ވާހަކަ

ސިއްތާ

(11 ނޮވެމްބަރ 2021 އާ ގުޅޭ)

"އަހަރެން މާލެދާން މިއުޅެނީ. މަންމައާއެކު... މިރަށުގައި އަހަރެން ހުރުން ރަނގަޅެއްނޫން." ނީރާ ބުންޏެވެ.

"ކީއްވެ؟. އަހަރެން އައީމަތަ؟. މަންމަ އޯކޭއެއްނޫންތަ؟." ލައިޒަލް ސުވާލު އުފެދުނެވެ.

ނީރާއަށް ސިއްރުވެފައި އޮތް މާޒީގެ ވާހަކަ އޭނާ ލައިޒަލްއަށް ކިޔައިދިނެވެ. ނީރާގެ ހަގީގީ މައިންބަފައިންނަކީ ލ.ގަމަށް ނިސްބަތްވާ ބައެއްކަމެވެ. މަންމަގެ ބޮޑުބޭބެއެއް އެބަހުރިކަމެވެ. ހަމައެއާއެކު ރަށުގެ ގިނަބަޔަކު ދަންނަ ބޮޑު އާއިލާއެއްކަމުގައި ބައްޕަގެ އާއިލާ ވެއެވެ. ނަމަވެސް އެންމެ ބޮޑު ހިތާމައަކާއި ނުރައްކަލެއް އޮތީ ބައްޕަގެ އާއިލާގެ މީހުން ފަރާތުންނެވެ. އެމީހުންގެ ސަބަބުން ނީރާގެ މައިންބަފައިން ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ލަމްހާއާއި އިހާނުގެ އާއިލާގެ މެންބަރަކަށް ނީރާ ވާން ޖެހުނީ އެހެންވެއެވެ.

"އާ ޔޫ ސްކެއާޑް." ލައިޒަލް އަހާލީ ހާސްވެފައި އިނދެއެވެ.

"އައި ޑޯންޓް ނޯ. އެއީ ކޮންބައެއްކަމެއް ނޭނގޭ. ހުރިހާކަމެއް އެނގުނީމަ މިހާރު ބޭނުމެއްނޫން އެމީހުން ހޯދާކަށް. މަންމަގެ ބަސް އަހައިގެން އެނބުރި މާލެދާން ބޭނުމީ." ނީރާގެ ހަގީގީ އިހްސާސް ހާމަކުރިއެވެ.

ނީރާގެ ވާހަކަތައް އަޑު އަހަން އިން ލައިޒަލްއަށް އުޝާއާ ބައްދަލުވިކަން ސިއްރު ކުރުން ރަނގަޅުކަމެއްކަމުގައި ނުދެކުނެވެ. އެހެންވެ އޭނާ ރޭގަނޑު ކާން ވަން ރެސްޓޯރެންޓުގައި އިންދާ އުޝާ އެތަނަށް އައިކަން ނީރާގެ ގާތުގައި ލައިޒަލް ބުންޏެވެ. އުޝާގެ ނަމާއެކު ނީރާގެ ނަޒަރު ދުރަށް ދަތުރުކޮށްލި ގޮތް ލައިޒަލްއަށް ފާހަގަވިއެވެ.

"މިކޮޅުން ފެނިދާނޭ ހިޔެއްނުކުރަން. އެކަހަލަ ވާހަކައެއް އުޝާ ނުދައްކާ. ހަމްދާނު އަހަރެންގެ ޓިކެޓު ނަގައިގެން ގެނެސްދިނީ. މީހެއްކައިރީ ނުބުނާށޭ އަހަރެން ނުބުނަން. އެހެންވެ އުޝާ އަހައިފިއްޔާ ހަމްދާނު ބުނީކަމަށް ވެދާނޭ ހީކުރީ. ވަގުތުން އޭނާއަށް ގުޅީން. ބުނީ ނުބުނަމޭ. އެންޑް އައި ޓްރަސްޓް ހިމް. އޭނާއަށް ވެސް ނޭނގޭނެ އަހަރެން މިކޮޅަށް އައި ބޭނުމެއް. އުޝާ ކައިރިއަކު ވެސް ނުބުނަން. އެނީވޭޒް... އޭނާ މުހިންމެއްނޫން."

"ލައިޒަލް. އަދި އެއްވާހަކަ... މަންމައަކީ ހަމައެކަނި އީހާނުގެ މަންމަ އެކަންޏެއް ވެސްނޫން. އެއީ އަހަރެންގެ ވެސް މަންމަ. އަހަރެން ގަބޫލުކުރަނީ އެގޮތަށް. އަހަންނަށް މަންމައާ ގުޅުން ކަނޑައެއްނުލެވޭނެ. އެ މަންމަ އަހަރެންދެކެ ލޯބިވާވަރު އެނގިއެނގި ހުރެ އެ ހިތް މަރާލުމެކޭ އެއްފަދަ އަހަރެން މަންމައާ ގުޅުން ކަނޑާލުން. އީހާނަކީ އެ މަންމަގެ ދަރިއެއް... އެކަމެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެ. މަންމަ ކައިރީ އީހާނު ނޫނީ އަހަރެން ޗޫޒް ކުރާށޭ ނުބުނާނަން. އަސްލު މަންމަ އެހީނުވިނަމަ އަހަރެން އަދިވެސް ހުރީހީ އީހާނުގެ އަނތްބެއްގެ ގޮތުގައި. މަންމައަށް ހަގީގަތް އެނގުމުން ކައިވެނި ރޫޅާލަން ބުނީ އަހަރެންގެ އުފަލަށް ޓަކައިކަން އެނގޭ."

