ރައްޔިތުންގެ މަޖިލިސް

އިއްޒަތް ދޭ ވަރުގެ ނަމޫނާއެއް ނުދެއްކޭ!

ހާއްސަ އިމްތިޔާޒުތަކާއި ބާރުތަކާއި އިއްޒަތާއި ޝަރަފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބެންވާނެ އެވެ. މެންބަރުންނަށް ގާނޫނުއަސާސީން މަތި ކޮށްފައިވާ ޒިންމާތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ހައިބަތައްޓަކައި ވެސް މެންބަރުންނަށް އިމްތިޔާޒުތަކާއި ބާރުތައް ލިބެންޖެހޭނެ އެވެ. އެކަމަކު މަޖިލީހުގެ މެންބަރުން އަބަދާ އަބަދު އެ ބަހުސް ކުރެއްވުމަކީ ލަދުވެތި ކަމެކެވެ. ގައުމުގެ އިގްތިސޯދީ ހާލަތަށް ބެލުމެއް ނެތި މެންބަރުންގެ އަމިއްލަ މަސްލަހަތާއި މަންފާއަށް އިމްތިޔާޒުތަކުގެ ވާހަކަ ދެއްކެވުމަކީ އަދި މާ ހުތުރު ސިފައެކެވެ.

ގާނޫނުއަސާސީއާ ގާނޫނުތަކުގައި މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތައް މިހާރު ވެސް ކުޑައެއް ނޫނެވެ. މެންބަރުންނަށް އިމްތިޔާޒާއި ބާރު ނުލިބިގެން ކުރެއްވުމަށް ދަތިވާ އެއްވެސް ކަމެއް ނުފެނެ އެވެ. މެންބަރަކަށް ވީމާ ބޭނުންފުޅުވާ ކޮންމެ ވާހަކައެއް ދެއްކެވުމަކީ މެންބަރުންގެ އާންމު އާދައެކެވެ. ޖަވާބުދާރީ ވެވެން ނެތް ހާލަތުގައި ތިބި މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަކީ މެންބަރުން އާންމުކޮށް ކުރައްވާ ކަމެކެވެ.

ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށްވެސް އެ މާއްދާގައިވެ އެވެ. އެކަމަކު ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މެންބަރަކު ވަނީ ގޮވާލައްވާފަ އެވެ. އެ މައްސަލަ ބަލުމުންދާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވެ އެވެ. ނަމަވެސް މެންބަރުންނާ ސީދާ ގުޅުންހުރި މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެ މައްސަލަ ކުރިއަށްދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މެންބަރުން އިތުރު އިމްތިޔާޒު ބޭނުންވަނީ އެފަދަ ވާހަކަ ދައްކަވަން ކަމަށްވާނަމަ އެއީ ދެވޭނެ އިމްތިޔާޒެއް ނޫނެވެ.

މީގެކުރީގެ މަޖިލީހެއްގައި މެންބަރުން ވަނީ އެ ބޭފުޅުންގެ ދައުރުގައި މުސާރަ ބޮޑުކުރަން ފާސްކޮށް، އޭގެ ތެރެއަށް ކޮމިޓީ އެލަވަންސްގެ ނަމުގައި 20،000 ރުފިޔާގެ އެލަވަންސެއް އިތުރުކޮށް 82،000 ރުފިޔާ ނަންގަވަން ފައްޓަވާފަ އެވެ. ހިނގަމުންދާ ދައުރުގެ ތެރޭގައި މެންބަރުންގެ މުސާރަ ބޮޑުކޮށް އެ ދައުރުގެ ތެރޭގައި އެ މުސާރަ ނެންގެވުމަކީ ލަދުވެތި ކަމެކެވެ. އެއީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ކަންކުރާ އުސޫލެއް ނޫނެވެ. އިމްތިޔާޒުގެ ވާހަކަ މެންބަރުން ދައްކަވަން ވާނީ ގައުމުގެ ހާލަތާއި ރައްޔިތުންގެ ހާލު ހުރި ގޮތް ބެއްލެވުމަށްފަހު އެވެ.

ހިނގަމުން މިދާ މަޖިލީހުގައި ވެސް ބައެއް މެންބަރުން ގެންދަވަނީ ދައުލަތުގެ ބަޖެޓުން އިތުރު ހަރަދުތައް ކުރަންޖެހޭ ގޮތަށް އިމްތިޔާޒުތަކާއި ޝަރަފާއި ގަދަރުވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. މެންބަރުން ދިރިއުޅުއްވާ ގެއާ އެންމެ ކައިރިން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ޕާކިން ސްލޮޓް ހަމަޖައްސައިދީ މެންބަރުން ބޭނުން ކުރައްވަމުން ގެންދަވާ ސޯޝަލް މީޑިއާގެ އެކައުންޓްތައް މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް ދިނުމަށް ފާސްކުރީ ހިނގަމުން މިދާ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީންނެވެ. މާލޭގެ ބިން ފުރި ތޮއްޖެހިފައި އޮތް އިރު ކޮންމެ މެންބަރެއްގެ ކާރު ޕާކް ކުރަން ޖާގަ ހުސް ކުރުމަކީ ރައްޔިތުންނަށް ބޮޑު ތަކްލީފަކަށް ވާނެ ކަމެކެވެ. އޭގެ ކޮންމެ ޒޯނެއް ވަކިކޮށް، ކުރަހަން ވެސް ދައުލަތުގެ މުވައްޒަފުންގެ ވަގުތުތަކަކާއި ހަރަދުތަކެއް ވެސް ހިނގާނެ އެވެ.

