އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަކީ ހިންގުންތެރިން ބޭފުޅެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސޯދިގަށް ތައުރީފް ކުރައްވައިފި އެވެ.
ރައީސް ނަޝީދު، ސޯދިގަށް ތައުރީފް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު ސޯދިގު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސޯދިގަކީ ހިންގުންތެރި އަދި ގާބިލް ބޭފުޅެއް ކަމަށެވެ. އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ވެސް ސޯދިގު ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ސޯދިގަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
ސޯދިގު ވަނީ ލޯކަލް ކައުންސިލްތައް އުފެއްދި ފަހުން ފާއިތުވި ތިން ދައުރުގައި ވެސް އައްޑޫގެ މޭޔަރު ކަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ އަށް އުފަން ސޯދިގު ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލް ކުރައްވާފަ އެވެ.