ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މީހުން ދޫކޮށްލީ ތަހުގީގުގެ މަރުހަލާ ނިމުމުން ކަމަށެވެ.
ޖާބިރަށް ހަމަލާ ދިނުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެމީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފައިވާއިރު އެމީހުން ދޫކޮށްލާފައި ވަނީ ވެސް ބަންދުގެ މުއްދަތު ހަމަވުމުންނެވެ.
ޖާބިރަށް ހަމަލާ ދިން މީހުން ދޫކޮށްލުމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ގޮވާލައްވާފައި ވެސް ވެއެވެ.
މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެކެވެ. އެހެންވެ އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވަ އެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ ގެސްޓްހައުސް ބައްލަވައިލެއްވުމަށެވެ. ނަމަވެސް ރަށުގެ ވަރަށް ގިނަ ބަޔަކު ނުކުމެ ޖާބިރާ ދެކޮޅަށް އަޑުއުފުލައި އޭނާ އެ ރަށުން ފައިބަން ގޮވާލާ އިހުތިޖާޖު ކުރި އެވެ. އެ ހަމަނުޖެހުގެ ތެރެއިން ބަޔަކު ވަނީ ޖާބިރަށް ހަމަލާ ވެސް ދީފަ އެވެ.
ޖާބިރު އެރޭ މަތިވެރިން ފައިބައިވަޑައިގެންނެވީ ފުލުހުންގެ ހިމާޔާތާއި ރައްކާތެރިކަމުގަ އެވެ.
ފަހަކަށް އައިސް ޖާބިރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭނާގެ ފަރާތްޕުޅުން ތަފާތު އެތައް ކަމެއް ފެންނަމުން ދެ އެވެ.