ފަރަންސޭސި އިސްތިއުމާރީ ވެރިކަމާ ދެކޮޅުހަދައި އަލްޖީރިއާ މިނިވަންކުރަން މަސައްކަތްކުރި އަލީ ބޫމަންޖަލްއަށް އަނިޔާކޮށް މަރާލީ އެ ގައުމުގެ ސިފައިން ކަމަށް ފަރަންސޭސި ރައީސް އިމަނުލެއް މެކްރޮން ވިދާޅުވެއްޖެ އެވެ. ފްރާންސުން މިކަން ގަބޫލުކޮށް އިއުތިރާފްވެފައި މިވަނީ އެ ހާދިސާ ހިނގައިދިޔަތާ 60 އަހަރު ފަހުންނެވެ.
އަލީ ބޫމަންޖަލް ހައްޔަރުކުރީ ފަރަންސޭސިންގެ ކިބައިން މިނިވަކަން ހޯދަން 1957 ގައި އަލްޖީރިއާ ކުރި ހަނގުރާމައިގަ އެވެ. އޭނާ ހައްޔަރުކޮށް އެކަހެރިކޮށް ވަނީ އަނިޔާ ކޮށްފަ އެވެ.
ފަރަންސޭސި ބާރުތަކުން އަލީ ބޫމަންޖަލްއަށް ކުރި އަނިޔާގައި ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް ދެއްކުމަށް ފަރަންސޭސި ސިފައި ވަނީ ހަބުރި އިމާރާތަކުން އޭނާގެ ހަށިގަނޑު އެއްލާލާފަ އެވެ. އެހެން ނަމަވެސް އޭނާ އެއީ ކާކުން ދެނެތިބިހާ ބަޔަކު ބުނީ ފަރަންސޭސިން ހަދަނީ ބުހުތާނު ދޮތު ކަމަށެވެ.
އަލީ ބޫމަންޖަލްގެ ހަތަރު ކާފަ ދަރިންނާ އެލިސީ ގަނޑުވަރުގައި ބައްދަލު ކުރައްވައި މެކްރޮން ވަނީ ތާރީހު ކިޔައި ދެއްވާފަ އެވެ. ވިދާޅުވީ އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި ފަރަންސޭސި ސިފައިން އޭނާއަށް އަނިޔާކޮށް މާޗް 23، 1957 ގައި މަރާލީ ކަމަށެވެ. އޭނާ މަރާލިއިރު އުމުރަކީ 37 އަހަރެވެ. އަލީ ބޫމަންޖަލް އަކީ ގާނޫނީ ވަކީލެކެވެ.
މެކްރޮން ވިދާޅުވީ އަލީ ބޫމަންޖަލް މަރާލީ ފަރަންސޭސި ސިފައިން ކަމަށް އިއުތިރާފްވެ ވަޑައިގެންނެވި ނަމަވެސް އެއީ އަދި މާފަށް އެދިވަޑައިގަތުމެއް ނޫން ކަމަށެވެ. ބާރުގަދަ ގައުމުތަކުން ހިންގާ މިފަދަ ޖަރީމާތަކަށް މާފަށް އެދުމަަށް ވުރެ ބޮޑު ލަދުވެތި ކަމެއް އެމީހުންނަށް ދުނިޔެއިން ދިމާވާ ކަމަކަށް ނުވެ އެވެ.
އަލީ ބޫމަންޖަލް މަރުވި ގޮތް ސާފު ކުރަން އޭނާއަށް ލޯބިކުރާ މީހުން ފްރާންސްގައި ވަނީ އެދިފަ އެވެ. އެމީހުންނަށް ފްރާންސުން ދޭ ޖަވާބަކީ އޭނާ މަރުވީ ގަސްދުގައި އަމިއްލައަށް ކަމަށެވެ.
ފްރާންސްގެ ރައީސްގެ ހައިސިއްޔަތުން އޭނާ މަރުގެ ހަގީގަތް އާންމުކުރައްވައި އިއުތިރާފްވެ ވަޑައިގެންފައި ވަނި އެގައުމުގެ މުއްސަސާތަކުން ދޮގުހަދަމުންދާތާ ބައިގަރުނު ފާއިތުވި ފަހުންނެވެ.
އަލްޖީރިއާގައި ފްރާންސްގެ އިސްތިއުމާރީ ވެރިކަން 100 އަހަރަށް ވުރެ ގިނަ ދުވަހު ދެމިއޮތެވެ. އެގައުމުން މިނިވަންވުމަށް 1954 – 1962 އަށް ކުރި ހަނގުރާމައިގައި 1.5 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތާރީޚް ބުނެ އެވެ.