މަޖިލީހުގެ ހުއްދައާއެކު މެންބަރުން ދާއިރާތަކަށް ކުރައްވާ ކޮންމެ ދަތުރެއް އެއީ ރަސްމީ ދަތުރެއްގެ ގޮތުގައި ހަމަޖައްސައި އެ ދުވަސްތަކަށް މަޖިލީހުގެ ހާޒިރީ ލިބޭ ގޮތް ހެދީ މި މަޖިލީހުގަ އެވެ. އެއީ މެންބަރުންގެ މަސްލަހަތު ހިމެނޭ ކަމެއް އަމިއްލަ އަށް ނިންމުމެވެ. މެންބަރުންގެ އިހްލާސްތެރި ކަމެއް ހުރި ނަމަ އެ ހުށަހެޅުން ތަންފީޒު ކުރާނީ ދެން އިންތިހާބުވާ މަޖިލީހެއްގަ އެވެ.

މަޖިލީހުގެ މެންބަރުންގެ ތެރޭގައި އެއް އަހަރުވާއިރު މަޖިލީހަށް އެއްގޮތަކަށް ވެސް ހާޒިރުވެވަޑައިނުގަންނަވާ މެންބަރުން އެބަތިއްބެވި އެވެ. މަޖިލީހުގެ ދައުރެއް ނިމިގެންދާއިރު އެއް ޖަލްސާ ދެ ޖަލްސާއަށް އެކަނި ވަގުތުކޮޅަކަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުން ވެސް އެބައުޅުއްވަ އެވެ. އެހެންކަމުން ދާއިރާ އަށް ކުރައްވާ ދަތުރު އެއީ ރަސްމީ ދަތުރެއް ކަމަށް ބަލައި ހާޒިރީ ދިނުމަކީ ބައެއް މެންބަރުންގެ އަމަލުތައް ހުރި ގޮތުން ބަލައިގަންނަ ދަތި ކަމެކެވެ.

މިހާރު ހިނގަމުންދާ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބައްލަވައިލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގެން ރެސްޓްރޮމުން ޖާގަ ނުލިބުމުން ވެސް މަޖިލީހުގެ މެންބަރުން ވަނީ ޝަކުވާ ކުރައްވާފަ އެވެ. ގަލޮޅު ދަނޑުގެ ރެސްޓްރޮމު ކުޑަކަމުން މަޖިލީހުގެ 87 މެންބަރުން ދަނޑަށް ވަޑައިގެން އެތަނުގައި ތިއްބަވައިގެން މެޗު ބެއްލެވުމަށް ބޭނުންވި ނަމަވެސް އެއީ ހާލަތު ހުރި ގޮތުން ކުރެއްވޭނެ ކަމެއް ނޫނެވެ. އެެއީ މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒަކަށް އަރައިގަތުމެއް ނޫނެވެ. އަދި އެއީ މެންބަރުންނަށް ގަދަރު ކުޑަކުރެއްވުމެއް ވެސް ނޫނެވެ. އެއީ ގައުމުގެ ހާލަތެވެ. ގައުމުގައި ނެތް އެއްޗަކުން މެންބަރުންނަށް ދެވޭނެ އިމްތިޔާޒެއް، އިއްޒަތެއް އަދި ގަދަރެއްވެސް ނޯންނާނެ އެވެ.

ހިނގަމުން މިދާ މަޖިލީހުގައި، އާންމު ކޮމިޓީ ސިއްރު ކޮށްގެން މިދިޔަ މަހު ވެސް މެންބަރުން ވަނީ ދައުލަތަށް މާލީ ބުރައަކަށްވާ ގޮތަށް ނިންމުމެއް ނިންމާފަ އެވެ. އެއާޕޯޓުގެ ވީއައިޕީ ލައުންޖު މިހާރު ބޭނުން ކުރެވެނީ މެންބަރާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށެވެ. އެކަމަކު ކޮމިޓީން މިހާރު ނިންމާފައި ވަނީ މެންބަރާއެކު ފުރަންދާ ރައްޓެހިންނަށް ވެސް އެއާޕޯޓުން ވީއައިޕީ ހިދުމަތް ލިބޭ ގޮތް ހެދުމަށެވެ. އެއީ މެންބަރުންގެ އަމިއްލަ މަސްލަހަތާއި ޒާތީ މަންފާ ހިމެނޭ ނިންމުމެެކެވެ.

