުނުހެން ވެސް ހީނުވެއެވެ. ޝަރަފިއްޔާ ތެދުވަން އުޅެއުޅެ ތެދުވެވޭގޮތެއް ނުވިއެވެ. ނުތެދުވެވިގެން އުޅެނިކޮށް އޭނާ ނުކުމެގެން ދިޔަތަން ފެނުނެވެ. އަޖައިބުވީ ދޮރޯށި ހުޅުވިތަނެއް ނުފެނި އެކަމަކު ދޮރޯށިން ނުކުތީމައެވެ.

"މަންމާ... މަންމާ..." ސިހިގެން ދިއުމާއެކު ވަގުތުން ޝަރަފިއްޔާގެ ހަށިގަނޑަށް ދިރުން ލިބުނު ފަދައިން އޭނާ ފުންމައިގެން ތެދުވިއެވެ. ކައިރީގަ އޭރު ހުރީ ބަދީއުއެވެ.

"ކިހިނެއްވީ؟... ހުވަފެނެއް ފެނުނީތަ؟... އަހަރެން އައިއިރު މަންމަ ފާޑެއްގެ އަޑެއް ލައްވާތީ ގޮވާލީ." ބަދީއު ބުންޏެވެ.

"ނިންޖާހެދި ދެބަދޭތެރެވީ." ޝަރަފިއްޔާ ބުނެލިއެވެ. އޭނާއަށް ފެނުނު ކަންތައް ކިޔައެއް ނުދިނެވެ. ފެނުނީ އާންމުކޮށް ވެސް އޭނާއަށް ފެންނަ މަންޒަރުތަކެއްވީމައެވެ. އެ ވާހަކަ އެއްވެސް ދަރިއެއްގެ ކައިރީ ދައްކަން ބޭނުންނުވަނީއެވެ. ކަށްވަޅާ ހަމައަށް އޭނާ ގެންދާން ބޭނުންވާ ސިއްރަކަށްވާތީއެވެ. ކިޔަންއިން ޒިކުރުތައް ނިންމުމާއިގެން އޭނާ އުޅުނެވެ. ސޯފާގައި ބަދީއު އިށީނދެ ހުޅުވާފައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

އިރުއޮއްސި ނަމާދަށް ދިއުމުގެ ކުރީން ސަލީމާއާ ބަދީއު ވާހަކަދެއްކިއެވެ. ކައިރީގަ ހުރި މިސްކިތަށް އޭނާ ދިޔައީ ފަހުދު ގޮވައިގެންނެވެ. އިޝާ ނަމާދަށް އަރަންވާއިރަށް ރޭގަނޑުގެ ކެއުމަށް ކޮންމެވެސް އެއްޗެއް ތައްޔާރުކުރާން ކަމަށް ބަދިގޭގައި ޝަރަފިއްޔާ ހަރަކާތްތެރިވަމުންދިޔައެވެ. ސަލީމާ އޭނާއަށް ގުޅިއިރު އިޝާ ނަމާދަށް އަރަން މޫނަށް ދޮޅި ހެޔޮވަރުކޮށްލީއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރި ޝަރަފިއްޔާގެ މޫނު ހުދުވެގެން ދިޔައެވެ. ފޯނު ހިފައިގެން ހުރި އަތްނޫން އަނެއް އަތްތިލަ ގެނެސް އަނގަމަތީ އަޅާލިއެވެ. ބޭރުކޮށްލި ފިނިނޭވާއާއެކު އެނދުގައި ޝަރަފިއްޔާ އިށީނެވެ. ރޯންވީ ވަގުތު ރޯން ނޭނގިފައި އޭނާ އިން ފަދައެވެ. ނަމާދުކޮށްލައިގެން ދަނީކަމުގައި ބުނެ ޝަރަފިއްޔާ ފޯނުކޯލު ކަނޑާލިއެވެ. ވަގުތުކޮޅަކަށް ހަރަކާތެއްކުރަން ނޭނގިފައި އޭނާއަށް އިނދެވުނެވެ. ދެން އެނދުމަތީ ފޯނު ބާއްވާލުމާއެކު އައިސް ތަޅުމަތީ ފަތުރާލާފަ އޮތް މުސައްލަ މަތީ ހުއްޓުނެވެ. ނަމާދުކުރަން ފެށުމާއެކު ޝަރަފިއްޔާގެ ދެ ލޮލުން ކަރުނައިގެ ސައިލެއް ފާޅުވެއްޖެއެވެ. ހިތުގައިޖެހިގެން އޭނާ ރޯ އަޑު ކޮޓަރީގައިވީ ހިމޭންކަން ފުނޑުފުނޑުކުރަމުންދިޔައެވެ. އޭނާގެ ނަފްސަށް ހަމަޖެހުމެއް ނުލިބޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އޭނާއަށްވުރެ ކުރީން އޭނާ ލޯބިވީ އެންމެން ވަކިވެގެންދާތަން ބަލަން ކެތްކުރަންދަތިވެފައި ވެއެވެ. ފަސް ދަރީންގެ ނަސީބު ﷲ އޭނާއަށް މިންވަރުކޮށްދެއްވިއެވެ. އެކަމަކު މިއަދު އުމުރުން ދުވަސްވެފައިވާއިރު އޭނާގެ ކައިރީގައި އެއްވެސް ދަރިއަކު ނެތެވެ. ކުށުގެ އިހްސާސްގެ ހަނދާންކޮށްދިނުމެއް ކަމުގައި އޭނާއަށް ފެންނަ ހުވަފެން ވެއެވެ. ގިސްލެވި ރުއިމުގެ އަޑުގަދަވީ ހިނދު ސަޖިދައަށް ތިރިވެ ފާފަތައް ފުއްސަވާދެއްވުމަށާއި ދަރީންނަށް އޭނާގެ ފާފައިގެ އަޒާބު ނުދެއްވުމަށް އެދި ޝަރަފިއްޔާ ﷲ އަށް ދަންނަވަންފެށިއެވެ. ވަކިވެގެންދިޔަ ސުދާގެ ފުރާނައަށް ސުވަރުގެ ދެއްވުމަށް އެދި އެ މަންމަ ދުޢާކުރިއެވެ.

