ދުނިޔެ

ލީބިޔާއިން ބޭރުގެ ފައުޖުތައް ފައިބަން ޖެހޭ: އަލްސީސީ

ލީބިޔާ ދޫކޮށް ބޭރު ގައުމުތަކުގެ ބާރުތައް ދާންޖެހޭ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ ވިދާޅުވެއްޖެ އެވެ. ސީސީ ވިދާޅުވި ގޮތުގައި ލީބިޔާގައި މިނިވަން އިންތިހާބެއް ބޭއްވުމަށް ތައްޔާރު ވަމުން އަންނައިރު، އެއިން ކަމަކަށް ނުފޫޒު ފޯރުވަން އެހެން ގައުމަކުން އުޅެގެން ނުވާނެ އެވެ.

ސީސީ ވިދާޅުވި ގޮތުގައި ލީބިޔާއަށް ފައުޖުތައް ފޮނުވާފައިވާ ގައުމުތަކުން ވެސް އަވަހަށް ގޮތެއް ނިންމަން ޖެހެ އެވެ. ދުނިޔެ އެއް ވިސްނުމަކުން ވިސްނައި ލީބިޔާގައި މިނިވަން ސަރުކާރެއް ގާއިމް ކުރަން ގައުމުތަކުން ބާރު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ލީބިޔާއާ މެދު ވަކި ގޮތެއް ނިންމަން އެދޭ ބަޔަކު ތިބި ނަމަ އެއީ ކޮން ގޮތެއްކަން ސީދާކޮށް ބުނަން ޖެހޭ ކަމަށް ވެސް މިސްރުގެ ރައީސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ލީބިޔާގައި ދެމިތިބުމަށް ބޭރުގެ ގައުމުތަކުން މިހާރު ދައްކާނެ ހުއްޖަތެއް އޮވެގެން ނުވާނެ ކަމަށެވެ.

ލީބިޔާ ރައްޔިތުންނަށް އޮތީ ދައުލަތުގެ މުއައްސަސާތައް އެއްބައި ވަންތަކުރަން މަސައްކަތްކުރުން ކަމަށް ވެސް ސީސީ ވިދާޅުވި އެވެ. އަމިއްލަ މުސްތަގުބަލެއް ހޯދަން ރައްޔިތުން ކުރާ މަސައްކަތްތަކަށް މިސްރުން އެހީތެރި ވެދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިސީ ވިދާޅުވި ގޮތުގައި ލީބިޔާގެ އެތެރެއިންނާއި ބޭރުން ވެސް މިހާރު ކުރަން ޖެހޭ ކަމަކީ ގައުމީ ލަނޑުދަނޑި ތަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމެވެ.

ލީބިޔާގެ ރައްޔިތުންގެ އެއްބާރުލުމަށް އެދި ވަޑައިގެން ސީސީ އެދިވަޑައިގަތީ ޚިޔާލު ތަފާތުވުންތައް ނައްތާލައި މިނިވަން ލީބިޔާއެއް އިޚްތިޔާރު ކުރުމަށެވެ. އަމިއްލަ ގައުމު ބިނާކުރުމަށް އަޒުމް ކަނޑަ އެޅުމަށެވެ.