ބޭރު ކުޅިވަރު

ޔުގެންޑާގެ ކުލަބަކުން ކުޅުންތެރިންނަށް ސައިކަލް ގަނެދީފި

ޔުގެންޑާގެ ރެވެނިއު އޮތޯރިޓީ ފުޓްބޯޅަ ކުލަބުން ކުޅުންތެރިންނަށް އާމްދަނީ އިތުރުކޮށްދިނުމަށް ސައިކަލް ގެނެދީފި އެވެ.

އެކުލަބުގެ ރައީސް އަލީ ސެކެޓަވާ ބުނީ ޔުގެންޑާގެ ވެރިރަށް ކަމްޕާލާގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން އަންނާތީވެ ކުޅުންތެރިންނަށް ފުޓްބޯޅަ ކުޅުމުގެ އިތުރުން އެހެން ގޮތްގޮތުން އާމްދަނީ ހޯދަން އެހީތެރިވާން ކުލަބުން ބޭނުންވާ ކަމަށެވެ.

އަދި ސައިކަލްގައި ލަޖެޖް ފަދަ ތަކެތި އުފުލުމަކީ ޔުގެންޑާގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެއް ކަމަށާއި ސައިކަލް ގަނެދިނީ މިހެންވެ ކަމަށެވެ.

ކުޅުންތެރިންނަށް ގެނެދިން 17 ސައިކަލް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ އެކުލަބުގެ ރަސްމީ ޓްރޭނިން ދަނޑުގަ އެވެ.
ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކުޅުންތެރިން އަމިއްލަ އަށް ސައިކަލް ނުދުއްވުމަށް ކުލަބުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އެއީ އެކްސިޑެންޓްތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ.

ޔުގެންޑާގެ ރެވެނިއު އޮތޯރިޓީ ފުޓްބޯޅަ ކުލަބަކީ އެ ގައުމުގެ އެންމެ ވަރުގަދަ އެއް ކުލަބެވެ. އަދި އެފްރިކާގެ އެންމެ ބޮޑު ކުލަބު ފުޓްބޯޅަ މުބާރާތުގައި ވެސް އެކުލަބުންވަނީ ވާދަކޮށްފަ އެވެ.

ކުލަބުން ސައިކަލް ގެނެދިނުމުން އެކުލަބަށް ކުޅޭތާ އެންމެ ދުވަސްވީ ޑިފެންޑަރު ސެމެއޮން މަސާބާ ބުނީ މިއީ ކުޅުންތެރިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.