* * * * *

"ލަމް، ދެން ހުއްޓާލަބަލަ." ހާސްވެގެން ގޮސް ހަދާނޭ ގޮތެއް ނޭނގި ރޮވެމުންދިޔަ ލަމްހާގެ ކޯތާފަތް ސުޖާއު ފުހެލާ ދިނެވެ. އެމީހުންގެ ކައިރީ ޖެހިގެން ހުރި ސޯފާގައި އީހާނު އިނެވެ.

"މަންމަ ކީއްވެތަ ތިހާ ބިރުގަންނަނީ. ނީރާއާ ބަޔަކު ދިމާކޮށްފާނެތީތަ؟ އެކަމަކު ނީރާ އެނގޭނެ ބަޔަކު އެތާގަ ތިބޭނެހެން ހިޔެއްނުވޭ." އީހާނު ވާހަކަދެއްކިއެވެ.

"އަހަރެން ބިރުގަންނަނީ އެމީހުންދެކެ. ނީރާގެ ބައްޕަ ފަރާތު އާއިލާދެކެ. ނަސްރާއާއި ރިޔާޒުގެ ދުވަސް ދުއްވާލީ އެމީހުން. އިންސާނެއްގެ ފުރާނަ ދުއްވާލަން ކެރުނުބައެއްގެ ރަހުމެއް ހުންނާނެތަ. އެކަހަލަ ބަޔަކަށް އިންސާނުންނޭ ކިޔޭނެތަ؟." ހާސްވެފައި އިންވަރުން މީގެ ކުރީން ނުދައްކާ ވާހަކަތައް ލަމްހާގެ ދުލުން ބޭރުވިއެވެ.

