ގޭންގްތަކުގެ މައްސަލަ ހަމައަކަށް އަޅުވަން ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގައި މަގުމަތީގެ އަަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކާތެރިކަަމަކީ މަގުމަތީގައި އުފެދިފައި އޮތް ގޭންގްތައް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ޕްލޭނެއް އެކުލަވާލަމުންދާ ކަމަށެވެ.
މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތަފާސްހިސާބުގެ މުހިއްމު މައުލޫމާތުތަކެއް އެބަހުރި ކަމަށާއި އަދި މި އަހަރު ނިމުމުގެ ކުރިން ރަނގަޅު ސްޓްރެޓެޖީއަކާ އެކު އެ މަސައްކަތް ފަށައިގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ. އެ މަސައްކަތް ކުރަމުންދަނީ ފުލުހުންނާ ވެސް ގުޅިގެންނެވެ.
"މިހާރު އަޅުގަނޑުމެން މިދަނީ މިހާރުގެ ހާލަތުގައި ކޮންޓްރޯލް ކުރެވެން އޮތް އެެންމެ ބޮޑު މިންވަރަކަށް ކުރަމުން. އެކަމު ދެން އަޅުގަނޑުމެން ފަށާ މަރުހަލާ ދާނީ ވަރަށް ހޮލިސްޓިކްކޮށް [ވަށާޖެހޭގޮތަށް] ހުރިހާ މުއައްސަސާތައް އޭގައި ބައިވެރިވެގެން. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ދުރު މުސްތަގުބަލުގައި ފެނިގެން ގޮސް މި ބޮޑު މައްސަލައަށް ހައްލެއް ގެންނާނެ ދިމާލައަކަށް" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީގެ އަމާޒަކީ ކާބަފައިންގެ ޒަމާނުގައި ރާއްޖޭގައި އޮތް ސުލްހަވެރި މުޖުތަމައަށް އަލުން އަނބުރާ އިއާދަވުން ކަމަށެވެެ.
"އެއީ ވާނެ ކަމެއް. އެކަމަކު ވަރަށް ޗެލެންޖިން މަސައްކަތެއް" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގޭންގުތަކުން ހިންގާ ގުރޫޕް މާރާމާރީތަކުގައި އެތައް ބަޔަކަށް ހަމަލާދީ ބައެއް މީހުން މަރާލާފައިވެ އެވެ. އަދި ބައެއް މީހުންގެ މުދަލާއި ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ވެސް ބައެއް ގޭންގުތަކުން ދީފައިވެ އެވެ.