މާލްތީ ޝީޝާއަކީ އިންޑިޔާގެ އޮޑީޝާގެ މަލްކަންގިރީ ޑިސްޓްރިކްޓްގެ ގާޓީ އޭރިއާގައި އޮންނަ ގަބީލާއެއްގެ އަންހެނެކެވެ. މާލްތީ ދިރިއުޅޭ ހިސާބުގަނޑުގައި މިހާރު އޭނާ ވަރަށް މަޝްހޫރެވެ. ގިނަ ބަޔަކު އަބަދު މާލްތީގެ ވާހަކަ ދައްކަނީ އޭނާގެ ކުޅަދާނަ ކަމުންނެވެ. ގިނަ ފިރިހެނުންނަށް ނުކުރެވޭ ވަރުގެ މަސައްކަތެއް މާލްތީ އަންހެނަކަށްވެ ހުރެ ކުރަން އިސް ނެގީމަ އެވެ. އެގޮތުން އޭނާ ވަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 500 ފޫޓުގެ ފުން ފަޅެއް ކޮނެ ނިންމާލާފަ އެވެ.
މާލްތީގެ މި މަސައްކަތް ބަލައިގަނެ އެހިސާބުގަނޑު މީހުން މިހާރު އޭނާއަށް "ވޯޓާ ކުއީން" ގެ ނަމުން ނަން ދީފައި ވެއެވެ.
މާލްތީއަކީ އެ ދުވަހަކު ކުރާ މަސައްކަތުން ލިބޭ ކުޑަކުޑަ އާމްދަނީއަކުން އާއިލާ ބަލަހައްޓާ ބައްޕައެއްގެ ދަރިއެކެވެ. ނަމަވެސް މާލްތީ އަކީ ފަގީރަސް ނުކިޔަވާ ހުރި މީހެއް ނޫނެވެ. މާސްޓާޒް އިން އާޓްސްގެ ޑިގްރީއެއް މާލްތީ އަތުގައި އެބަ އޮތެވެ. މިހާ މޮޅަށް ކިޔަވައިގެން ވެސް އަދިވެސް އޭނާއަކަށް ވަޒީފާއެއް ނުލިބެ އެވެ.
އެ ރަށެއްގައި ހުރި ކިޔަވައި މާސްޓާޒް ޑިގްރީ ހާސިލު ކޮށްގެން މާލްތީ އެނބުރި އޭނާގެ ގަބީލާއަށް އައުމުން އެ ހިސާބުގަނޑުގެ މީހުންނަށް ކުރިމަތިވެފައިވާ ވަރަށް ދަތި މައްސަލައެއް އޭނާއަށް ފާހަގަ ކުރެވުނެވެ. ސާފު ބޯފެން ލިބުން ދަތި މައްސަލަ އެވެ.
އެހެންވެ އޭނާ އަމިއްލައަށް ވަޅު ކޮންނަން ފެށީ އެވެ. މި މަސައްކަތުގައި މާލްތީއަށް އެހީވަނީ އޭނާގެ ބައްޕަ އާއި ބޭބެ އަދި ހަތަރު އަންހެން ކޮއްކޮއިންނެވެ. އޭނާ ވަޅު ކޮންނަތަން ފެނިގެން އަވަށުގެ ބައެއް ފިރިހެނުން ވެސް މިގޮތަށް އެހެން ހިސާބުތަކުގައި ވަޅު ކޮނުމުގެ މަސައްކަތް ފަށައި މިހާރު އެ އަވަށުގައި ހަތަރު ވަޅު ކޮނެފައި ވެއެވެ.
މާލްތީގެ އިސް ނެގުމުގެ މަތިން ފެށި މި މަސައްކަތުން އަވަށުގެ މީހުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއް ވަނީ ހައްލު ކުރެވިފަ އެވެ. މިހާރު އެމީހުންނަށް ފަސޭހަ ކަމާއެކު މި ވަޅުތަން ފެން ނަގައިގެން ބޭނުން ކުރެވެ އެވެ. އަވަށުގެ މީހުން މާލްތީ އަށް "ވޯޓާ ކުއީން" އޭ ކިޔަނީ މާލްތީ ވަޅު ކޮނުމުން ލިބުނު ފަސޭހައިންނެވެ.
މާލްތީ ބުނި ގޮތުގައި ކިޔަވައި ނިމިގެން އެނބުރި އަވަށަށް އައުމާއެކު އަވަށުގެ މީހުން ފެން ހޯދަން އުޅޭ ދަތި ހާލު އޭނާއަށް ފެނުނެވެ. އެހެންވެ ވަޅެއް ކޮނުމަށް އިސްވެ މަސައްކަތް ފެށީ އެވެ. މާލްތީ ކޮނުނު ވަޅުން ފެން ބަލާ މިހާރު އަވަށުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު އެ ވަޅު ދޮށަށް އާދެ އެވެ.
ވަޅު ކޮނެ ފެން ބެހުމުގެ އިތުރުން އަވަށުގައި އުޅޭ ފަގީރު ކުޑަ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ވެސް މާލްތީ ކުރެ އެވެ.