ދުނިޔެ

އަލްޖީރިއާގެ ވައިގެ ސަރަހައްދު ފްރާންސަށް ބަންދު

އަލްޖީރިއާގެ ވައިގެ ސަރަހައްދު ފްރާންސްގެ އަސްކަރީ ޖެޓްތަކަށް ބަންދު ކޮށްފި އެވެ. ފްރާންސްގެ އަސްކަރީ ތަރުޖަމާން ކާނަލް ޕާސްކަލް ލައްނީ އޭއެފްޕީއަށް ވިދާޅުވީ އަލްޖީރިއާއިން ވައިގެ ސަރަހައްދު ބަންދު ކުރީ އާދީއްތަ ދުވަހު ކަމަށެވެ.

ފްރާންސުން އެފްރިކާ ބައްރުގައި ހިންގާ އަސްކަރީ ޕްރޮޖެކްޓްތަކުގައި ބޭނުންކުރާ ފައިޓަރު ޖެޓްތައް އަލްޖީރީއާގެ ވައިގެ ސަރަހައްދުން ދަތުރުކުރެ އެވެ. އެފްރިކާ ގައުމުތަކުގައި ފްރާންސުން އާންމުކޮށް ކުރާ މަސައްކަތަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ޓެރަރިސްޓް ގުރޫޕްތައް އޫޅޭ ނޫޅޭ ގޮތް ބަލައި އިންޓެލިޖެންސް މައުލޫމާތު އެއް ކުރުމެވެ. އެއިން ގުރޫޕަކަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް ވެސް ތިބެނީ ތައްޔާރަށެވެ.

އަލްޖީރިއާއިން ވައިގެ ސަރަހައްދު ބަންދު ކުރުމުން ފްރާންސަށް ދަތިތަކެއް ކުރިމަތި ވާނެ އެވެ. އެހެން ނަމަވެސް، ކާނަލް ޕާސްކަމް ވިދާޅުވީ އަލްޖީރިއާ މަގުން ޖެޓްތަކަށް ދަތުރު ނުކުރެވުނަސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އަލްޖީރީއާ އާއި ފްރާންސްގެ ގުޅުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ދެ ގައުމުގެ ގުޅުން މި ހާލަތަށް ބަދަލުވީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ދެއްކެވި ވާހަކަފުޅެއްގެ ސަބަބުންނެވެ.

މެކްރޮން ވިދާޅުވި ކަމަށް ހަބަރުތައް ބުނަނީ އަލްޖީރިއާގައި ވެރިކަން ބައްޓަންކޮށް ގައުމު ހިންގަމުން ގެންދަނީ ސިޔާސީ - އަސްކަރީ ނިޒާމަކުން ކަމަށެވެ. އަދި އަލްޖީރިއާއަށް ގަދަވެގަނެގެން ތިބި ބަޔަކު އެ ގައުމުގެ ރަސްމީ ތާރީހު އޮޅުވާލައި އެބައި މީހުން ބޭނުން ގޮތަކަށް އަލުން ލިޔެފައިވާ ކަމަށެވެ.

އަލްޖީރީއާގެ ތާރީހާ ބެހޭ ގޮތުން މިހާރު ކިޔަވައި ދެނީ މައުލޫމާތު އޮޅުވާލައިގެން ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ. އަދި ވިދާޅުވީ ތާރީހު އޮތީ މުޅިން ގަޑުބަޑުކޮށްފައި ކަމަށާއި އެއީ ފްރާންސާ މެދު ބައެއްގެ ހިތުގައި ރުޅިވެރިކަން ގޮވާން ކުރަން ކޮށްފައި އޮތް މަސައްކަތެއް ކަމަށެވެ.

މެކްރޮން ދެއްކެވި ވާހަކަތަކަށް އަލްޖީރިއާއިން ބުނީ ފްރާންސުން މުޅި އަލްޖީރިއާ އިސްތިއުމާރުކޮށް ހިންގާފައި އޮތް ބޮޑު ގަތުލުއާންމާ މެދު މެކްރޮންގެ ހިތްޕުޅަށް އެއްޗެއް އަރާވަޑައި ނުގެންނެވީތީ ހިތާމަކުރާ ކަމަށެވެ.

އަލްޖީރިއާގެ ތާރީހަކީ ބޭރު ގައުމެއްގެ ވާހަކަ ނޫން ކަމަށް ވެސް އަލްޖީރިއާ ސަރުކާރުން ބުންޏެވެ. އޭގައި ލިޔަން އޮތީ ފްރާންސްގެ އިސްތިއުމާރީ ބާރުތަކުން އަލްޖީރިއާގެ ފަސްގަނޑަށް ގަތުލުކޮށް ލޭއޮހޮރުވި އަލްޖީރީއާގެ ދަރިންގެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.

މި ރުޅިގަނޑުގައި އަލްޖީރިއާއިން ވަނީ ފްރާންސްގައި ހުންނެވި އެ ގައުމުގެ ސަފީރު ވެސް އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.