ލައިފްސްޓައިލް

ހަތް އަހަރުގެ ދަރިފުޅަށް ފައިސާގެ އަގު ވަޒަންކުރަން ދަސްކޮށްދީފި

ފައިސާގެ އަގު ވަޒަން ކުރަން ދަރިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފައިސާއަކީ ކިހާ ބުރަ މަސައްކަތުން ހޯދާ އެއްޗެއްކަން ވެސް އެ ކުދިންނަށް އެނގިފައި އޮންނަން ޖެހެ އެވެ.

އެމެރިކާގެ ފްލޮރިޑާގެ އަންހެނަކު ސޯޝަލް މީޑިއާގައި ޝެއާކުރި މި ވާހަކައިގައި އޭނާ ބުނި ގޮތުގައި އޭނާގެ ހަތް އަހަރުގެ ދަރިފުޅަށް ފައިސާގެ އަގު ވަޒަން ކުރަން އޭނާ ދަސްކޮށް ދިނީ ވަރަށް މުހިއްމު އަދި އެހެން މީހުން އެކަން ކުރާ ގޮތާ ވަރަށް ތަފާތު ގޮތަކަށް ކަމަށެވެ.

އެ އަންހެންމީހާ ކިޔައި ދީފައިވާ ގޮތުގައި އޭނާގެ ހަތް އަހަރުގެ ދަރިފުޅަށް ދަރިފުޅު ނިދާ ކޮޓަރީގެ ކުއްޔާއި ކަރަންޓު ބިލު ދައްކަން އެންގި ކަމަށެވެ.

ޓިކްޓޮކްގައި މި އަންހެންމީހާ މި ވާހަކަ ޝެއާ ކުރުމުން ވަރަށް ގިނަ ބަޔަކު މިކަމާ ހިޔާލު ތަފާތު ވެގެން އެކި ކަހަލަ ކޮމެންޓުތައް ކުރަން ފެށި އެވެ. އެއްބަޔަކު ބުނީ އެހާ ކުޑަ ކުއްޖަކަށް މިކަހަލަ ކަންތައްތައް ކުރަން ބުނަން ނުވާނެ ކަމަށެވެ. އަނެއް ބަޔަކު ސުވާލު އުފެއްދީ އެ ކުއްޖާ ފައިސާ ހޯދާނީ ކިހިނެއްހޭ އެވެ.

މި ހުރިހާ ސުވާލަކަށް ވެސް އަންހެންމީހާ ފަހުން ޖަވާބު ދިނެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅަށް ކުރެވޭ ވަރުގެ ކަންތައްތައް ހިމެނޭ ލިސްޓެއް އޭނާ ކޮންމެ ދުވަހަކު ވެސް ދަރިފުޅާ ހަވާލު ކުރެ އެވެ. އޭގެން ކޮންމެ މަސައްކަތަކަށް ވެސް އުޖޫރަ ކަނޑައެޅިފައި ވެއެވެ. މަސް ނިމޭއިރު ދަރިފުޅަށް އެއް ކުރެވިފައިވާ ފައިސާއިން އޭނާގެ ކޮޓަރި ކުއްޔާއި ކަރަންޓު ބިލު ދައްކާފައި ބާކީ ވެސް ވާ ކަމަށާއި ބާކީވާ ފައިސާ ދަރިފުޅު ބޭނުން ގޮތަކަށް ހަރަދު ކުރަން ދޭ ކަމަށެވެ.

ދަރިފުޅު އަތުން ނަގާ ފައިސާ އަތުގައި ބެހެއްޓުމުގެ ބަދަލުގައި ދަރިފުޅުގެ ނަމުގައި ސޭވިން އެކައުންޓެއް ހުޅުވައި އެއަށް ޖަމާ ކުރަމުންދާ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ. އަދި މިކަމަކީ ހަމައެކަނި ދަރިފުޅަށް ފައިސާގެ އަގު ވަޒަން ކޮށްދޭން އޭނާ ކުރާ ކަމެއް ކަމަށް އަންހެންމީހާ ބުންޏެވެ. އަދި މި ތަޖުރިބާގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އަންހެންމީހާ ބުނެފައި ވެއެވެ.