"އައި އޭމް ސޮރީ... ދެން ނުބުނާނަން އެކަހަލަ އެއްޗެއް. އެކަމަކު އަހަންނާ މެރީކޮށްގެން ނީ އުޅޭންވާނީ އަހަރެންގެ ގޭގަ. އެހެން އެއްވެސް ކަމަކަށް އަހަރެން މަނައެއް ނުކުރާނަން. އީހާނު... ނީއާ ފޯނުން އެންމެފަހުން ވާހަކަދެއްކި ދުވަހު އަހަރެން އީހާނާ ބައްދަލުކުރަން ދިޔައީން. ނީ ވަރިކޮށްފައިކަން އެނގުނީ އޭނާ ބުނީމަ. އީހާން އެހާ ބަދަލުވެދާނޭ އަހަރެން ހިޔެއްނުކުރަން. އޭނާ ނީދެކެ ލޯބިވާކަން ޔަގީން. އަހަންނަށް މީހެއްގެ ހިތެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު އަހަރެން ނީއަށް އިތުބާރުކުރާނަން. ވީ އެންމެ އަވަހަކަށް ނީއާ ކައިވެނި ކުރަން ބޭނުން. ކޮންއިރަކުން އިއްދަ ހަމަވަނީ."

"މަހަކަށްވުރެ މަދު ދުވަސްކޮޅެއް." ނީރާ ބުންޏެވެ.

"މިފަހަރު ލަސްކުރާކަށް ބޭނުމެއްނޫން. ނީގެ ފެމެލީ ކައިރީ ބުނާނީ ކޮންއިރަކުން؟. އަހަރެން ފުރާނީ ނީއާއެކު. މާލެ ދެވުނީމަ ފުރަތަމަ ކަމަކަށް ކާފައާ ވާހަކަދައްކާނަން. އަހަރެންގެ އެއްވެސް ކަމަކަށް ކާފަ ނޫނެކޭ ނުބުނާނަން."

"ލައި..ޒަލް..." ނީރާ ގޮވާލީ ލަސް ގޮތަކަށެވެ.

"އަވަހީތަ؟. ނީ ބޭނުންވަނީ އަދިވެސް މަޑުކުރަންތަ؟." ލައިޒަލްއަށް އަހާލެވުނެވެ.

"އާ ޔޫ ޝުއާ... ކައިވެނި ކުރަން. ލައިފްގެ ބާކީ ދުވަސްތައް އަހަންނާއެކު ހޭދަކުރަން."

"ޔެސް، އައި އޭމް ޝުއާ. ވަރަށް ޔަގީންކަމާއެކު މިވާހަކަ މިދައްކަނީ. ނީއާ ކައިވެނި ކުރަން ބޭނުމީ. އިއްދަ ހަމަވުމުން ނީރާއަށް ކައިވެނި ކުރުން މަނާވާނޭކަމެއް ނޯންނާނެ. ދުވަސްކޮޅެއް އަދި އެބައޮތޭ ތިބުނީ. އެ ދުވަސްތަކުގައި އަހަރެމެން ކައިވެންޏަށް ތައްޔާރުވާނީ. ދެފަރާތުގެ އާއިލާއާ ބައްދަލުވެ ދަސްކުރަން ވެސް ޖެހޭނެއެއްނު..."

ނީރާއަށް ލައިޒަލްދެއްކި ވާހަކަތައް ކަމުދިޔައެވެ. އެހެންނަމަވެސް މުސްތަގުބަލުގެ ރޭވުންތަކާއިގެން ކުރިއަށްދާން ނީރާ ބޭނުންވަނީ އިއްދައިގެ މުއްދަތު ހަމަވުމަށްފަހު ފުރިހަމަ މިނިވަނެއްގެ ގޮތުގައި އިނދެއެވެ. ދެފަރާތުގެ އާއިލާއާ ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ކައިވެންޏަށް ތައްޔާރުވާނީ އޭގެ ފަހުގައެވެ. ނީރާ އެ ނިންމުން ލައިޒަލް ފުރިހަމައަށް ބަލައިގަތެވެ. ދެމީހުންނަށް ވެސް މިހިސާބަށް އާދެވުނީ ގޯސްތަކެއް ހެދިގެންކަން ލައިޒަލްއާއި ނީރާ ވެސް ގަބޫލުކުރެއެވެ. ހުރިހާ ހުރަސްތަކަށްފަހު ވެސް އެ ދެ ހިތް އަދިވެސް ވަނީ ގުޅިފައެވެ. އެކަކުއަނެކަކަށް ބޭނުންވެފައެވެ. އުފެދުނު ލޯތްބަށް ބަދަލެއް ނާދެއެވެ. ނީރާ ހޯދުމަށް ލައިޒަލް އައި އައުން އިތުރު ހިތްވަރެއްކަމުގައި ނީރާއަށް ވެއްޖެއެވެ. ލިބުނު ހިތްދަތިކަމަށްފަހު އެކަން މާޒީއަށް ދޫކޮށްލަމުން އާ ފެށުމަކުން ފެށުމަށް ޓަކައި ހިތްހުޅުވާލައި އެހިތުގައި ލައިޒަލްއަށް ޓަކައިވާ ލޯބި ނީރާ ފާޅުކުރީ ލިބުނު ހިތްވަރުންނެވެ. ލައިޒަލް އޭނާ ދޫކޮށްނުލާނޭކަމުގެ ޔަގީންކަމާއެކުއެވެ.