ލަމްހާއަށް ޓިކެޓު ލިބުނީ އެއްދުވަސް ފަހަށެވެ. އޭނާ ބޭނުންވީ ވަގުތުން ފުރާށެވެ. އެހެންވެ ސުޖާއު ރިސޯޓުގައި ހުރެފައި މާލެ އައީ ލާންޗެއް ހަމަޖައްސާށެވެ. ލަމްހާގެ ހާލު ގޯސްވީ ނަސްރާގެ ބޮޑުބޭބެ، އިލްޔާސްގެ ފޯނުކޯލު އައި ފަހުންނެވެ. މާލެއައީ އެ ދެމެދުގައި ގުޅުމެއް ބޭއްވުމަށްވުރެ ނުބޭއްވުންކަން ރަނގަޅުވާނީ ދެފަރާތުން ވެސް އެއްބަސްވެގެންނެވެ. އެހެންވެ އިލްޔާސްގެ ޚަބަރެއް ލަމްހާއަށް ވެސް މިވީ އޭގެ ފަހުން ފުރަތަމަ ފަހަރަށެވެ. ލާމަށް ދާން އުޅޭއިރު ލަމްހާ އެކަނި ފޮނުވާކަށް ސުޖާއު ގަބޫލެއްނޫނެވެ. އެމީހުންނާ ބައިވެރިނުވާން އީހާނު ނިންމީ ނީރާއާ މެދު ވިސްނާފައެވެ. އެހެންވިޔަސް މިވެގެން އުޅޭ ގޮތެއް އެނގެން އޭނާ ވެސް މިހާރު ބޭނުމެވެ. ނީރާއަށް ނުރައްކަލެއް އޮތްނަމަ އެކަމާ އޭނާ ވެސް ކަންބޮޑުވެއެވެ.

"ހެނދުނު އަހަރެމެން ތިބޭނީ އެކޮޅުގަ." ލަމްހާ ހިތްހަމަޖައްސައިދޭން މަސައްކަތްކުރަމުން ސުޖާއު ބުންޏެވެ.

* * * * *

"އަދިވެސް ހިތްހަމަނުޖެހިފަ." ފޯނަށް ބަލަން ޖޯލީގައި އޮތް ނީރާ ބަލާލީ ރިޔާންގެ އަޑު އިވިގެންނެވެ.

"ނޫން." ނީރާ ބުންޏެވެ. ރިޔާން އައިސް އޭނާގެ ވައަތް ފަރާތުން އެއް ޖޯލި ދޫކޮށްފައި އިށީނެވެ.

"ބާރަޖަހައިފި... ނިދާކަށް ނުވަންނަތަ؟." މިފަހަރު ވެސް ވާހަކަދެއްކީ ރިޔާނެވެ.

"ނިންޖެއްނެތް."

"ބޮޑުފިކުރެއް ކުރަނީ ދޯ."

"އަހަރެން އުފަންކުރި މަންމައާއި ބައްޕައަށް ވީގޮތެއް ނޭނގެންޏާ ވިސްނޭނެ ދޯ. އެމީހުން މަރުވީ އާދައިގެ މަރަކުން ހެން ހީނުވަނީ. އަހަރެން ބޮޑުކުރި މަންމަ މިކޮޅަށް އަހަރެން އަންނަން ގަބޫލެއްނޫން. ކީއްވެކަމެއް އެއްފަހަރު ވެސް ނުބުނޭ. މަންމަ ފަރާތު ބޮޑުބޭބެއެއް ހުރިކަމެއް ވެސް އެނގުނީ މިއަދު. އެގޮތަށް ބައްޕަ ފަރާތުގަ ވެސް އާއިލާއެއް އޮންނާނެތާ. ތިމާގެ މީހުން ތިބޭނެއެއްނު. އެކަމަކު އެތަނުން އެކަކުވެސް އަހަންނަކަށް ނޭނގޭ. މިރަށަށް އައީ މަންމައާއި ބައްޕަ ދިރިއުޅުނު ގެ ހުންނާނެކަމަށް. އެމީހުންގެ ހަނދާން އާކޮށްލަން ގޮސް ހުރެލާނެ ތަނަކަށް އެތަން ވާނޭކަމަށް. ހިތްހަމަޖައްސާލަން ބޭނުންވެފަ ހުރީ. އާ ދިރިއުޅުމަކާ ކުރިމަތިލުމުގެ ހިތްވަރު ހޯދަން މިތަނަށް އައީ."

