ހޮލީވުޑް

އަހަރުގެ އެންމެ މޮޅު ފިލްމަކަށް "ދަ އެސޭސިން" ހޮވައިފި

Nov 30, 2015

މިއީ ޓައިވާނުގެ މާޝަލް އާޓްސް ޑްރާމާއެކެވެ. އަންނަ އަހަރުގެ އެކަޑެމީ އެވޯޑްސް (އޮސްކާ) އަށް އެގައުމުން ހޮވާފައިވާ ފިލްމަކީ ވެސް މިއީ އެވެ. އަދި މި އަހަރުގެ މެއި މަހު ނިމިގެން ދިޔަ ޝަރަފްވެރި ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑް ވެސް ލިބިފައި ވަނީ މި ފިލްމަށެވެ.

އެހެންވީމަ އަހަރުގެ އެންމެ މޮޅު ދެ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އައި "މޭޑް މެކްސް: ފިއުރީ ރޯޑް" އާއި "ކެރޯލް" އަށް ވުރެ މަތިން ރޭޓްކޮށް ސައިޓް އެންޑް ސައުންޑް މެގަޒިންގެ އަހަރީ ވޯޓްގައި ކްރިޓިކުންގެ ހޮވުމަކަށް "ދަ އެސޭސިން" ވުމަކުން ހައިރާންވާކަށް ނުޖެހެ އެވެ.

ސައިންޓް އެންޑް ސައުންޑް އަކީ ބްރިޓިޝް ފިލްމު އިންސްޓިޓިއުޓްގެ މަންތުލީ މެގަޒިން އެކެވެ.

"ދަ އެސޭސިން" އަކީ މާޝަލް އާޓްސްގެ އެހެން ފިލްމުތަކަށް ބަލާއިރު މާ ގިނަ ނުވަތަ ހައިރާންކުރުވަނިވި އެކްޝަން މަންޒަރުތަކެއް އޭގައި ހިމެނޭ ފިލްމެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އިމޯޝަނަލް ޑްރާމާއެކެވެ.

ފިލްމުގައި ދައްކުވައި ދެނީ ނުވަ ވަނަ ގަރުނުގެ ޗައިނާ އެވެ. ކުޑައިރު ވަގަށް ނަގާފައިވާ އަންހެން ކުއްޖަކު މާޝަލް އާޓިސްޓެއް އަދި އެސޭސިންއެއްގެ ގޮތުގައި ތަމްރީނުކޮށް އޭނާގެ އާއިލާގެ މެމްބަރަކު މެރުމަށް ފޮނުވުމުން ދެން ކަންތައް ހިނގައިގެންދާ ގޮތެވެ. ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ޓައިވާނުގެ ބަތަލާ، 39 އަހަރުގެ ލިން ލީ-ހުއީ އެވެ.

ސައިޓް އެންޑް ސައުންޑް އިން ހޮވި މި އަހަރުގެ މޮޅު ފިލްމުތަކަށް ބަލާއިރު ގަދަ 10އެއްހައި ހިމަނާފައިވާ ފިލްމުތަކުގެ ތެރެއިން ހަތް ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ އަންހެނުންކަން ފާހަގަކޮށްލެވެ އެވެ. އަންހެނުންނާއި ފިރިހެނުން ހޮލީވުޑްގައި ތަފާތުކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް ހޮވި ލިސްޓެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

"ދަ އެސޭސިން" އަށް ލިސްޓްގެ އެއް ވަނަ ދީފައިވާއިރު ދެ ވަނާގައި އޮތީ ޓޮޑް ހޭއިންސް ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ޑްރާމާ "ކެރޯލް" އެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ހޭއިންސް 2007 ވަނަ އަހަރު ގެނެސްދިން މަޝްހޫރު ފިލްމު "އައި އޭމް ނޮޓް ދެއާ" ގައި ވެސް ލީޑް ރޯލު ކުޅުނު ބަތަލާ ކޭޓް ބްލެންޗެޓް އެވެ.

ފިލްމުގެ އަނެއް ތަރިއަކީ ރޫނީ މާރާ އެވެ. މިއީ ޒުވާން ފޮޓޯގްރާފަރަކާއި ދޮށީއުމުރުގެ އަންހެނަކާ ދެމެދު އުފެދޭ ގާތް ގުޅުމެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.

މި އަހަރުގެ އެންމެ މޮޅު ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ "މޭޑް މެކްސް: ފިއުރީ ރޯޑް" އަށް ލިބުނީ މި ލިސްޓްގެ ތިން ވަނަ އެވެ.