އާންމު ކޮމިޓީގެ އެފަދަ ނިންމުންތަކަކީ މަޖިލީހުގެ ތަޅުމަށް ނުގޮސް އިދާރީ ގޮތުން ހަމަޖައްސާލެވޭ ނިންމުންތަކެކެވެ. އެކަމަކު ކޮމިޓީގެ އެ ނިންމުން ތަންފީޒު ކުރެއްވުމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ދެކޮޅު ހެއްދެވުމުން އެކަން ވެސް މެންބަރުންނަށްވީ އިމްތިޔާޒަށް އަރައިގަތުމަށެވެ. މެންބަރުންގެ އިއްޒަތާއި ގަދަރު ކުޑަވި ކަމަށެވެ. ކޮމިޓީގެ އެ ނިންމުމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަށް ބުރަ ބޮޑުވެގެންދާނެ ކަމަށް އިއްޒަތްތެރި މެންބަރު ގަބޫލުފުޅު ކުރައްވަން ބޭނުންފުޅެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މީގެ ކުރިން ވަނީ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރުމުން މަޖިލީހުގެ އިދާރާގައި ދިރިއުޅުއްވާފަ އެވެ. ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މީގެ ކުރިން މެންބަރަކު ވަނީ މަޖިލީހަށް ގަދަކަމުން ވަދެވަޑައިގެންފަ އެވެ. އެއީ މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައިގެން ކޯޓު ހުކުމެއްގެ ބާރު ކަނޑުވާލުމެވެ. އެކަންކަން ކުރައްވާކަށް އިތުރު އިމްތިޔާޒުތައް ދޭކަށް ނުޖެހެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާއި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ސާބިތުވެ ބައެއް މެންބަރުންނަށް މީގެ ކުރިން ހުކުމް ކޮށްފައި ވެސް ވެއެވެ. ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ބައެއް މެންބަރުންގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ބޮޑު އަދަދެއް ވެސް ލިބިފައިވަނީ މިދިޔަ މަޖިލީހާއި މިހާރުގެ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންނަށެވެ. އެއީ އިމްތިޔާޒު ލިބެންޖެހޭ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމުގައި އުޅުއްވާ މެންބަރުންނަށް ރައްޔިތުން ކުރަންޖެހޭ އިހްތިރާމެއް ދޭން ޖެހޭ އިއްޒަތެއް ނޯންނާނެ އެވެ.

މީގެއިތުރުން މެންބަރުންނަށް ލިބިފައިވާ އިމްތިޔާޒާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ބައެއް މެންބަރުން ވަނީ ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތައް ހޯއްދަވައިގެން މާލީ ބޮޑެތި މަންފާތައް ވެސް ހޯއްދަވާފަ އެވެ. ޕޭޕަ ކުންފުނިތައް ހައްދަވައިގެން ބައެއް މެންބަރުން ހިންގެވި ހިޔާނާތުގެ އަމަލުތަކުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބުނީ ދިވެހި ދައުލަތާއި ރައްޔިތުންނަށެވެ. ސިޔާސީ ވާދަވެރިކަމުގައި މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނީ ވެސް މަޖިލީހުގެ މެންބަރުންނެވެ. އާއިލާ އެއްތަނެއްގައި ތިބެ މަޖިލީހުގެ ޖަލްސާ ބަލައިލާ އަޑުއަހާލަން ނުކެރޭ ވަރަށް ހުތުރު ބަސް ބޭނުންކޮށް ހަޅޭއްލަވާ ހެއްދެވީ ވެސް އިއްޒަތްތެރިކަން ބޭނުންވެގެން އުޅުއްވާ މެންބަރުންނެވެ.

އިމްތިޔާޒާއި، އިއްޒަތާއި، ގަދަރު އެއްވެސް ހައްދެއް ނެތް މިންވަރަށް ލިބިފައިވިޔަސް މެންބަރުންނަށް "އިއްޒަތްތެރި" ކަމުގެ އިހްސާސް ނުކުރެއްވެނީ މެންބަރުންގެ އަމިއްލަ މަސްލަހަތު ބޮޑުވުމުންނެވެ. ހިތްޕުޅަށް އަރުއްވާ ކޮންމެ ކަމެއް ކުރައްވަން ބައެއް މެންބަރުން ބޭނުންވުމުން އެކަން ނުވާ ކޮންމެ ފަހަރަކު އެއީ އިއްޒަތް ނަގާލުން ކަމަށް ދެކެވަޑައިގަތުމަކީ އެ މެންބަރެއްގެ ނިކަމެތި ކަމެވެ. އިއްޒަތާއި ގަދަރު ލިބިވަޑައިގަންނަވާ ގޮތަށް މެންބަރުން އުޅުއްވުމުން އެ މެންބަރުންނަށް ހައްގުވާ އިއްޒަތާއި ގަދަރު ރައްޔިތުން އަރުވާނެ އެވެ. ޝަކުވާ ކުރައްވައިގެން ލިބޭނެ އިއްޒަތެއް ގަދަރެއް ނޯންނާނެ އެވެ.