ލައިފްސްޓައިލް

ބްރެޒިލް މީހަކު 7.3 ކިލޯ ހުރި ކުއްޖެއް ވިހައިފި

ބްރެޒިލްގެ އަންހެނަކު 16 ޕައުންޑް (7.3 ކިލޯ) ހުރި ކުއްޖަކު ވިހައިފި އެވެ. ކްލީޑިއާނޭ ސަންތޯސް ޑޮސް ސަންތޯސް ނަމަކަށް ކިޔާ 27 އަހަރުގެ މި އަންހެން މީހާ ވިހެއީ މި ހިނގާ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

އެންގަސަންގެ ނަމުން ނަން ދީފައިވާ މި ކުއްޖާ ސިޒޭރިއަން ހަދައިގެން އުފަންވީއިރުވެސް އިސްކޮޅުގައި ދެ ފޫޓު ހުއްޓެވެ.

ހޮސްޕިޓަލް ޕެޑްރޯ ކޮލޮމްބޯގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އާޓޭމީސިއާ ޕެސައޯ ވިދާޅުވީ އެންގަސަން އަދިވެސް އޮތީ ހޮސްޕިޓަލުގެ ނިއޮނެޓަލް އިންޓެންސިވް ކެއާ ޔުނިޓްގައި މޮނިޓާ ކުރަން ބާއްވާފައި ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ މިހާ ބޮޑު ކުއްޖެއް ވިއްސުމަކީ ވަރަށް ރިސްކު ބޮޑު ކަމެކެވެ. އަދި ވަރަށް މަދު ފަހަރަކު ނޫނީ މި ވަރުގެ ބޮޑު ކުއްޖެއް ވިއްސުމުގެ ފުރުސަތު ޑޮކްޓަރުންނަކަށް ނުލިބެ އެވެ. އެހެންވެ މި ކުއްޖާ ސަލާމަތުން ވިއްސުނީތީ އުފާވެ، ހިތްހަމަޖެހުނު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެމެރިކަން ޕްރެގްނަންސީ އެސޯސިއޭޝަންގެ ހިސާބުތައް ދައްކާ ގޮތުން ދުވަސް ފުރާ (39 އާއި 40 ހަފުތާ އާ ދެމެދު) ވިހާ ކުދިންގެ ބަރުދަނުގައި ހުންނަނީ 6 ޕައުންޑާއި 9 ޕައުންޑް (2.7 ކިލޯ އާއި 4 ކިލޯ އާ ދެމެދު) އާ ދެމެދުގެ ބަރުދަނެކެވެ.

ބްރެޒިލް ނޫހަކާ ވާހަކަ ދައްކަމުން މި ތުއްތު ކުއްޖާގެ މަންމަ ސަންތޯސް ޑޮސް ސަންތޯސް ބުނި ގޮތުގައި އޭނާ ވިއްސުމުގައި އުޅުނު މެޑިކަލް ޓީމަށް ވަރަށް ބޮޑަށް އޭނާ ޝުކުރު އަދާ ކުރެ އެވެ. އެއީ ތުއްތު އެންގަސަން އަށާއި އޭނާއަށް ކޮށްދިން ޚިދުމަތަށެވެ.

"އަހަންނަކަށް ނޭނގެ އެމީހުން އެހާ ރަނގަޅަށް ކަންތައް ކޮށް ނުދިންނަމަ ވާނެ ގޮތެއް ވެސް. އެހެންވެ މެޑިކަލް ޓީމުގައި ހިމެނޭ އެންމެންނަށް ވަކިވަކިން ޝުކުރު އަދާކުރަން،" ސަންތޯސް ޑޮސް ސަންތޯސް ބުންޏެވެ.
ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ގޮތުގައި އެންގަސަން އަށް މިހާރު މަންމަ ކައިރިން ކިރު ބޮއި ހެދެ އެވެ.

ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ބުނެފައިވާ ގޮތުގައި މާބަނޑު މީހާގެ ބަނޑުގައި އޮންނަ ކުއްޖާގެ ބަރުދަން 8 ޕައުންޑް 13 އައުންސް (ގާތްގަނޑަކަށް ހަތަރު ކިލޯ) އަށް އެރުމަކީ ތުއްތު ކުއްޖާގެ ފުރާނައަށް ނުރައްކާވާ ކަމެކެވެ. މިފަދަ ކުދިންގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުކަމުންނާއި ނޭވާލުމުގައި އުނދަގޫތައް ކުރިމަތިވާތީ އެވެ.

ދުނިޔޭގައި މިހާތަނަށް އުފަންވި އެންމެ ބަރު ކުއްޖާގެ ގިނިސް ވޯލްޑް ރެކޯޑް އޮތީ އިޓަލީގެ އެވާސާގައި 1955ވަނަ އަހަރު އުފަންވީ ފިރިހެން ކުއްޖަކަށެވެ. މި ކުއްޖާ އުފަންވީއިރު 22 ޕައުންޑް 8 އައުންސް (10.2 ކިލޯގްރާމް) ހުއްޓެވެ. އަދި 2019 ގައި ނިއު ޔޯކް އަންހެނެއް ކަމަށްވާ ޖޯއީ ބަކްލޭ ވަނީ 15 ޕައުންޑް 5 އައުންސް (7 ކިލޯ)ގެ އަންހެން ކުއްޖަކު ވިހާފަ އެވެ.

ވޮޝިންޓަން ޕޯސްޓަށް ދިން އިންޓަވިއު އެއްގައި ބަކްލޭ ބުނީ އެ ކުއްޖާ ވިހެއުމަށްފަހު އަނެއް ދުވަހު ހެނދުނު ވެސް އޭނާއަށް އިހްސާސް ކުރެވެމުން ދިޔައީ ދެ ޓްރެކްޓާ-ޓްރެއިލާ ދެ ފަރާތުން އައިސް އޭނާގެ ގައިގައި ޖައްސާ ފިއްތާލި ހެންނެވެ.