ޔޯގާއަކީ މަޖާ އަދި ހަށިގަނޑަށް އަރާމު ލިބޭ ކަސްރަތެކެވެ. ނަމަވެސް އެއީ ހަށިގަނޑަށް އަނިޔާއެއް ނުވާ ގޮތަށް ޔޯގާ ހެދޭ ނަމަ އެވެ. ދާދިފަހުން ހިނގި ހާދިސާއެއްގައި ޔޯގާ ހެދި އަންހެނެއްގެ ފައި ބިނދުމުން މިފަދަ ކަސްރަތުތައް ކުރުމުގައި ސަމާލުކަން ދޭން ޖެހޭ މިންވަރު ވަނީ ހާމަވެފަ އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ އަންހެނެއް ކަމަށްވާ ވެންގް ޔޯގާ ހަދަން ދިޔަ ކްލާހެއްގެ އިންސްޓްރަކްޓަރެއްގެ އަތުން އެމީހެއްގެ ފައި ބިނދި އޭނާއަށް މިހާރު އެކަނި ހާލައިގެން ހިނގާލާ ވެސް ނޫޅެވެ އެވެ.
ޗައިނާގެ އަންހުއި ޕްރޮވިންސްގައި ދިރިއުޅޭ ވެންގް ޔޯގާ އިންސްޓްރަކްޓަރެއް ކައިރިން ޕްރައިވެޓްކޮށް ޔޯގާ ހަދަން ދަސްކުރަން ފެށި ދުވަހު އޭނާއަށް މި އެކްސިޑެންޓް ދިމާވެފައިވާ ކަމަށް ހަބަރުގައި ބުނެފައި ވެއެވެ.
ޔޯގާ ކްލާހުގައި "ޑްރެގަން ޕޯސް" އެއް ހަދަން ވެންގް އަށް އިންސްޓްރަކްޓަރު އިރުޝާދު ދިނެވެ. މިއީ ވަރަށް ބޮޑަށް ދެ ފައި ފުޅާކޮށް ސްޓްރެޗްކޮށްގެން ކުރާ ކަމެކެވެ. ވެންގް އަށް ފައި ފުޅާ ކުރެވުނީ އެ ކުރަންވާ ގޮތަށް ނޫން ގޮތަކަށެވެ.
"އަހަރެންގެ ފައި ހުރި ގޮތް ކަމުނުގޮސްގެން ރަނގަޅު ކޮށްދޭން ވެގެން އިންސްޓްރަކްޓަރު އަހަރެންގެ ކުޑަކަޅުވާފައި ހިފާ މާ ބޮޑަށް ތިރިއަށް ފިއްތާފައި ހިފެހެއްޓީ. ވަރަށް ޕްރެޝަރުލާފައި އޭނާ ހިފަހައްޓައިގެން ހުރީ. އެހެން ހުއްޓާ ކުއްލިއަކަށް ތެދެއް އަރައިގެން އަހަރެންގެ ފައި އެއްގޮތަކަށް ވެސް ހަރަކާތް ނުކުރެވުނީ،" ވެންގް ބުންޏެވެ.
ޔޯގާ އިންސްޓްރަކްޓަރު ވަގުތުން އެމްބިއުލެންސް އަށް ގުޅައިގެން އެ ހިސާބާ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ވެންގް ގެންދިޔަ އެވެ. ޑޮކްޓަރުން ވެންގް ބަލާފައި ބުނިކަމަށް ވަނީ އޭނާގެ ފަލަމަސްގަނޑުގައި ކަމްޕައުންޑް ފްރެކްޗާއެއް އިން ކަމަށެވެ. އަދި ވަގުތުން ސާޖަރި ހަދަން ޖެހޭ ކަމަށެވެ.
ވެންގް ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ހިނގި މި އެކްސިޑެންޓަށްފަހު 16 ދުވަހު އޭނާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އަދި ހޮސްޕިޓަލުގެ ފަރުވާއަށް ފަހުވެސް އޭނައަށް އެއްގޮތަކަށް ވެސް ނުހިނގޭ ކަމަށެވެ.