ލައިފްސްޓައިލް

18 ގިނިހިލަ ހޯދައި ބްރެޒިލް ކުއްޖަކު ރެކޯޑް ހަދައިފި

ބްރެޒީލްގެ ނިކޯލާ އޮލިވެއިރާއަށް ކިރިޔާ ކިރިޔާ ހިނގެން ފެށިއިރު ވެސް އުޑާ ދިމާލަށް އަތްދިއްކޮށް ތަރިތައް ނެގޭތޯ މަސައްކަތް ކުރެ އެވެ. މި އަހަރު އަށް އަހަރު ފުރިފައިވާ ނިކޯލާއަކީ ދުނިޔޭގައި ހުރި އެންމެ ހަގު އެސްޓްރޯނޯމާއަށް ވަނީ ވެފަ އެވެ.

ނާސާ އެފިލިއޭޓެޑް ޕްރޮގްރާމެއްގައި ބައިވެރިވެ މިހާރު ނިކޯލާ އުޅެނީ އެސްޓެރޮއިޑްސް (ގިނިހިލަ) ހޯދުމުގަ އެވެ. އަދި ބައިނަލް އަގުވާމީ ސެމިނާތަކުގައި ބައިވެރިވުމުގެ އިތުރުން ބްރެޒީލްގެ ސްޕޭސް އެންޑް ސައިންސްގެ ރޮނގުން އެންމެ ކުރީގައި އުޅޭ ފަރާތްތަކާ ނިކޯލާ ބައްދަލުވުންތައް ބާއްވަ އެވެ.

ބްރެޒީލްގެ މީހުން ނިކޯލާއަށް ލޯބިން ކިޔަނީ ނިކޯލިންހާ އެވެ. ނީކޯލާގެ ކޮޓަރީގައި ވެސް ފުރެންދެން ހުންނަނީ ސޯލާ ސިސްޓަމްގެ ފޮޓޯ ތަކެވެ.

ޖައްވުގައި އުދުހޭ އެކި ބާވަތްތަކުގެ އެއްޗެތި ހޯދާ ދަސްކުރަން ނިކޯލާ މަސައްކަތް ކުރާއިރު ބޮޑު ދެ ސްކްރީނަކުން އަބަދުވެސް ޖައްވުގެ ތަންތަން އޭނާއަށް ބަލާ ލެވެ އެވެ. މިއީ އޭނާ ބައިވެރިވާ އެސްޓެރޮއިޑް ހަންޑާޒް ޕްރޮގްރާމްގެ ދަށުން އޭނާއަށް ޖައްވުގައި ދަތުރުކުރާ އެއްޗެތި ހޯދަން ފަސޭހަ އަކަށް ބަހައްޓާފައިވާ ސްކްރީން ތަކެކެވެ.

މި ޕްރޮޖެކްޓްގެ މަގްސަދަކީ ކުޑައިރުއްސުރެ ކުދިންނަށް ޖައްވުގައި ދަތުރުކުރާ އެއްޗެތި ބަލާ ހޯދުމުގެ ޝައުގުވެރިކަން އިތުރު ކުރުމެވެ.
އޭއެފްޕީ ނިއުސް އެޖެންސީ އާ ވާހަކަ ދައްކަމުން ނިކޯލާ ބުނެފައިވާ ގޮތުގައި އޭނާ މިހާތަނަށް 18 ގިނިހިލަ ހޯދާފައި ވެއެވެ.

"އަހަރެން އެ ގިނިހިލަތަކަށް ނަން ދޭނީ ބްރެޒީލްގެ ސައިންސްވެރިންގެ ނަންތައް. ނުވަތަ އަހަރެންގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެންބަރުންގެ ނަންތައް،" ނިކޯލާ ބުންޏެވެ.

ނިކޯލާގެ ހޯދުންތައް ކަމާ ބެހޭ އިދާރާތަކުން ސެޓިފައި ކޮށްދީފިނަމަ އޭނާ ވާނީ މިހާތަނަށް ގިނިހިލައެއް ހޯދި އެންމެ ހަގު ކުއްޖާ އަށެވެ. މިހާރު މި ރެކޯޑް އޮންނަނީ އިޓަލީގެ 18 އަހަރުގެ ކުއްޖެއް ކަމަށްވާ ލުއިޖީ ސެނީނޯ އަށެވެ.

ބޮޑުވެގެން ނިކޯލާ ވާން ބޭނުންވަނީ އޭރޯސްޕޭސް އިންޖިނޭރަކަށެވެ.

"އަހަރެން ބޭނުމީ ރޮކެޓްތައް އުފައްދަން. ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރަށް ރޮކެޓްތައް ބަލާލާން ވަރަށް ދާހިތްވޭ،" ނިކޯލާ ބުންޏެވެ.