އިދިކޮޅު ފަރާތްތައް

އިންޑިއާ ސިފަައިން ބާލަން ގޮވާލާ ޕެޓިޝަނެއް

ރާއްޖޭގައި ގާނޫނާއި ހިލާފަށް ތިބި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރުގައި އެދޭކަން ހާމަކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ މި ޕެޓިޝަންގައި ސޮއިކުރަން ފަށާފައެވެ.

އިނގިރޭސިންނާއި ދިވެހި ބަހުން އެ ޕެޓިޝަންގައި ލިޔެފައިވާ ލިޔުމުގައި ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ސިއްރު އަސްކަތީ އެއްބަސްވުންތައް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ރާއްޖޭގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

އެއީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަަމަށްވެސް ޕެޓިޝަންގައި ވެއެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހި ސިޔާދަތީ ބާރު ކެނޑި ދިވެހި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ކަމަށްވެސް ޕެޓިޝަންގައި ބުނެއެވެ.

އެހެން ކަމުން ރާއްޖޭގައި ގާނޫނާއި ހިލާފަށް ތިބި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރުގައި އެދޭ ކަމަށް ވަނީ ބުނެފައެވެ.