ޑރ. މުހައްމަދު ޖަމީލް އަހުމަދު

"އިންޑިއާ އައުޓް" ޓީޝާޓް ލިޔަސް ހައްޔަރެއް ނުކުރެވޭނެ: ޖަމީލް

"އިންޑިއާ އައުޓް" ލިޔެފައިވާ ޓީޝާޓް ލިޔަސް ހައްޔަރެއް ނުކުރެވޭނެ ކަމަށާ އެ ބާރު ފުލުހުންނަށް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ވަރުގަދަ ކެންޕެއިނެއް ފަށާފައެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ހިންގަވާ ކެންޕެއިންގައި "އިންޑިއާ އައުޓް" ލިޔެފައިވާ ރަތް ކުލައިގެ ޓީޝާޓެއް ދަނީ ބޭނުން ކުރަމުންނެވެ.

އެ ޓީޝާޓް ލައިގެން މަގުމަތީ ނޫޅުމަށާއި އެއްވުންތަކުގައި ބައިވެރިވާއިރު އެ ޓީޝާޓް ލައިގެން ނުތިބުމަށް ފުލުހުން އަންގާ ކަމަަށް އާންމުން ބުނެއެވެ. އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު ހުޅުމާލޭގައި ބޭއްވި ހިނގާލުމެއްގައި ބައިވެރިވި މީހުންނަށްވެެސް ފުލުހުން އެގޮތަށް އަންގާފައިވާ ކަމަށް އެ ކޯލިޝަންގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޖަމީލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި އެއްވުންތަކަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި ފުލުހުންނަށްވެސް މީހުން ހައްޔަރު ކުރެވޭނީ ވަކި އުސޫލެއްގެ ދަށުން ކަމަަށެވެ.

ޖަމީލް ވިދާޅުވީ "އިންޑިއާ އައުޓް" ލިޔެފައިވާޓީޝާޓް ލިޔަސް ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ. އަދި ޗިލީ ސޯސް ލައިގެން މީސްމީހުންގެ ތުނބުޅި ބޭލި ކަމަށް އެމްޑީޕީން ބުނި ޒަމާން އިއާދަކުރަނީތޯވެސް ޖަމީލް ސުވާލު ކުރެއްވިއެވެ.

މިއަދުގެ ހިނގާލުމާ ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ހުޅުމޭލެ ސްޓިއަރިން ކޮމިޓީން ހުޅުމާލޭގައި "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް މިއަދު ހަވީރު ކުރިއަށް ގެންދަނިކޮށް ފުލުހުން ހުއްޓުވައިފައިވާ ކަަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ހަަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ.

ހިނާ ވިދާޅުވީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓު ލައިގެން މަގުމައްޗަށް ނުނުކުމެވޭނެ ކަމަށް ވެސް ފުލުހުން އެންގި ކަމަށެވެ.

"ބައެއް މީހުން ދުއްވި ސައިކަލުތައް ވެސް ވަނީ ނުރައްކާތެރި ދުއްވުން ދުއްވައިގެން ކަމަށް ބުނެ ވަނީ ނަގާފަ. އެކަކު ހައްޔަރުކުރީ ފަހަތަށް ބިޑި އަޅުވައިގެން" ހީނާ ވިދާޅުވި އެވެ.