ރިޔާން އައިސް ދޮރޯށީން ވަން ވަގުތު ޖޯލީގައި ތިބި ދެ ޒުވާނުން ފެށުނެވެ. ލޮލުގައި އަޅައިގަތީ ދެ ޒުވާނުންގެ ގުޅިފައިވާ އަތްތިލައެވެ. އެތެރެއަށް ރިޔާން ވަދެގެން ދިޔައީ ދެ ހިޔާލެއްގައި ހުރެއެވެ. ނީރާއަށް ގޮވާލުމާ މެދުއެވެ. ނީރާ އިނީ އެކަނި ނޫންވީމައެވެ. ދެ މީހުން ތިބި ގޮތުން ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން ރިޔާނަށް ވެސް ލަފާކޮށްލަން އެނގެއެވެ. ބޭއިޚްތިޔާރުގައި ތުންފިއްތާލެވުނެވެ. އެ ހަރަކާތާމެދު ރިޔާނުގެ ސިކުނޑި ފާޑުކިޔެވެ. އެއާއެކު އޭނާގެ ތުންފަތަށް ދެން ވެރިވީ ލުއި ހިނިތުންވުމެކެވެ. ދެ ދުވަހެއްގެ މެހެމާނަކާމެދު ގާތް ނަޒަރަކުން ދުށީ ރިޔާނު ވީމައެވެ.

* * * * *

ރޭގަނޑު އެގާރަ ޖެހުމާ ކައިރިވެފައި ވަނިކޮށް އުޝާގެ ފޯނަށް މެސެޖު އައެވެ. އޭރު އޭނާ އޮތީ ނިދަން އެނދުގައެވެ. ލައިޒަލްގެ ފިކުރުތަކުގައި ބަނދެވި ނިދި ނައިސްފައެވެ. ކުރުއަތް މައްޗަށް ތެދުވެ އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ޗާޖަށް ޖަހާފައި އޮތް ފޯނު ނެގިއެވެ. އިސްކުރީނު ދިއްލުމާއެކު ފެނުނީ ހަމްދާނުގެ ނަމެވެ. ޗާޖަށް ޖަހާފައި އޮތް ވާގަނޑު ނައްޓާލުމާއެކު އުޝާ ފޯނު ހިފައިގެން އެނދުގައި ހަމަޖެހިލިއެވެ. ވަގުތުން ހަމްދާނު ފޮނުވާފައި އޮތް މެސެޖަށް ޖަވާބު ދިނެވެ. އެއާއެކު ގިނައިރެއްނުވިއެވެ. އުޝާގެ ފޯނަށް ހަމްދާނު ގުޅަންފެށިއެވެ.

"އެނގޭތަ ލައިޒަލް މިކޮޅުގަ އުޅޭކަން." ހަމްދާނުގެ ކޯލު ނެގުމާއެކު ހެލޯއޭ ބުނުމެއްނެތި އުޝާ ވާހަކަދައްކަން ފެށިއެވެ.

"އެނގޭ." ހަމްދާނު ނިކަން އަވަހަށް ބުންޏެވެ.

"ކީއްވެ ނުބުނީ. ކީއްކުރަން އޭނާ މިކޮޅަށް އައީ. އަހަރެން މިކޮޅަށް އައިކަން އޭނާއަށް އެނގޭތަ؟."

"ލައިޒަލް އަމިއްލަ ކަމެއްގައި ދިޔައީ. އަހަންނެއް ނާހަން. އުޝާ ވެސް ނާހަމެންނު. ލައިޒަލްއަކަށް ނޭނގޭނެ އުޝާ ފުރިކަމެއް. އަހަރެން އޭނާ ކައިރީ އުޝާގެ ވާހަކައެއް ނުދައްކަން. އޭނާއަށް ކޮށްދިންކަމެއްނޫން އުޝާ ފުރުވަންދިއުމަކީ، އުޝާގެ ހާލުބަލަން ގުޅާ ހަދަނީ... އަހަރެން އަމިއްލައަށް ބޭނުންވެގެން އެކަންކަން ކުރީ."

