ރައީސް އަބްދުﷲ ޔާމީން

ސައްތާރުގެ ހިދުމަތުގެ އަގު ވަޒަން ކުރުމަކީ ގައުމީ ވާޖިބެއް: ރައީސް

Nov 30, 2015
2

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ޢަބްދުއްސައްތާރު މޫސާދީދީ އަވަހާރަވުމަކީ ދައުލަތަށާއި އަދި މުޅި ދިވެހި ގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އަބްދުއްސައްތާރު މޫސާދީދީގެ ހަނދާނުގައި ފޮރިން މިނިސްޓްރީގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ލިޔުއްވެވި ބަޔާނުގައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި، އަބްދުއްސައްތާރު މޫސާދީދީ އަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ނަމޫނާއެއް ކަމަށާއި، އަދި މަޑުމައިތިރި އަހުލާގެއްގެ ވެރިޔެއް ކަމަށް ލިޔުއްވައި އެފަދަ ހަރުދަނާ ގައުމީ ޝަޚްސިއްޔަތެއް ވަކިވެވަޑައިގަތުމުގެ ފުން ހިތާމަ ގައުމު ކުރަމުންދާއިރު، އެމަނިކުފާނުގެ ގައުމީ ޚިދުމަތްތަކުގެ މަތިން ހަނދާންކުރަންޖެހޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޢަބްދުއްސައްތާރު މޫސާދީދީގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަމަށާއި އަދި އެމަނިކުފާނުގެ ގައުމީ ހިދުމަތްތަކަކީ، އަިބްރަތުން ފުރިފައިވާ އަގުހުރި ފިލާވަޅެއް ކަމަށް ލިޔުއްވާފައި ވެއެވެ.

އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް އަބްދުއްސައްތާރު މޫސާދީދީ ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ، އިނގިރޭސި ސަރުކާރާ ވާހަކަ ދެއްކެވުމުގައި މެދުވެރިއެއްގެ ދައުރު އެމަނިކުފާނު އަދާކުރެއްވީވެސް ވަރަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކުގައި ކަމަށް ވެސް ރައީސް ލިޔުއްވާފައިވެއެވެ.

އަބްދުއްސަތާރު މޫސާދީދީ އަވަހާރަވީ މިދިއަ ހުކުރު ދުވަހު ތައިލެންޑްގެ ބެންކޮކްގަ އެވެ.