ކިތަންމެ ތަރައްގީވިޔަސް ދިވެހިވަންތަކުމުގެ އިންތައް ފަހަނަޅައި ނުދިއުމުށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ޒުވާނުންނަށް ގޮވާލައްވައިފި އެވެ.
މަތީ ތައުލީމް އަދާ ކުރަން ސްޓޫޑެންޓް ލޯނަށް އެދުނު ކުދިންގެ ތެރެއިން ލޯނު ލިބުނު ކުދިންނާ ލިޔުން ހަވާލު ކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައިޝަތު ޝިހާމް ވިދާޅވީ ޒުވާނުން އެކަކު އަނެކަކަށް ހެޔޮކޮށްހިތައި ހެޔޮ ބަސް ބުނަން އާދަ ކުރަން ޖެހޭ ކަމަށާއި އެއީ ދިވެހިންގެ ކާބަފައިން ދިވެހިންނަށް ދަސްކޮށްދިން ފިލާވަޅު ކަމަށެވެ.
"ދިވެހިންނަކީ އެއްބަނޑު އެއްބަފާ ބައެއް ކަމުގައި ދެކެވޭ ވާހަކަ ތަކުގެ ހަގީގަތަކީވެސް މި ދެންނެވީ. އެހެންކަމުން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތަކާއި ކިތައްމެވަރަކަށް މަޝްއޫލުވެގެން، ވަގުތުގެ ދަތިކަން އިންތިހާއަށް ތަހައްމަލުކުރަން ޖެހުނުނަމަވެސް، ދިވެހިން އަގު ކުރަމުންއައި، ހިއްހެޔޮކަމާއި އެކުވެރިކަމުގެ ސިފަތައް އަޅުގަނޑުމެން ދަމަހައްޓަންޖެހޭ،" އެކަމަނާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އެފަދަ ސިފަތައް ދިވެހި ޒުވާނުންގެ ކިބައިގައި އަށަގަންނުވާއިރު ޒަމާނާއެކު ކިތައްމެ ވަރަކަށް ތަރައްގީވި، ނަމަވެސް، ދިވެހިވަންތަކަން ފަހަނައަޅައި ގޮސްގެން ނުވާނެ ކަމަށެވެ. ދިވެހިބަހާއި، ސަގާފަތާއި އާދަކާދަތަކަށްޓަކައި ފަހުރުވެރިވާން ޖެހޭނެ ކަމަށެވެ.
"އެކަން ދަރިންނަށް ދައްކައިދިނުމުގެ އެންމެބޮޑު ޒިންމާ އެޅިފައިއޮތީ އަޅުގަނޑުމެން ބޮޑެތިމީހުންގެ ކޮނޑުގައި. މި ޒިންމާތައް ފުރިހަމަކަމާއެކު އަދާކުރަންވާނެ،"