"ހިތްހަމަނުޖެހުނީތަ؟." އުޝާއަށް ހަމްދާނުގެ އަޑަށް އައި ބަދަލު ފާހަގަކުރެވުނެވެ.

"އެހެނެއްނޫން. ލައިޒަލް ވެސް މިރޭ އަހަންނަށް ގުޅި. ތި ދެމީހުން ބައްދަލުވީމަ، އެކަމުގައި އަހަރެންގެ އަތެއް ވޭތޯ ބަލަން. އުޝާ ވެސް އަހަންނަށް މެސެޖުކުރީމެންނު. އަހަންނަކީ ތި ހީކުރާހާ އަނގަގަދަ މީހެއްނޫން."

"ސޮރީ، އެވަގުތު ކުއްލިއަކަށް ލައިޒަލްއާ ދިމާވީމަ ތަންކޮޅެއް ރޫޑުކޮށް މެސެޖު ކުރެވުނީ. އަހަރެން މިކޮޅަށް އައީ ލައިޒަލްގެ ހިޔާލުތަކާ ދުރަށްދާން. ހިޔެއްނުކުރަން މިކޮޅަށް އައި ދުވަހު އޭނާއާ މިތަނުން ދިމާވެދާނޭކަމަށް. ހަމްދާނު ކީއްކުރަނީ؟. އަދިވެސް އޮފީހުގަތަ؟." އުޝާގެ ރާގު ބަދަލުވިއެވެ. ކުރީން އޭނާ ވާހަކަދައްކަން ބޭނުންނުވާ މީހަކަށް ހަމްދާނު ވެއެވެ. އެކަމަކު މިހާރު އުޝާގެ އެކަނިވެރިކަން އެ އަޑު ޖެހުމުން ފިލައިދެއެވެ. ކަމުދާފަދަ އެކުވެރިކަމަކަށް ހަމްދާނާ ދެމެދު އުފެދިފައި އޮތް ގުޅުން ވެއްޖެއެވެ.

* * * * *

ޖެހިގެން އައި ދުވަހެވެ. ސުޖާއު އުޅުނީ ޓިކެޓު ހަމަޖެއްސުމުގައެވެ. ލަމްހާއާއެކު ނީރާ އިނީ ކޮޓަރީގައެވެ. އިލްޔާސް ގެނެސްދިން ރުއްކުރިކޮޅެއް ދެމައިންވެގެން ކަނީއެވެ. ނީރާ އަނގަ ހުސްވުމާއެކު ލަމްހާއަށް ގޮވާލިއެވެ. ވާހަކައެއް ދައްކަން ނީރާ ބޭނުންވަނީކަން ލަމްހާ ވަގުތުން ދެނެގަތެވެ. ހޫންއެކޭ ލަމްހާ ލައްވާލީ އަޑުއަހަންކަން އިނީ އަންގާލުމަށެވެ.

"ލައިޒަލްއާ ގުޅެން ނިންމައިފިން." ނީރާ ބުނެލިއެވެ. ލަމްހާގެ ނަޒަރު ދަރިފުޅަށް ހުއްޓުނެވެ.

"ރޭގަ ކޮޓަރިއަށް އައީ ލައިޒަލްއާ ވާހަކަދައްކަފަ ދޯ." ލަމްހާއަށް އެނގޭތީ އަހާލިއެވެ. ލަމްހާއަށް ބަލަން އިނދެ ނީރާ ބޯޖަހާލިއެވެ. ލައިޒަލްއާ ދެމީހުން ނިންމާފައިވާ ގޮތް ނީރާ އިއްވާލިއެވެ. ލައިޒަލް އެ ރަށަށް އައި ސަބަބު ވެސް ލަމްހާއަށް ނީރާ ކިޔާދިނެވެ. ލޯތްބާއެކު އުފަލުގައި އުޅޭން ނީރާ ބޭނުންވާކަން ހާމަކޮށްލިއެވެ. ލަމްހާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޯގާތެރިކަމާއެކު އޭނާ ނީރާގެ ބޮލުގައި ފިރުމާލިއެވެ.

"އެންމެ ރަނގަޅު. އިއްދައިގެ ދުވަސްތައް ނިމުމުން ދަރިފުޅުގެ ލައިޒަލްއަށް އައިލާއަށް އައުމަށް ދައުވަތު ދޭތި. މަންމައާއި ބޭބެ ލައިޒަލްއާ ބައްދަލުކުރާނަން. ދަރިފުޅު އެދޭ ގޮތަށް މިފަހަރު ކައިވެނި ކުރާނީ." ލަމްހާގެ ހިނިތުންވުން ފަނޑުނުވިއެވެ. އެނދުމަތިން ފިރުކިފައި ނީރާ އައިގޮތަށް މަންމަގެ ގައިގާ ބައްދާލައިފިއެވެ.

