ގެރެތް ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެއިބާ އަތުން ރެއާލް މެޑްރިޑް މޮޅުކޮށްދީފި އެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ބޭލް އެވެ. މެޗުގެ 43 ވަނަ މިނިޓްގައި އޭނާ ޖެހި މި ގޯލަށް ފަހު ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ 82 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މި މޮޅާއެކު ރެއާލް އޮތީ އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ ހަ ޕޮއިންޓް ފަހަތުން ތިން ވަނާގަ އެވެ. ރެއާލް އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ބާސެލޯނާ އަށް 33 ޕޮއިންޓެވެ. ދެ ވަނާގައިވަނީ އެތްލެޓިކޯ މެޑްރިޑެވެ. އެ ޓީމު ވަނީ 29 ޕޮއިންޓް ހަމަކޮށްފަ އެވެ.
މެޗަށް ފަހު ރެއާލްގެ ކޯޗު ރަފާ ބެނީޓޭޒް ބުނީ މެޗުން މޮޅުވެވުނީ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ. އަދި މި ނަތީޖާ ތަކުރާރުކުރުމަށް ކޮންމެ މެޗެއްގައި ވެސް ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭ ކަމަށެވެ.
ލީގުގައި ރޭ ވިޔަރެއާލް އަތުން ގެޓަފޭ މޮޅުވީ 2-0އިންނެވެ. ރޭޔޯ ވަޔެކާނޯ އަތުން އެތްލެޓިކް ބިލްބާއޯ މޮޅުވީ 3-0އިންނެވެ.