ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފަށަނީ

Oct 3, 2021

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ރަންވޭގެ އޭބީސީ ހެދުމަށްޓަކައި ބޭނުންވާ ތަކެތި މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ފަރެސްމާތޮޑާގައި މިހާރު ކުރިއަށްދަނީ އެއާޕޯޓްގެ ފަޔާ ބިލްޑިންގުގެ އޮނިގަނޑު ހެދުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެ އެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް 144.8 މިލިއަން ރުފިޔާއަށް އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

މިމަސައްކަތުގެ ދަށުން 1200 މީޓަރުގެ ރަންވޭ އެއް އަޅައި ޓާމިނަލް އިމާރާތެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް އަޅަން ނިންމާ އެ މަޝްރޫއު އިއުލާންކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެހެންނަމަވެސް އެ މަސައްކަތް އަމަލީގޮތުން ފަށައިގަނެ މަސައްކަތުގެ ބޮޑު ބައި ކުރިއަށް ގެންދިޔައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެވެ.