އިންޑިއާ

ގަވައިދާ ހިލާފަށް އިންޑިއާ މީހުން ވެހިކަލެއް ނުދުއްވާނެ

އައްޑު އަތޮޅުގެ ރަށްރަށުގެ މަގުތަކުގައި ރަޖިސްޓްރީ ނުކުރާ ސައިކަލުތަކެއް ގަވައިދާ ހިލާފަށް އިންޑިއާ ބަޔަކު ދުއްވާ ކަމަށް ދެކެވޭ ވާހަކަތައް ޓްރާންސްޕޯޓް މިނިސްޓްރީން ދޮގު ކޮށްފި އެވެ.

"ކޮޗިން ފެރީ" އިން ގެނެސް އައްޑޫގައި ތިބޭ އިންޑިއާ ސިފައިން ޑިއުޓީ ނުދައްކާ އަދި ރަޖިސްޓްރީއެއް ނުކޮށް އައްޑޫގައި ސައިކަލްތަކެއް ދުއްވާ ކަމަށް ގިނަ ތުހުމަތަކެއް ކޮށްފައި ވެއެވެ. އަދި އެ ސައިކަލުތަކުގެ ފޮޓޯ އާއި އިންޑިއާ މީހުން ސައިކަލު ދުއްވާ ވީޑިއޯތަކެއް ވެސް އާންމު ވެފައި ވެއެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ގަވައިދާ ހިލާފަށް އައްޑޫގެ ރަށްރަށުގެ މަގުތަކުގައި ވެހިލަކް ދުއްވުމުގެ ހުއްދަ އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއަން ޑިފެންސް އެޑްވައިޒަރާއި ހަވާލާ ދެއްވާ އެ އޮފިޝަލު ވިދާޅުވީ، އެޑްވައިޒަރުގެ ހުއްދައަކާއި ނުލައި އިންޑިއާ ސިފައިންނަށް ބައިސްކަލެއް ވެސް ނުދުއްވޭނެ ކަމަށެވެ. އަދި އައްޑޫގެ މަގުތަކުގައި ސައިކަލު ދުއްވުމުގެ ހުއްދަ ނުދެއްވާ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރަޖިސްޓްރީ ނުކޮށް ގަވައިދާ ހިލާފަށް އައްޑޫގެ މަގުތަކުގައި އިންޑިއާ ސިފައިން ސައިކަލު ދުއްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެކަމަކު އެމީހުންގެ ސައިޓްގައި ސައިކަލު ދުއްވާފާނެ ކަމަށެވެ.