މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނިކުންނައިރު ދިވެހި ކޯޗުންނަށް ދިވެހިންގެ ފަރާތުން އިތުބާރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ރާއްޖެ ޓީމުގެ ހެޑް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ސުޒޭން ބުނީ މިހާތަނަށް ފެނިފައިވަނީ ދިވެހީންގެ ފަރާތުން ދިވެހި ކޯޗުންނަށް އިތުބާރު ކުރާ މިންވަރު ކުޑަ ކަމަށެވެ. އެކަމަކު މި މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ ދިވެހީންގެ ތެރޭގައި ގައުމުގެ ކޯޗުންނަށް އިތުބާރު ހޯދިދާނެ ކަމަށެވެ. އެހެންކަމުން މިއީ ވެސް މި މުބާރާތް ކާމިޔާބު ކުރަން މުހިންމުވާ ސަބަބެއް ކަމަށެވެ.
"އަޅުގަނޑުމެން މި ތަނުގައި މިތިބީ ދިވެހި ކޯޗުންގެ އިތުރުން [ޓީމާ ދުރުގައި ތިބި] ބޭރު ދިވެހި ކޯޗުންނަށް ވެސް ކުރިއަށް އޮތް ތަނުގައި ވަރަށް ރަނގަޅު ކަމަކަށް ވާނެ މީގެއިން އަޅުގަނޑުމެންނަށް ކާމިޔާބަކާ ހަމައަށް ދެވިއްޖިއްޔާ،" ގަލޮޅު ދަނޑުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ރަސްމީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
ދިވެހި ކޯޗުންނަށް އިތުބާރު ކުރުމުގެ ބައި ކޮންމެ ވެސް ވަރަކަށް ރާއްޖޭގައި ކުޑަކޮށް އޮތް ދަނޑިވަޅެއްގައި މުބާރާތުން ކާމިޔާބު ހޯދިއްޖެނަމަ އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ ކަމަށް ސުޒޭން ބުންޏެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއް ގައުމަކަށް ނިސްބަތްވާ ކުޅުންތެރިން އަދި ކޯޗިން ސްޓާފުން ހިމަނައިގެން ޓީމު އެކުލަވާލާފައި ވަނީ ރާއްޖެއިން އެކަންޏެވެ. އެހެން ހުރިހާ ގައުމަކުން ވެސް ހެޑް ކޯޗުންގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ ބިދޭސީ ކޯޗުންނެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، މެޗުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުނު ކަމުގައި ވިޔަސް ނޭޕާލުން ޖެހިލުންވާން ޖެހޭ ސަބަބުތަކެއް ނެތް ކަމަށް އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ޝެމްޝޮން ވަނީ ބުނެފަ އެވެ.
މިރޭގެ މެޗަށް ނިކުންނަ އިރު ދިވެހި ގިނަ ސަޕޯޓަރުން ތަކަކާއި އެކު އެ ފައިދާ ދިވެހި ޓީމަށް އޮންނާނެ ކަން ފާހަގަކުރަމުން ކިރަން ބުނީ އެކަމަށް އެޓީމުގެ އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.
"އަހަރެމެންގެ އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން. އަހަރެމެންނަށް ގޯކާލީސް ކިޔަނީ ސަބަބެއް އޮތީމަ. އަހަރެމެންނަށް ތާރީހުގައި ލިޔެވޭފަދަ ކާމިޔާބު ހޯދަން އެނގޭ. އަހަރެމެން ޖެހިލުމެއް ނުވޭ ހޯމާއި އަވޭގައި ކުޅުނަސް ފޯކަސް އަކީ މޮޅެއް. އަހަރެން ރާއްޖެ އަށް އިހުތިރާމް ކުރަން. އެކަމަކު، އެއީ މެޗަށް ނުކުންނައިރު ބަލާނެ ކަމެއް ނޫން. ދަނޑު މަތީގައި މޮޅަކަށް ފައިޓްކުރާނީ،" ނޭޕާލާއި އިންޑިއާ އަދި ރާއްޖޭގައި ލީގުގެ މޮޅު ކީޕަރުގެ މަގާމު ހޯދާފައިވާ ކިރަން ބުންޏެވެ.
މިހާތަނަށް ފެނިފައިވާ ނަތީޖާ ތަކަށް ބަލާއިރު، ޒުވާން ގައުމީ ޓީމު ބައްދަލުކުރި މެޗު ތަކުގައި ނޭޕާލުން ވަނީ ރާއްޖޭގެ މައްޗަށް ކުރި ހޯދާފަ އެވެ. އެކަމަކު ސީނިއާ ޓީމުގެ މެޗެއްގައި މި ފަހުގެ ތާރީހެއްގައި ނޭޕާލަށް ރާއްޖެ ބަލި ނުކުރެވެ އެވެ.
މިދިޔަ އަހަރުތަކަށް ބަލާއިރު، ނޭޕާލުން ވަނީ އުމުރުފުރާ މުބާރާތްތަކުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން މޮޅުވެފަ އެވެ. އެގޮތުން 2016 އާއި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2016 ވަނަ އަހަރުގެ ބަންގުބަންދު މުބާރާތުގައި ނޭޕާލުން ރާއްޖެ ބަލިކުރި އެވެ. އެކަމަކު، މިހާތަނަށް ސާފްގައި ކުޅުނު އެއްވެސް މެޗަކުން ނޭޕާލަށް ރާއްޖެ ބަލިނުކުރެވެ އެވެ.