"ޔޫ އާ ދަ ބެސްޓް މަމް." ދުވަސްތަކަކަށްފަހު ނީރާގެ ދުލުން އެ ބަސްތައް އުނދަގުލެއްނެތި މިއަދު ކިޔާލައިފިއެވެ. އެއީ އޭނާ އަބަދުވެސް ލަމްހާއާ މެދު ދެކެމުން އައި ގޮތެވެ. އެއީ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ، އޯގާތެރި މަންމަގެ ގޮތުގައެވެ.

"ފޯނު... މަންމަގެ ފޯނު ގެނެސްދީބަލަ." ރިންގުވާން ފެށި ފޯނު ދުރުގައި އޮތުމުން ލަމްހާ ބުނެލިއެވެ. އެއާއެކު ލަމްހާއާ ދުރަށް ޖެހުނު ގޮތަށް ފޯނު ހޯދަން ނީރާ އުޅުނެވެ. ރިންގުގެ އަޑާއެކު ރަޖާގެ އަޑިއަށް ގޮސް ފޮރުވިފައި އޮތް ފޯނު ނީރާ ހޯދިއެވެ.

"އިލްޔާސް." ފޯނު މަންމައަށް ދިއްކޮށްލަމުން ނީރާ ބުންޏެވެ.

ބޮޑުކަމެއް ޖެހިއްޖެކަން އިލްޔާސް ބުނުމާއެކު އޭނާ ގެސްޓްހައުސްއަށް އެބަ އަންނަން ކަމުގައި ބުންޏެވެ. ފޯނުން ދެއްކުމަށްވުރެ ކައިރިއަށް ގޮސް ކިޔައިދޭން އިލްޔާސް ބޭނުންވީއެވެ. ފޯނުކޯލު ނިމުމުން ލަމްހާ އެނދުން ތެދުވިއެވެ. އިލްޔާސް އަންނަ ކަމުގެ ޚަބަރު ނީރާއަށް ދިނެވެ. އޭރު އެ ކޮޓަރިއަށް ސުޖާއު ވަންނަނީއެވެ. އިލްޔާސްއާ ވާހަކަދައްކާފައި ލަމްހާ އަންނަންދެން ނީރާ ކައިރީ ގެސްޓްހައުސް އިން ބޭރަށް ނުދާން އެދުނެވެ.

މޭޒުތައް ޖަހާފައި ހުރި ބައިގަ ސުޖާއުއާއެކު ލަމްހާ އިނެވެ. ނީރާ މަޑުމަޑުން ބިއްދޮށްފަރާތު ދޮރުން ނުކުންނަން އައެވެ. ރިސެޕްޝަންގައި ހުރި ރިޔާނަށް އެ މަންޒަރު ފެނި ބިދޭސީ ސްޓާފްއާ ރިސެޕްޝަން ހަވާލުކޮށްފައި ކައުންޓަރުން ނުކުތެވެ. އޭނާ ވެސް ނީރާގެ ފަހަތުން ނުކުތީ ބިއްދޮށް ފަރާތަށެވެ.

"ނީރާ..." ރިޔާން ގޮވާލީ ފޯނަށް ގެއްލިފައި ނީރާ ހުރީމައެވެ.

"ދާން އުޅޭ ވާހަކަ ނުވެސް ބުނަމެންނު." ރިޔާން ބުންޏެވެ.

"މަންމަމެން އެއައީ އަހަރެން ބަލާ. އެމީހުން ދާން ބުނީމަ އެވީ ދާން. ނޫންތަ؟." ނީރާ ވާހަކަދެއްކީ އެހެންޏާ ވެސް ރިޔާންއާ ވާހަކަދައްކާ އުސޫލުންނެވެ.

"ރޭގަ..." ރިޔާން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ނީރާ ވާހަކަދެއްކިއެވެ.

"ލައިޒަލް އެއީ. އަހަރެން އިންނަން އުޅޭ މީހާ." ނީރާ ބުނި ގޮތުން ރިޔާނަށް ކަމެއް ސާފުކޮށްދިން ކަހަލައެވެ.

"އޯ... ކޮންގްރާ." ރިޔާނަށް އެ ހަގީގަތް ވީ ލިބުނު ސިހުމަކަށެވެ. އުންމީދު ކުރާންނުވާ ކަމަކަށް ރިޔާނަށް އުންމީދުކުރެވިއްޖެކަން އިހްސާސް ކުރެވުނެވެ. އެންމެ ރަނގަޅުވާނީ އޭނާއަށް އެނގުނު ހަގީގަތް ގަބޫލުކުރުންކަން ރިޔާނަށް ވިސްނުނެވެ. ނީރާގެ ރީތިކަން ފެނި ޝޯހުވި ރިޔާނަށް އެ އަންހެންކުއްޖާގެ އެކަނިވެރިކަން ފުރަތަމަ ފެނުނު ވަގުތު ވެސް ފާހަގަވިއެވެ. އެކަމަކު މިހާރު އެ އެކަނިވެރިކަމުގެ އަސަރެއް ނީރާގެ ލޮލަކުން ނުފެނެއެވެ. ނީރާއަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަގީންވަނީ އެހެންވެއެވެ. ރިޔާނަށް އިތުރު ވާހަކައެއް ނުދެއްކެނީސް އެ ތަނަށް ނުކުތްތަން ފެނުނީ ލައިޒަލްއެވެ. އޭނާގެ ބީރައްޓެހި ބެލުމުގައި ވަނީ ކީކޭކަން ރިޔާނަށް ރަނގަޅަށް އެނގެއެވެ. ލައިޒަލް ހުއްޓިލީ ނީރާގެ ގާތުގައެވެ. ނީރާގެ ގައިގާ އޭނާ އަތްނުލި ނަމަވެސް އެ މޫނުގައިވާ އަސަރުންނާއި ހުއްޓި ހުރި ގޮތުން ނީރާއަކީ އޭނާގެ ހައްޤެއްކަން ރިޔާނަށް ބުނެދީފިއެވެ. އެތަނުން ދާން ރިޔާން ނިންމީ އެހެންވެއެވެ.

