ބޮލީވުޑް

ބަތަލާ މޯނީ ރޯއީގެ ކައިވެނި އަންނަ ޖެނުއަރީގައި

ބަތަލާ މޯނީ ރޯއީ އާއި ލޯބިވެރިޔާ ސޫރަޖް ނަމްބިއާ އަންނަ އަހަރުގެ ޖެނުއަރީ މަހު ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯނީގެ ދެބެންގެ ދެދަރި މީހަކު ބުނެފި އެވެ.

ސޫރަޖަކީ ދުބާއީގައި ދިރިއުޅޭ އިންޑިޔާގެ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ.

މޯނީގެ ދެބެންގެ ދެދަރި ވިދްޔުތު ރޯއިސަރްކާރް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ މޯނީގެ ކައިވެނި އޮންނާނީ ދުބާއީ ނުވަތަ އިޓަލީގައި ކަމަށެވެ.

މޯނީ އަކީ ޓީވީ ސިލްސިލާތައް ގިނަ ދުވަހު ކުޅުމަށްފަހު ބޮލީވުޑް ފިލްމުތައް ކުޅެން ފަށައި ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ކާމިޔާބެއް ހޯދާފައިވާ ބަތަލާ އެކެވެ.

މޯނީގެ މިއުޒިކް ވީޑީއޯއެއް ކަމަށްވާ "ދިލް ގަލްތީ ކަރް ބެއިޓާ" ވެސް ވަނީ ދާދިފަހުން ރިލީޒްކޮށްފަ އެވެ. މި މިއުޒިކް ވީޑިއޯގައި މޯނީއާ އެކު ހަރަކާތްތެރިވަނީ ލަވަކިޔުންތެރިޔާ ޖޫބިން ނައުޓިޔާލް އެވެ.

މޯނީ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބު ބައްޗަން މުހިއްމު ބައިތަކެއް ކުޅޭ "ބްރަހްމަޝްތުރަ" އެވެ.