މިއަދު ފެށޭ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ގޮތަކަށް ނަތީޖާ ނިކުތަސް މައްސަލައެއް ނެތް ކަމަށް ސްރީލަންކާ ޓީމުގެ ކޯޗު އާމިރް އަލާގިޗް ބުނެފި އެވެ.
މިއަދު ހަވީރު ލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ޕްރީ-މެޗް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަލާގިޗް ބުނީ ކޮންމެ ޓީމެއް ވެސް މުބާރާތަށް ނިކުންނާނީ ކާމިޔާބު ހޯދަން ކަމަށެވެ. އެކަމަކު މިފަހަރުގެ ލަންކާ ޓީމުގެ ހާލަތަށް ބަލައި، މިމުބާރާތުގައި ކޮންމެ ގޮތަކަށް ނަތީޖާ ނިކުން ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.
އޭގެ ބަދަލުގައި މި މުބާރާތުގައި ލަންކާ ޓީމުގެ މައިގަނޑު އަމާޒަކީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދީ، 2026 ވަނަ އަހަރު އޮންނަ ވޮލްޑް ކަޕަށް ކޮލިފައިވުން ކަމަށެވެ. އަދި ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ލަންކާގައި ފުޓްބޯޅަ ފޯރި ވަރަށް ދަށްވެފައިވާ ކަމަށާއި، ފުރަތަމަ ކަމަކަށް އިސްކަން ދޭނީ އުސޫލު ތަކެއްގެ ދަށުން ލަންކާ ފުޓްބޯޅަ ކުރިއަރުވަން ކަމަށް އަލާގިޗް ބުންޏެވެ.
ކޮވިޑްގެ ހާލަތާއި އެކު ޓީމަށް ރަނގަޅު ފަރިތަކުރުން ތަކެއް ލިބިފައި ނުވާކަން ފާހަގަ ކުރަމުން އަލާގިޗް ބުނީ މުބާރާތަށް ތައްޔާރުވާން ފެށީ މިމަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ކޮވިޑްގެ މި ހާލަތުގައި ކުޅުންތެރިންގެ ސިކުނޑީގައި އާއިލީ ޒިންމާގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ހުންނާނެތީ މިއީ އެޓީމަށް ދިމާވެފައިވާ ދަތި ތަކެއް ކަމަށެވެ.
އަދި ބަންގްލަދޭޝް އާއި ދެކޮޅަށް ނިކުންނަ މެޗަކީ ފަސޭހަ ވާނެ މެޗެއް ނޫންކަން ފާހަގަ ކުރަމުން އަލާގިޗް ބުނީ ގައުމުގެ އެތެރޭގެ ލީގު މިފަހަރު ބާއްވާފައި ވަނީ ބަންގްލަދޭޝްގައި އެކަނި ކަމަށެވެ. އެހެންކަމުން އެޓީމުގެ ކުޅުންތެރިން ތިބޭނީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އޭގެ ބަދަލުގައި ލަންކާގެ އެތެރޭގެ މުބާރާތް ނެތުމުގެ އިތުރުން، މުބާރާތުގެ ކުރިން ރަނގަޅު ޕްރެކްޓިސް މެޗު ތަކެއް ކުޅެވިފައި ނުވާތީ އޭގެ ސަބަބުން ލަންކާ ޓީމަށް ގިނަ ގޮންޖެހުން ތަކެއް ހުރި ކަމަށެވެ.
މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމަށް ލަންކާ ޓީމުން ފުރަތަމަ ކޭމްޕު ކުރީ ގަތަރުގަ އެވެ. އަދި ރާއްޖެ ޓީމުން ވެސ ްގަތަރުގައި ކޭމްޕު ކޮށްފައި ވާތީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރި އެވެ. އެކަމަކު ލަންކާގައި ކޮވިޑާއި ގުޅިގެން އެކުލަވާލާފައިވާ ޕްރޮޓޮކޯލް ތަކާއި ހުރެ ވިސާ ހަމަ ނުޖެހިގެން އެޓީމު ވަނީ ގަތަރު ދޫކޮށް ސައުދީ އަރަބިއްޔާގައި ކޭމްޕު ކޮށްފަ އެވެ. އެހެންކަމުން ރާއްޖެ އާއި އެކު ކުޅެން އޮތް މެޗު ކުޅުމަށް ފުރުސަތު ނުލިބުނީ އެވެ.
ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ މިފަހަރުގެ މުބާރާތައި ކުރިމަތިލީ ވަރަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކަމަށް ވާތީ މާ ގިނަ ކަންތައް ތަކެއް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ސަރަހައްދުގައި ފީފާ ރޭންކިންގެ ދެވަނައަށް އެންމެ ދަށުގައި އޮތީ ބަންގްލަދޭޝް ކަން ފާހަގަ ކުރަމުން އޮސްކާ ބުނީ އެކަމަށް ފަރުވާ ނުބަހައްޓާ ޓީމު އެކަތިގަނޑަކަށް ހަދައިގެން މޮޅުވަން މަސައްކަތް ކުރާނެ ކަމަށެވެ.
މިފަހަރުގެ މުބާރާތަށް ނިކުންނަ އިރު ބަންގްލަދޭޝްއަށް އޮތް އެންމެ ބޮޑު ފައިދާ އަކީ އެގައުމުގެ އެތެރޭގެ ލީގު ދާދި ފަހުން ނިމުމެވެ. މުބާރާތުގައި ބައިވެރިވި އެހެން އެއްވެސް ގައުމެއްގައި މިފަހަރު އެތެރޭގެ މުބާރާތް ކުޅެފައެއް ނުވެ އެވެ. އެހެން ކަމުން ކުޅުންތެރިން ރަނގަޅު ފޯމެއްގައި ހުރުމަކީ ބަންގްލަދޭޝް އިން އޭގެ ފައިދާ ނަގާނެ ކަމެކެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި ހުރުމުން އެމީހުންގެ ސަޕޯޓަރުން ގިނަ ވާނެ ކަމަށާއި، "ހޯމް ފީލް" އަންނާނެ ކަމަށް އޮސްކާ ފާހަގަ ކުރި އެވެ.