"އޭނާ މިތާ ކީއްކުރަނީ؟. ނީއާ ވާހަކައެއް ދެއްކީތަ؟." ރިޔާން ދިއުމާއެކު ލައިޒަލް އަހާލިއެވެ.

"އެއީ ރިޔާން. މިތާ ބޮޑުމީހާ. އަހަންނަށް ވަރަށް ހެލްޕްވި. ދަރިއަކު ވެސް ހުރޭ..." ރިޔާންގެ ވާހަކަ ނީރާ ކިޔާދިނެވެ.

މޭޒުދޮށުގައި އިށީން އިލްޔާސް ފުރަތަމަ ވެސް ފިނިނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ އެ ހަރަކާތް ލަމްހާއަށް ނުތަނަވަސްކަން ގެނުވިއެވެ. ވަގުތުން ކަމެއް ގޯސްވީތޯ ލަމްހާއަށް އަހާލެވުނެވެ. އެއާއެކު އިލްޔާސް ބޯޖަހާލިއެވެ.

"ރިޔާޒުގެ ދޮށްޓަށް ހުރި ސަލީމާ މިކޮޅަށް އައިސް އެބައުޅޭ. އެގޭ ސުދާ ނޫނީ ރިޔާޒުގެ މަންމަ ކައިރީ އެއްވެސް ދަރިއަކުނެތް. އޭނާ ވެސް އެ ދިޔައީ. ހީވަނީ ސަލީމާ އެއައީ މަންމަ ބަލާހެން. އަހަރެން ހޯދަން މިއަދު ގެއަށް ސަލީމާ އަތުވެއްޖެ." އިލްޔާސް ބުންޏެވެ.

"ކީއްކުރަން؟." ލަމްހާގެ ދެބުމަ ކައިރިވެ ލޯ ބޮޑުކޮށްލެވުނެވެ. އިންތިހާ ކަންބޮޑުވުން އެ މޫނުން ފާޅުވެއްޖެއެވެ.

"މަޢާފަށް އެދެން. ބުނީ ދެން ރަށަށް އާދެވޭނެކަމެއް ނޭނގެއޯ. ރުޅިވެރިކަން ބާއްވާކަށް ބޭނުމެއްނޫނޯ. ނަސްރާއާއި ރިޔާޒުގެ ކަންތަކުގައި އޭނާއަށް ކިޔުނު އެއްޗިއްސާއި، އާއިލާއިން ކުރި ފުރައްސާރައަށް މަޢާފުކޮށްދޭށޯ. ނަސްރާއާއި ރިޔާޒުއާއެކު ހުރި މީހަކީ އަހަރެންވީމަ. އެމީހުންނަށް ލިބުނު ދަރިފުޅުގެ ޚަބަރު އެނގޭނަމަ ބުނެދިނުމަށް އެދުނީ. ދުނިޔޭގަ ހުރިކަން އެނގޭކަމަށް... ސަލީމާ އެހީ ލަމްހާގެ ވާހަކަ. ކުރިމަތީ ހުރި ގޭގައި އުޅުނު ލަމްހާއާ މާލެއިން ދިމާވި ވާހަކަ. ނަސްރާއާއެކު އެންމެ ގާތްކޮށް އުޅުނު ރައްޓެއްސަކީ ތީކަމުގަ. ނަސްރާގެ މަރާއެކު ލަމްހާ މިރަށުން ފޭބީ ކުއްލިއަކަށޯ. ނަސްރާއާއި ރިޔާޒުގެ ދަރިފުޅު ގެންދިޔައީ ލަމްހާ ތޯ އެހި..."

"އިލްޔާސް ބުނީންތަ؟."

