ދުނިޔެ

އަބްދުﷲ ރަސްގެފާނަށް އަސަދުގެ ފޯނުކޯލެއް

އުރުދުންގެ އަބްދުﷲ ރަސްގެފާނަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ފޯނުން ގުޅުއްވައި ގާތްކަން ބަދަހި ކުރައްވައިފި އެވެ. މިއީ 2011 އަށް ފަހު މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރު ކަމަށް ގަނޑުވަރުގެ ބަޔާނުގައިވެ އެވެ.

ދެ ބޭފުޅުންގެ މަޝްވަރާގައި އަރިބި އެކުވެރިކަމާއި ދެ ގައުމުގެ ގުޅުމަށް ބައްލަވާ ލެއްވި އެވެ. ޝާހީ ގަނޑުވަރުން ވިދާޅުވި ގޮތުން މަޝްވަރާ ނުކުރެވި ގިނަ ދުވަސްތަކެއް ވުމުން ދެ ބޭފުޅުން ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.

ގަނޑުވަރުގެ ބަޔާނުގައި ބުނެފައިވާ ގޮތުން އަބްދުﷲ ރަސްގެފާން އަސަދަށް ހެޔޮ ބަސް ވިދާޅުވި އެވެ. އަދި ސީރިއާއަށް ހެޔޮގޮތް ވުމަށް އެދިވަޑައިގެންނެވި އެވެ. ސީރިއާގެ މިނިވަން ކަމާށާއި އެއްބައެއް ގޮތުގައި ދެމިއޮތުމަށް ހިތްވަރު ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި އާންމުނަށް ވަރަށް ބޮޑެތި ގެއްލުތަކެއް ވަނީ ލިބިފަ އެވެ. އަސަދުގެ ވެރިކަމުގައި ހިންގާފައި ހުރި އިންސާނީ ޖަރީމާތަކާ މެދު ކަންބޮޑުވުން އޮތް ނަމަވެސް އުރުދުނުން މިހާރު ވިސްނަނީ ސިރިއާ ދޫކޮށްލައިގެން މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.

އުރުދުންއާ ސީރިއާ އަދި މިސްރުން ވެސް ދަނީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރަމުންނެވެ. މި ގުޅުމުގެ ތެރެއިން ސިރިއާ މައްސަލަތަކަށް ހައްލެއް ހޯދަން އަރަބި އެކުވެރި ގައުމުތަކުން އޮތީ ވިސްނާނަފަ އެވެ.

ސީރިއާއާ އުރުދުން ގުޅިފައި އޮތް ބޯޑަރު ސަރަހައްދު ވެސް ދެ ގައުމަށް ހުޅުވާލުމަށް ވަޒީރުންގެ ފެންވަރުގައި މި އަހަރު މަޝްވަރާ ކުރެވުނެވެ. އަދި ދެ ގައުމު ގުޅުވައިދޭ ޖާބިރު ބޯޑަރު ވަނީ ހުޅުވާފަ އެވެ. މި ކަމަށްޓަކައި އަންމާންގައި ދެ ގައުމުގެ ވެރިން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ.