ބޭރު ކުޅިވަރު

މީޑިޔާ ބޭނުންވާއިރަށް ކުޅުންތެރިންނަށް ރެސްޓްދޭކަށް ނުޖެހޭ: ވެންގާ

މީޑިޔާއިން ކުޅުންތެރިންނަށް ރެސްޓްދޭން ބޭނުންވާއިރަށް އޭނާ އެކަން ކުރަން ނުޖެހޭ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ނޯވިޗް ސިޓިއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގައި އެލެކްސިސް ސަންޗޭޒް އާއި ލޯރަންޓް ކޮޝިއެލްނީ އަށް އަނިޔާވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.

މި މެޗުގައި ސަންޗޭޒަށް އަރާމު ކުރަން ވަގުތުނުދިނުމުން އާސެނަލްގެ ކުރީގެ ފޯވްޑް ތިއޭރީ އޮންރީ ވެސް ވަނީ ވެންގާ އަށް ފާޑުކިޔައިފަ އެވެ.
ނަމަވެސް ކޯޗު ބުނީ މީޑިޔާ ބޭނުންވާއިރަށް ކުޅުންތެރިންނަށް ރެސްޓްދޭން އޭނާ ނުޖެހޭނެ ކަމަށެވެ.

"ކުޅުންތެރިން ތިބެނީ ފުޓްބޯޅަ ކުޅެން. މީޑިޔާއިން ރެސްޓް ކުރަންވީ ކަމަށް ނިންމުމުން އެކަން ކުރާކަށްނޫން ކުޅުންތެރިން ތިބެނީ. އަހަރުމެންނަށް ބުނާކަށް ނޭނގޭނެ ކޮންއިރަކު ކަމެއް ކުޅުންތެރިންނަށް އަނިޔާވާނީ. އަހަރުމެންގެ ޓެސްޓްތަކުން އެކުޅުންތެރިއަކު ފިޓްކަމަށް ދެއްކީމަ ދަނޑަށް މި ނެރެނީ. އަހަރުމެން އެންމެނަކީ ވެސް އިންސާނުން. އަހަރުމެންނަށް މިވެނި ކަމެއް ވާނެއޭ ބުނާކަށް ނޭނގޭނެ،" ވެންގާ ބުންޏެވެ.

މި ސީޒަން މެދަކާ ހަމައަށްދާއިރު އާސެނަލްގެ އަނިޔާގެ ލިސްޓު ދަނީ ދިގުވަމުންނެވެ. މިހާތަނަށް މުހިންމު ނުވަ ކުޅުންތެރިއަކު އަނިޔާގައި އެބަތިއްބެވެ. ވެންގާ ބުނީ ސީޒަނުގެ މުހިންމު ދުވަސްތަކަކާ ކުރިމަތިލާއިރު އަނިޔާގައި ކުޅުންތެރިން ތިބުމަކީ ހިތަށް ތަދުވާ ކަމެއް ކަމަށާއި ނަމަވެސް ތިބި ބަޔަކާއެކު ކާމިޔާބު ހޯދުން ނޫން ކަމެއް ނެތެވެ.

ރޭގެ މެޗުގައި ސަންޗޭޒް ވަނީ ކެމެރާ ކުރަން ހުރި ކުރޫއަކާއެކު ވެއްޓި އިސްތިހާރު ބޯޑުތަކާ ދިމާއަށް ގުޅައަކަށް ވެއްޓިފަ އެވެ. އެކަމަކު އެ ހާދިސާގައި އޭނާ އަށް ސީރިއަސް އަނިޔާއެއްނުވެ އެވެ.

ރޭގެ މެޗު އެއްވަރުވުމުން އާސެނަލް އޮތީ 27 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ. އެއްވަނާގައިވަނީ 29 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ. ނޯވިޗް އޮތީ 13 ޕޮއިންޓާއެކު 16 ވަނާގަ އެވެ.