"ނުބުނަން... އަހަންނަކަށް ނޭނގެއޭ ބުނީ. ދުނިޔޭގަ ހުއްޓަސް މިހާރު ދެން އެކުއްޖާ ހޯދުމުގެ މާނައެއް އެބައޮތްތޯ އަހަރެން ސުވާލުކުރިން. ސަލީމާ ބުނީ އޭނާ ދައްކާ ވާހަކަ ގަބޫލުނުކުރެވޭނެކަން އެނގެޔޯ. އެކުއްޖާ ހޯދަން އުޅެނީ ގެއްލުމެއްދޭކަށްނޫނޯ. ރިޔާޒުގެ ހުރި ހަމައެކަނި ހަނދާނަކީ އެކުއްޖާވީމައޯ. އުޅެނީ ކޮންހާލެއްގައިކަން އެނގެން ބޭނުންވަނީ ކަމަށް. ސަލީމާއެއް ކަމަކު އަހަންނަށް އޭނާގެ ވާހަކައަކަށް އިތުބާރެއް ނުކުރެވޭ. އަވަހަށް ފުރަން އުޅޭ."

"ޓިކެޓް ހަމަޖެހިއްޖެ. މާދަން ހަވީރު ފްލައިޓުން ދަނީ." ސުޖާއު ބުނެލިއެވެ.

"ނީރާ ގޮވައިގެން އަހަރެން މާލެއަށް ދިރިއުޅުން ބަދަލުކުރި ފަހުން އެންމެ ފަހަރަކު ސަލީމާ ދުށީ. އޭނާއަށް އަހަރެން ފެންނައިރަށް ވަކިކުރަން އެނގިއްޖެ. އަހަންނާ ދިމާވެއްޖެނަމަ އޭނާ އިލްޔާސްއާ ތިކުރި ސުވާލުތައް އަހަންނާ ކުރާނެކަން ޔަގީން. މިހާރު ކޮންހާލެއް ބަލަން އުޅޭކަށް. ނީރާގެ ދިރިއުޅުމަށް ވަންނާކަށް ފުރުސަތެއް ނުދޭނަން. މިހާރު އެއީ އަހަރެންގެ ދަރިއެއް." ލަމްހާ ބުންޏެވެ.

"މާދަން މެންދުރު ކާނީ އަހަރެމެން ގެއިން. އަންނާނަން އެންމެން ބަލާ. އަހަރެމެން ވެސް ދެން ފެންނާނީ ކޮންދުވަހަކުން ކަމެއް ނޭނގެ." އިލްޔާސް ބުންޏެވެ. ލަމްހާ އުފަލާއެކު އެ ދައުވަތު ގަބޫލުކުރިއެވެ.

* * * * *

އެކުވެރިޔާގެ ސައިކަލު ފަހަތުގައި އިން އުޝާއަށް ލައިޒަލްގެ ހިޔާލުތައް ސިކުނޑިން ނެރިއެއް ނުލެވުނެވެ. އޭނާއަށް ވިސްނެނީ ލައިޒަލް އެ ރަށަށް އަންނަންޖެހުނު ސަބަބަކާމެދުއެވެ. އަމިއްލަ ކަމެއްގައި ލައިޒަލް އަންނަވަރުގެ ކަމެއް އެއީ ކޮންކަމެއް ބާއެވެ. ލައިޒަލްގެ ރައްޓެއްސަކު ހުރީބާއެވެ. އެހެނެއްނުވާނެއެވެ. އެހާ ގާތް ރަޙުމަތްތެރިއަކު ލައިޒަލްގެ ހުރިނަމަ އުޝާއަށް ނޭނގި އޮވެދާނެބާއެވެ.

"ނީރާ މިކޮޅުގަ ހުރީތަ؟." ކުއްލިއަކަށް އުޝާގެ ހިތަށް އެރިއެވެ.

"އާން!. އީހާނާއެކުގައި ނޫން ނީރާވީ. އަނެއްކާ އެ ދެމީހުން މީޓުވާން މިކޮޅަށް އައީތަ؟. އީހާނަށް ސިއްރުން. އެކަމަކު އީހާނު ހަމަ ނީރާ އެކަނި ފޮނުވީތީ އަޖައިބުވޭ. އަހަރެން ގުޅީމަ އީހާނު ފޯނެއް ވެސް ނުނަގާ. ދެން ހުރީ ރިދާ. އޭނާ ނީރާގެ ކަމެއް ފަޅާއަރުވައެއްނުލާނެ. ލައިޒަލް ހުރިހާކަމެއް ދޫކޮށްލާފައި އަންނާނީ ނީރާގެ ކަމެއްގަ. އެހާވަރުން އަހަރެން ވަރިކުރީ މިކަމެއް ކުރާންކަން ޔަގީން. ހަމްދާނަކަށް ވެސް ނޭނގޭ ނީރާގެ އެއްވެސް ކަމެއް. އެ ދެމީހުން މިކޮޅުގަ އުޅޭންޏާ ކިހިނެއް ހޯދާނީ." އުޝާއަށް ދެބުމަ ކައިރިކޮށްލެވުނެވެ.

