ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓު ނިންމައިދޭނެ ބަޔަކު ހޯދަނީ

Jan 15, 2020

ބިން ހިއްކާ ނިމިފައިވާ، ފަރެސްމާތޮޑާ އެއާޕޯޓުގައި ނުނިމު ހުރި ހުރިހާ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ފަރެސްމާތޮޑާ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އިއުލާނު ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރި ވެވޭނީ، "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށާ، މި މަސައްކަތަށް ކުރިމަތިލެވޭނީ އެ ރަޖިސްޓަރީގެ GC02 ގެ ގްރޭޑް 1 އަށް ޝަރުތު ހަމަވާ ކޮންޓްރެކްޓަރުން ނަށް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިސަލަކު އަވަސްއަށް މިއަދު ވިދާޅުވީ މިހާރު އިއުލާނު ކޮށްފައި ވަނީ އެއާޕޯޓުގެ ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ކަމަށެވެ.

"ރަންވޭ އާއި ޓާމިނަލް އަދި އެނޫން ވެސް ހުރިހާ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

މި މަސައްކަތުގެ ބީލަމުގައި ބައިވެރިވެވޭނީ 1500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެންނެވެ. ފައިސާ ބަލައިގަންނާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ. މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެވެ. މި އެއާޕޯޓުގެ ބިން ހިއްކާ ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ފަރެސްމާތޮޑާގައި ވެސް އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގުރަންވޭ އަކާއި އޭޕްރަން އެއް އަދި ޕެސެންޖަރު ޓާމިނަލް އެކެވެ. ބިން ހިއްކުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

ރާއްޖޭގައި މިހާރު 13 އެއާޕޯޓެއް އޮވެ އެވެ. މި އެއާޕޯޓްތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ގެ އިތުރުން މާމިފިލި އިންޓޭޝަނަލް އެއާޕޯޓް އަދި ކޫއްޑޫ އެއާޕޯޓެވެ. މީގެ އިތުރުން ހިމެނެނީ ކުޅުދުއްފުށީ އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަދި ދަރަވަންދޫ އާއި އިފުރުގެ އެއާޕޯޓުގެ އިތުރުން ތިމަރަފުއްޓާއި ކައްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓެވެ. އަދި މި އަހަރު އަލަށް ހަތަރު އެއާޕޯޓު ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި އަހަރު އަލަށް ހުޅުވާނެ އެއާޕޯޓް ތަކަކީ ހއ. ހޯރަފުށި އެއާޕޯޓާއި ށ. ފުނަދޫ އަދޮ ޅ. މަޑިވަރު އެއާޕޯޓާއި ގދ. މާވާރުލު އެއާޕޯޓެވެ.