ލައިފްސްޓައިލް

ސާޖަރީ ހެދިއިރު ރުއިމުން 11 ޑޮލަރު އިތުރަށް ޗާޖްކޮށްފި

ވަރަށް ކުޑަ ކުޑަ ސާޖަރީއެއް ހަދަން ޖެހުނަސް ގިނަ މީހުންގެ ހިތުގައި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދެ އެވެ. ބައެއް މީހުން ބިރުން ގޮސް އެންޒައިޓީ އެޓޭކް ވެސް އާދެ އެވެ.

އެހެންކަމުން ހޭނުނައްތާ ސާޖަރީ ހަދާނަމަ ބައެއް ފަހަރަށް ބަލިމީހާ ކޮންޓްރޯލުން ނެއްޓި ރޮއި ހަޅޭއްލަވާ ރުޅިގަދަކޮށް އުޅުމަކީ ވެސް ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ. ސާޖަރީގެ ކުރިން ބަލިމީހާ ވީހާވެސް މައިތިރިކުރަން ހިމޭނުން ބާއްވަން ޑޮކްޓަރުންނާއި ނަރުހުންނަށް ކުރެވުނުހާ ކަމެއް ކުރަން ޖެހެނީ އެހެންވެ އެވެ.

ބިރުގަތަސް ބައެއް މީހުންނަކީ އެމީހުންގެ ޖަޒުބާތުތައް ކޮންޓްރޯލްކުރާ ބައެކެވެ. ނަމަވެސް މިގޮތަށް ކޮންޓްރޯލް ނުކުރެވޭ މީހުން ވެސް ތިބެ އެވެ. މިފަދަ މީހުން ސާޖަރީ ކުރިއަށް ދަނިކޮށް ކުއްލިއަކަށް ރޮއި ހަޅޭއްލަވަން ފެށުމަކީ ޑޮކްޓަރުންގެ ޓީމަށް ވެސް ލިބޭނެ ޝޮކެކެވެ. އަދި އެމީހުންގެ މަސައްކަތައިގެން ކުރިއަށް ދާން ދަތިވާނެ ކަމެކެވެ. އެމެރިކާގެ ހޮސްޕިޓަލެއްގައި ސާޖަރީއެއް ހެދި މި އަންހެން މީހާގެ ކަންތައްތައް ވެސް ވީ މިފަދަ ގޮތަކަށެވެ.

ޓުވިޓާގައި މިޖް ނަމަކަށް ކިޔާ އަންހެނަކު ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ގައިގައި އިން އުމެއް ނަގަން ވެގެން ހެދި ކުޑަކުޑަ ސާޖަރީއެއް ކުރިއަށް ދިޔައިރު އޭނާ ރުއިމުން ހޮސްޕިޓަލުން އޭނާގެ އަތުން "ބްރީފް އެމޯޝަން" ޗާޖުގެ ނަމުގައި 11 ޑޮލަރު އިތުރަށް ނެގި ކަމަށެވެ.

މި މީހާ ވަނީ އޭނާއަށް ހޮސްޕިޓަލުން ދިން ބިލުގެ ފޮޓޯއެއް ވެސް ޝެއާ ކޮށްފަ އެވެ. އެ ބިލުގައި އޭނާގެ ސާޖަރީއަށް ދިޔަ އެކި ޚަރަދުތައް ވަކިވަކިން ލިޔެފައިވާއިރު "ބްރީފް އެމޯޝަން"ގެ ނަމުގައި ވެސް 11 ޑޮލަރު ޗާޖް ކޮށްފައި ވެއެވެ.

މި މީހާގެ ޕޯސްޓު ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ ވަރަށް މަޖާ ކޮމެންޓުތައް ކޮށްފައި ހުއްޓެވެ.

ކޮމެންޓުކުރި އެކަކު ބުނި ގޮތުގައި މިޖްގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިއްކެއްގެ އަގަށް ވީ ވަރު ވެސް ޖެހި ނަމަ ރަނގަޅު ވީހެވެ.
ދެ ވަނަ މީހަކު ކުރި ކޮމެންޓެއްގައި ބުނީ އޭނާގެ ބިލަކަށް މިފަދަ ޗާޖެއް އިތުރަށް ލީނަމަ ކުޅި ދައްކާލީހެވެ.