ލައިފްސްޓައިލް

ކައިވެނި ޕާޓީގައި ފޮޓޯގްރާފަރަށް ކާން ނުދީގެން ފޮޓޯތައް ފޮހެލައިފި

ކައިވެނިކުރި ފިރިހެންމީހާގެ ގާތް އެކުވެރި ކައިވެނީގެ ފޮޓޯގްރާފަރަކަށް ހަމަޖެއްސުމުން ކައިވެނި ކުރި ދެމަފިރިންނަށް ބޮޑު ލަނޑެއް ލިބިއްޖެ އެވެ. ކައިވެނީގެ ރަސްމިއްޔާތުގެ އެއްވެސް ފޮޓޯއެއް ދުވަހަކު ވެސް ބަލާލުމުގެ ނަސީބު އެ ދެމަފިރިންނަށް ނުލިބުނީމަ އެވެ. ކައިވެނި ޕާޓީގައި ޖެހުނު މައްސަލައަކުން އައި ރުޅީގައި ފޮޓޯގްރާފަރު ހުރިހާ ފޮޓޯއެއް ފޮހެލާފައިވާތީ އެވެ. އޭނާ މިކަން ކުރީ ބަދަލުހިފުމުގެ ގޮތުންނެވެ.

މި ވާހަކަ ޝެއާ ކުރަމުން ފޮޓޯގްރާފަރު ބުނީ އޭނާއަކީ ކުއްތާ ގްރޫމް ކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެހެންވެ އޭނާގެ ކްލައިންޓުން އޮޅު ކޮށްގެން ގެންގުޅޭ ކުއްތާތަކުގެ ފޮޓޯތައް އަބަދުވެސް އިންސްޓަގްރާމާއި ފޭސްބުކްގައި ޝެއާ ކުރެ އެވެ. އެކަމަކު އޭނާ ކައިވެނީގެ ހަފުލާއެއްގެ ފޮޓޯތައް ދުވަހަކުވެސް އޭގެ ކުރިން ނުނަގަ އެވެ. ނަމަވެސް ގާތް އެކުވެރިއެއްގެ އެދުމުގެ މަތިން އޭނާގެ ކައިވެނީގެ ފޮޓޯތައް ނަގައިދޭން އެއްބަސްވީ އެވެ.

އެކުވެރިޔާ މިމީހާ ލައްވާ ފޮޓޯ ނަގަން ބޭނުންވީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އޭނާ އެކަން ކުރަން އެއްބަސްވީ 250 ޑޮލަރު ދޭނެ ކަމަށް އެކުވެރިޔާ ބުނުމުންނެވެ.

ކައިވެނި އޮތް ދުވަހަކު ހެނދުނުއްސުރެ އޭނާ އުޅުނީ ކައިވެނިކުރި އަންހެންމީހާ އާއެކު އެކި އެކި ލޮކޭޝަންތަކުގައި ފޮޓޯތައް ނެގުމުގެ މަސައްކަތުގަ އެވެ.

"ހެނދުނު 11.00 ގައި މަސައްކަތް ފެށި ގޮތަށް ރޭގަނޑު 7.30 ވަންދެން އަހަރެން އުޅުނީ ފޮޓޯ ނެގުމުގަ. އެހާ ގިނައިރުއިރު ވީއިރުވެސް އެއްގޮތަކަށް ވެސް ކާނެ ވަގުތެއް ވެސް ނުވި. އެހެންވެ ހުރީ ވަރަށް ބަނޑުހައިވެފަ. ޕާޓީއަށް ދިޔަ މެހެމާނުން ކާން ފެށުމުން އަހަރެން ވެސް ކާން އުޅުމުން ފޮޓޯ ނެގުން ހުއްޓާލާފައި ކާން ނުދެވޭނޭ އަހަރެން ކައިރީ ބުނި،" އެމީހާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އޭރު އޭނާ ހުރީ ވަރަށް ވަރުބަލިވެފަ އެވެ. އަދި މިކަމަށް އެއްބަސް ވެވުނީތީ އޭނާ ހުރީ ދެރަވެފަ އެވެ. އެހެން ނަމަވެސް އެކުވެރިޔާ ކައިރިއަށް ގޮސް މި ވާހަކަ ބުނެ ކާން ދިއުމުގެ ހުއްދައަށް އެދެން އޭނާ ނިންމި އެވެ. އެކުވެރިޔާ ކައިރިއަށް ގޮސް 20 މިނިޓް އޭނާއަށް އެއްޗެއް ކާލާ ބޯލާ ހަދަން ދޭން އޭނާ އެދުނެވެ.

ނަމަވެސް ކައިވެނިކުރި ފިރިހެންމީހާ ވެސް ހުރީ އޭނާ ދައްކާ ވާހަކަ އަޑުއަހާ މޫޑެއްގައި ނޫން ކަމަށާއި ފޮޓޯގްރާފަރެއްގެ ގޮތުގައި ހުރުމަށާއި ނޫންނަމަ ފައިސާ ނުލިބޭ ގޮތަށް އެތަނުން ނުކުމެގެން ދިއުމަށް ކައިވެނި ކުރި މީހާ އޭނާގެ އެކުވެރި ފޮޓޯގްރާފަރު ކައިރީގައި ބުންޏެވެ.

ކައިވެނިކުރި މީހާ ވާހަކަ ދެއްކިލެއް ބޮޑާ ކަމުން ފޮޓޯގްރާފަރު ކައިރިއަށް ރުޅި އައީ ކަމަށާއި އެއީ ހަމަ ޔަގީން ކަމާއެކު ބުނި އެއްޗެއްތޯ ވެސް އޭނާ އެހި ކަމަށް ފޮޓޯގްރާފަރު ބުންޏެވެ. ކައިވެނިކުރާ މީހާ އާއެކޭ ބުނުމުން ވަގުތުން ކެމެރާގައި ހުރި ހުރިހާ ފޮޓޯތަކެއް ފޮހެލާފައި އެ ޕާޓީން ނުކުމެގެން ދިޔައީ ކަމަށް ފޮޓޮގްރާފަރު ބުންޏެވެ. ނަމަވެސް ބަޔަކު މުޅި އުމުރަށް ރައްކާ ކުރާ ހަނދާންތަކެއް އެގޮތަށް އައި ރުޅީގައި ފޮހެލެވުމުން ފަހުން ވަރަށް ދެރަވި ކަމަށް ވެސް އެމީހާ ބުންޏެވެ.