އެޓާނީ ޖެނެރަލް

ޖުލައިން ސެޕްޓެމްބަރަށް 203 ގާނޫނީ ލަފާ

Oct 3, 2021
1

ބަންޑާރަނައިބުގެ އޮފީހުން މިއަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކި މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކަށް 203 ގާނޫނީ ލަފާ ދީފި އެވެ.

ބަންޑާރަނައިބް އޮފީހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކުން 210 މައްސަލައަކާ ގުޅޭ ގޮތުން ގާނޫނީ ލަފަ އަށް އެދިފައިވެ އެވެ.

އެކަމަކު އެ މުއްދަތުގެ ތެރޭގައި ގާނޫނީ ލަފާ ދީފައިވަނީ 203 މައްސަލައެއްގަ އެވެ. އޭގެތެރޭގައި ޖުލައި މަހުގެ ކުރިން ލަފަޔަށް އެދި ފޮނުވާފައިވާ 44 މައްސަލަ ވެސް ހިމެނެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން ދީފައިވާ ލަފާ ތަކުގެ ތެރޭގައި އެންމެ ގިނައިން ލަފާ ދީފައިވަނީ ވަކި ކަމަކަށް ގިންތި ކޮށްފައި ނުވާ އެހެނިހެން ކަންކަމާ ގުޅޭގޮތުންނެވެ. އެގޮތުން 88 ލަފާ ދީފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ލަފާ ދީފައިވަނީ އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭގޮތުންނެވެ. އެއީ 60 ލަފަ އެވެ.

ތިންވަނަ އަށް އެންމެ ގިނައިން ލަފާ ދީފައިވަނީ ގަވައިދުތަކާ ގުޅޭގޮތުންނެވެ. އެއީ 42 ލަފަ އެވެ.

މީގެއިތުރުން އުސޫލުތަކާ ގުޅޭގޮތުން އަށް ލަފާ އަދި ބިލް ތަސްދީގުކުރުމާ ގުޅޭ ގޮތުން ފަސް ލަފާ ދީފައިވެ އެވެ.

ބަންޑާރަނައިބްގެ އޮފީހުގެ ލަފައަށް ދައުލަތުގެ އިދާރާތަކުން ހުށަހެޅުމުން ލަފާ ލިބުން ލަސްވާ މައްސަލަ ބައެއް އިދާރާތަކުން އަބަދުވެސް ފާހަގަކުރެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަންޑާރަނައިބް އޮފީހުން ވަނީ ދައުލަތުގެ އެކި އިދާރާތަކަށް 532 ލަފާ ދީފަ އެވެ.