ދަރިއަކު ލިބުމަކީ މުޅި އާއިލާއަށް އާދަޔާޚިލާފު އުފާވެރިކަމެއް ލިބޭ ކަމެކެވެ. އަދި އެއްމާބަނޑު ދެބެން ލިބިއްޖެނަމަ މި އުފާ ދެގުނަ އިތުރުވެ އެވެ. ނަމަވެސް އެކަކަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ބައްޕަ އަކީ ތަފާތު ދެ މީހަކަށް ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
ނަން ހާމަކުރަން ބޭނުންނުވާ ބްރެޒީލްގެ އަންހެނަކު ބުނި ގޮތުގައި އޭނާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ބައްޕަ އަކީ ތަފާތު ދެ މީހެކެވެ.
އެ ގައުމުގެ ގޮއިއަސް، މިނޭރިއޮސްގައި ދިރިއުޅޭ 19 އަހަރުގެ ޒުވާން އަންހެން މީހާ ބުނީ އޭނާގެ ދަރިންގެ ބައްޕައަކީ ކާކުކަން ކަށަވަރު ނުވާތީ އެ ކުދިން އުފަންވުމުން ކުދިންގެ ބައްޕައަށް ވެދާނެ ކަމަށް ހީވާ މީހާއާއެކު ކުއްޖާގެ ޕެޓާނިޓީ ޓެސްޓް ހެދުމުން ނަތީޖާ ދިމާވީ އެއް ކުއްޖަކާ އެވެ.
އޭނާ ހީކުރީ ދެ ކުދިންނަކީ ވެސް އެމީހާގެ ދެ ކުދިން ކަމަށެވެ. ސައިންޓިފިކް ގޮތުން މިގޮތަށް ދިމާވުމަށް ކިޔަނީ ހެޓެރޯޕެޓާނަލް ސުޕަފަކަންޑޭޝަން އެވެ.
މި އަންހެން މީހާ ވިއްސި ޑޮކްޓަރު ޓޫލިއޯ ޖޯގް ބްރެޒީލް ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ އަންހެނެއްގެ ދެ ބިސް ދެ ފިރިހެނެއްގެ ދަރިފަނީގައި ފާޓިލައިޒްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިފަދަ ކުދިން މަންމަގެ ޖެނެޓިކް މެޓީރިއަލްސް ޝެއާ ކުރާ ކަމަށާއި ނަމަވެސް އެ ކުދިން ބަނޑުތެރޭގައި އޮވެ ބޮޑުވަނީ ތަފާތު ދެ ޕްލެސެންޓާ (މަސް) އެއްގައި ކަމަށެވެ. ނަމަވެސް މިއީ މިލިއަނަކުން އެއް ފަހަރު ދިމާވާ ހާލަތެއް ކަމަށާއި އޭނާގެ މެޑިކަލް ކެރިއަރުގައި މިފަދަ ދެވަނަ ކޭހެއް ފެނުމަކީ ނާދިރުކަމެއް ކަމަށްވެސް ޑޮކްޓަރު ޓޫލިއޯ ވިދާޅުވި އެވެ.
ސައިންޓިފިކް ގޮތުން ބަލާއިރު މިއީ އިންސާނުންގެ މެދުގައި އެހާ އާއްމުކަމެއް ނޫން ނަމަވެސް ޖަނަވާރުންގެ ތެރޭގައި ހިމެނޭ ބުޅާ، ކުއްތާ، ގެރި އަދި މީދަލުގެ ވައްތަރުތަކުގެ މެދުގައި މިއީ ވަރަށް އާންމު ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
އިންސާނުންނަށް މިފަދަ ހާލަތެއް ކުރިމަތިވިކަން މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ އެންމެ 20 މީހުންގެ އެވެ.
މި އަންހެން މީހާ ވިހޭ ދަރިންނަށް މިހާރު 16 މަސް ފުރިފައި ވިޔަސް ޑރ. ޓޫލިއޯ މިވާހަކަ މީޑީއާއާ ހިއްސާ ކުރެއްވީ އަދި ކިރިޔާ އެވެ.
އޭނާ ވިދާޅުވީ އެއްމާބަނޑު ދެބެން ބެލެހެއްޓުމުގައި އެ ދެބެންގެ ބައްޕައިން އެކުދިންގެ މަންމައަށް އެހީތެރިވަމުންދާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.