ކިތަންމެ ވަރަކަށް ވިސްނިޔަސް އުޝާއަށް އެ ބޮޑު ރަށުން ލައިޒަލް ހޯދާނޭ ގޮތެއް ނޭނގުނެވެ. ނީރާއާ ލައިޒަލް ބައްދަލުކުރާނަމަ އެކަން އީހާނަށް ފަޅާއަރުވާލުމުގެ ހިޔާލު އޭނާ ކުރިއެވެ. ފޯނު ނުނެގިޔަސް ނީރާއާއި ލައިޒަލް އެކުގައި އުޅޭކަމުގެ ހެކި ލިބިއްޖެނަމަ އެ ފޮނުވުމުން ނުބަލާ އީހާނު ނުހުންނާނެކަން އުޝާއަށް އެނގެއެވެ.

* * * * *

މަންމަ އެނބުރި އަންނައިރު މަންމައާއެކު ނީރާ ވެސް އަންނާނޭކަން އެނގުނު ފަހުން އީހާނަށް އެ ނޫންކަމަކާ ނުވިސްނެއެވެ. ނީރާއާ ކުރިމަތިލާން މިނޫނީ އޭނާ އެހާވަރަށް ވިސްނަން ޖެހުނު ފަހަރެއް ނާދެއެވެ. ޖެހިލުންވަނީ ނީރާ ކަންތައްކުރާނޭ ގޮތެއް އީހާނަށް ނޭނގޭތީއެވެ. ދެމެދުގައި ކުރީން އޮތް ގާތްކަން ނޯންނާނޭކަން އީހާނަށް އެނގޭތީއެވެ. ވީއިރު ނީރާގެ ޢަމަލުތައް ހުންނާނޭ ގޮތެއް ތަސައްވުރު ކުރުމަށް އީހާނުގެ ހިތާއި ސިކުނޑި ނުކުޅެދުނެވެ.

އެހެން ދުވަސް ދުވަހަށްވުރެ ކުރީން އީހާނަށް މިއަދު ހޭ ވެސް ލެވިއްޖެއެވެ. ނަމާދު ކުރާނޭ ވަގުތު އޮތެވެ. އެހެންވެ މަންމަ ހަނދާންކޮށްދެމުން އައި ފަދައިން އޭނާ ފަތިސް ނަމާދުކުރިއެވެ. މިސްކިތަށް ދާނޭ ވަގުތު ނެތީމައި ނަމާދުކުރީ ކޮޓަރީގައެވެ. ދެން ނުކުމެ އަމިއްލައަށް ކޮފީތަށްޓެއް ހެދިއެވެ. އެ ހިފައިގެން ނުކުމެ ހުރީ ބެލްކަނީގައެވެ. ހަވީރުން މަންމަމެން އަންނަންވާއިރު ގޭގައި ހުރުން ރަނގަޅު ހިޔާލަކަށް ވާނެތޯ އަމިއްލަ ނަފްސާ އީހާނު އެހެންހުރެ ސުވާލުކުރިއެވެ. ނީރާއާ ކުރިމަތިލާނޭ ގޮތެއް ނޭނގޭއިރު އެންމެ ރަނގަޅު ހިޔާލަކަށް އީހާނަށް ފެނުނީ އެގޮތެވެ. އެ ގަޑީގައި ގޭގައި ނުހުރުމެވެ. އެކަމަކު އޭނާގެ ހިތް އެކަމާ މުޅިއަކުން އެއްބަހެއް ނުވެއެވެ. އެތައް ދުވަހަކަށްފަހު އެނބުރި ނީރާ ގެއަށް އަންނައިރު ހާއްސަ ގޮތަކަށް އެކަން ފާހަގަކުރާން އީހާނުގެ ހިތް އެދެއެވެ. ނީރާއަށް އެންމެ މީރު ބިސްކޯދުޕުޑިންނާއި އައިސްކުރީމާއި ޗޮކުލެޓް ހޯދާފައި ބަހައްޓާ ހިތް ވިއެވެ. މަރުޙަބާ ކިޔާފައި ލިޔުންކޮޅެއް ގޭތެރޭގައި ހަރުކުރުމުގެ ހިޔާލު އައެވެ. ގެއަށް ވަންނައިރަށް ލޯބިން ގޮސް ނީރާ އުރާލާނީއޭ އިހާނުގެ ހިތަށް އެރިއެވެ. ހިޔާލުތައް އެހިސާބަށް ދިއުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. އޭނާގެ އެފަދަ ސަކަރާތަށް ނީރާ ރައްދުދޭގޮތް ހަނދާނެއް ނުނެތެއެވެ. އެ ހުރިހާ ހިޔާލުތަކެއް ސިކުނޑީގެ ތެރޭ އޮއްބާލަމުން އީހާނު ލޯ މަރާލިއެވެ. ބިލާހެއް ފަދަ އެ ހިޔާލުތައް އަތްނުފޯރާ ހިސާބަށް ދާން އޭނާ ނޭދެއެވެ. ހަގީގަތް ގަބޫލުކުރާތީއެވެ. މަރާލި ލޮލާއެކު ތުންފަތުގައިވީ ހިނިތުންވުން ވެސް ގެއްލިއްޖެއެވެ.

"އައި މިސްޑް ޔޫ... އައި އޭމް ސޮރީ." ނިކަން މަޑުމަޑުން އީހާނު ބުނެލިއެވެ. (ނުނިމޭ)