ބޮލީވުޑް

މުމްތާޒުގެ އަގު ބޮޑުވެގެން "ޑާންސް ދިވާނޭ 3"އަށް ނުނެގި

ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ މުމްތާޒް، ޑާންސް ރިއަލިޓީ ޝޯ "ޑާންސް ދިވާނޭ 3" ގައި ބައިވެރި ކުރަން އެ ޝޯގެ ޕްރޮޑިއުސަރުން ކުރި މަސައްކަތް ހުއްޓާލައި އޭނާ ގެނައުން ކެންސަލް ކޮށްފި އެވެ.

މުމްތާޒަށް ހާއްސަ އެޕިސޯޑެއް ތައްޔާރުކޮށް އޭނާ ބައިވެރިކުރަން އުޅޭކަން އެނގުމުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު މިކަމާ އުފާކޮށް ހަދާފައި ވެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު މިކަން ކެންސަލް ވުމުން ހުރިހާ އެންމެންނަށް ވެސް ލިބުނީ މާޔޫސް ކަމެވެ.

ޝޯގައި މުމްތާޒް ބައިވެރި ނުކުރަން ޕްރޮޑިއުސަރުން ނިންމީ އެންމެ އެޕިސޯޑެއްގައި ބައިވެރިވާން އޭނާ ކީ އަގު މާ ބޮޑުވީމަ އެވެ. އިންޑިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި އެންމެ އެޕިސޯޑަކަށް މުމްތާޒު އެދިފައިވަނީ 40 އާއި 50 ލައްކަ ރުޕީސް ދިނުމަށެވެ. މިއީ އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު އަގެއް ކަމުގައި ޝޯގެ ބްރޯޑްކާސްޓަރުންނާއި ޝޯ ދައްކާ ކަލާޒް ޓީވީން ވެސް ގަބޫލުކޮށް އޭނާ ނުގެންނަން ނިންމީ އެވެ.

ނަމަވެސް މުމްތާޒްގެ މަޝްހޫރުކަން ހުރި މިންވަރަށް ބަލާއިރު މިއީ ޝޯގެ އޮގަނައިޒަރުންނަށް ވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ސަބަބަކީ ފިލްމު ކުޅުން ހުއްޓާލި ފަހުން ނެޝަނަލް ޓީވީން އެއްގޮތަކަށް ވެސް މުމްތާޒު ފެނިފައި ނުވާތީ އެވެ. ހިންދީ ފިލްމު ބަލާ ގިނަ ބަޔަކު މިހާރު ތިބީ ޓީވީން މުމްތާޒް ދެކޭ ހިތުންނެވެ.

މުމްތާޒު އާއެކު ގިނަ ފިލްމުތަކެއް ކުޅުނު ދަރުމެންދުރަ އާއި އޭނާގެ ދޮށީ އަނބިމީހާ ޕްރަކާޝް އާއެކު އޭނާ ނަގާފައިވާ ފޮޓޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފަ އެވެ. މިއީ މުމްތާޒު އާއި އޭނާގެ ކޮއްކޮ ދަރުމެންދުރާގެ ގެއަށް ކުރި ޒިޔާރަތެއްގައި ނަގާފައިވާ ފޮޓޯއެކެވެ.