"ތިކަމުގައި އެހީވާނެ ގޮތެއް ނޭނގޭ. ނީރާގެ މަންމަމެންނާ ބެހޭ ގޮތުން އަހަންނަށް ޖަވާބެއްދޭން ނޭނގޭނެ. މާބޮޑަށް ދެން ނުވިސްނާ. މިތާ ތިހެން އެކަނި ނީނދެ ދޭ ކޮޓަރިއަށް. ނީރާ ތިހެން އިންދަ އަހަންނަކަށް ނުކެރޭނެ މިތަނުން ދާކަށް." ރިޔާން ބުންޏެވެ. ނީރާ ވަކި އެއްޗެއް ނުބުނެ އިނީއެވެ. ޖޯއްޔަށް ހަށިގަނޑު ދޫކޮށްލުމާއެކު ފޯނު ހިފައިގެން އޮވެ ބަނޑުމަތީ ދެއަތް އަޅުވާލިއެވެ. އެހިނދު ރިޔާން ގޮވާލިއެވެ.

"މާދަން މެންދުރު ކެއުމަކަށް ދަޢުވަތު ދީފިއްޔާ ނީރާ ގަބޫލުކުރާނަންތަ؟." ރިޔާންގެ ސުވާލާއެކު ނީރާގެ ނަޒަރު އޭނާއާ އަމާޒުވެލިއެވެ.

"ގެސްޓްހައުސްއަށް ހުރެލަން އަންނަ އަންހެންކުދީންނަށް ކެއުމަށް ދައުވަތު ދިނުން ރަނގަޅު ކަމަކަށްވެދާނެތަ؟"

"އަހަރެންގެ މަންމަ ކައްކާ އެއްޗެހި ނުބައެއްނުވާނެ. އެކަނި ތިހެން އުޅުމަށްވުރެ ވަގުތުކޮޅަކަށް ހިޔާލުތަކާއި ދުރުވެލާނޭ ފުރުސަތެއް މިދެނީ. ބުނީމެންނު ހިތްހަމަޖައްސާލަން އައި ދަތުރެކޭ."

"ތި ގެއަށްތަ..." ނީރާ ހައިރާންވިއެވެ.

"ހޫމް... އަހަރެންގެ ގެއަށް، އެކުވެރީން ގެންދަންވާނީ ގެއަކަށްނު، ނޫޅޭނެ ގިނަބަޔަކު. އަހަންނާއި އަންހެން ކޮއްކޮ، ދެން މަންމަ. އެގަޑީގަ އާނިސް ވެސް އުޅޭނެ. އަހަރެން މިކޮޅުގެ ޓުއާއެއް ނީރާއަށް ދީފާނަމޭ."

ނީރާއަށް ބުނާނޭ އެއްޗެއް ނޭނގި ވިސްނުމަށް ގެއްލިފައި އިނދެވުނެވެ. ރަށުތެރެއަށް ނުކުމެއްޖެނަމަ ނީރާ ގެއްލޭނެކަން ޚުދު އޭނާއަށް އެނގެއެވެ. އެ ރަށުގައި ހިނގާ އުޅޭކަށް އޭނާއަކަށް ނޭނގޭނެއެވެ. އެކުވެރިއަކު ވެސް ނެތެވެ. ރިޔާން އަނެއްކާވެސް އޭނާގެ ދައުވަތު ގަބޫލުކުރޭތޯ ކިޔަންފެށިއެވެ. ރަށުގެ އެކި ތަންތަނުގެ ވާހަކަދެއްކިއެވެ. މިކަހަލަ ދަތުރެއްގައި މުޅި ރަށް ބަލާނުލާ އެނބުރި ދިއުމަކީ ގެއްލޭ ފުރުސަތެއްކަމުގައި ރިޔާން ބުންޏެވެ. މިފަހަރު ނީރާއަށް ވެސް އެކަން ގަބޫލުކުރެވުނެވެ. އަމިއްލަ ހިޔާލުތަކުން މިނިވަންވެވޭނީ އެހެންކަމެއްގައި މަސްއޫލުވެގެންކަން ނީރާއަށް އެނގެއެވެ. ރިޔާންގެ ދައުވަތު އޭނާ ގަބޫލުކުރީ އެހެންވެއެވެ.

"ކޮންމެވެސް މީހަކު އެބަގުޅާ ކަންނޭނގެ." ބަންޑުން އޮތްއިރު ވެސް ނީރާގެ ފޯނުގެ އިސްކުރީނު ދިއްލޭތަން ފެނިގެން ރިޔާން ބުންޏެވެ. (ނުނިމޭ)