ދުނިޔެ

ފްރާންސްއާ ގުޅުން ރަނގަޅު ކުރަން އިސް ނުނަގާނެ: އަލްޖީރިއާ

އަލްޖީރިއާގެ ރައީސް އަބްދުލް މަދްޖިދު ތަބޫން ޖަރުމަނު މަޖައްލާއަކަށް ވިދާޅުވި ގޮތުގައި ފްރާންސްއާ ގުޅުން ރަނގަޅު ކުރަން އިސްނަގާ ގައުމަކަށް އަލްޖީރިއާ ނުވާނެ އެވެ.

އޭނާ ވިދާޅުވީ ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮން އަލްޖީރިއާ ބަދުނާމުކޮށް ވިޔާނުދާ ވާހަކަތަކެއް ދައްކަވާފައި ވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިހާނެތިކޮށް ހިތާ މީހުންނަށް އަޅުގަނޑުމެން މުއާމަލާތްކޮށް ގުޅުން ބަދަހިރުކުރާ ނަމަ އަލްޖީރިއާގެ އެއްވެސް މީހަކު އެކަން ގަބޫލެއް ނުކުރާނެ" އަބްދުލް މަޖީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މެކްރޮންއަކީ ބުއްދި ހަމަޖެހޭ މީހެއް ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.

އަބްދުލް މަޖީދު ވިދާޅުވި ގޮތުގައި މެކްރޮން ވަނީ ފަސްލެވި ގޮސްފައިވާ ހާދިސާއެއް ކޮނެގެން ނަންގަވައި އަލްޖީރިއާގެ ރައްޔިތުންގެ ޒަހަމްތައް އާ ކުރުވާފަ އެވެ. އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޅި ގައުމުގައި އޮތީ ނުތަނަވަސްކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަލްޖީރިއާއާ ފްރާންސްއާ ދެމެދު ޑިޕްލޮމެޓިކް ކޯޅުންގަނޑު ހޫނުވެގެން ދިޔައީ ފްރާންސުން އަލްޖީރިއާ އިސްތިއުމާރު ކުރުމުގެ ކުރިން އެއީ އޮތް ދައުލަތެއް ނޫން ކަމަށް މެކްރޮން ވިދާޅުވުމުންނެވެ. އޭނާ ސިފަ ކުރުވަން އުޅުއްވީ އަލްޖީރިއާގައި ދައުލަތެއްގެ ސިފަ ޖެހުނީ ފްރާންސްގެ އިސްތިއުމާރީ ބާރުތައް އެ ގައުމުން ފޭބުމަށް ފަހު ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ފްރާންސުން އަލްޖީރިއާ އިސްތިއުމާރު ކުރުމުގެ ކުރިން ވެސް އެއީ އިސްތިއުމާރީ ބާރުތަކުން ވީރާނާ ކޮށްފައި އޮތް ބިމެކެވެ.

މެކްރޮން އަނގަބަހުން ވިދާޅު ނުވެ އެކަމަކު ގަބޫލު ކުރުވަން އުޅުއްވީ ފްރާންސުން އަލްޖިރިއާ އިސްތިއުމާރު ކުރުމަކުން އެ ގައުމަށް ގެއްލުމެއް ނުވާ ކަމެވެ. އެއީ އޭގެ ކުރިން ވެސް ބަޔަކު ގެއްލުންދީ ހަލާކުކޮށްފައި އޮތް ތަނެއް ކަމެވެ.

ފްރާންސްގެ ކުށެއް ނެތްކަން ދުނިޔެ ދެއްކެވުމަށް މެކްރޮން ނެންގެވި ދެތިން ނުކުތާއެއްގެ ސަބަބުން މިހާރު ހުންނެވީ އަމިއްލަ އަތަށް ގޮވައި ފިހިފަ އެވެ.

އަލްޖީރިއާ އަރައިގަތް ރުޅިގަނޑުގައި ޕެރިހުގައި ހުންނަވާ އެގައުމުގެ އެމްބަސެޑަރު ވަނީ ގައުމަށް ގެނެސްފަ އެވެ. އަދި ފަރަންސޭސި އަސްކަރީ މަތިންދާ ބޯޓުތައް އެގައުމުގެ ވައިގެ ސަރަހައްދުން ބޭނުންކުރުން މަނާކޮށްފަ އެވެ.