ހޮލީވުޑް

އިން ދަ ހާޓް އޮފް ދަ ސީ: ކްރިސް ހެމްސްވޮތު ފެނިގެންދާނީ ތަފާތު ގޮތަކަށް

Nov 30, 2015
1

މި ފިލްމަކީ މި އަހަރު ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ. އެންމެ މުހިންމު ސިފައަކީ ފިލްމުގެ ލީޑް ރޯލު ކުޅެފައިވާ އޮސްޓްރޭލިއާގެ ބަތަލް، ކްރިސް ހެމްސްވޮތު މި ފިލްމުގެ ރޯލަށް ތައްޔާރުވެފައިވާ ގޮތެވެ. އޭނާ ފެނިގެންދާނީ މީގެ ކުރިން ބޮޑު ސްކްރީނުތަކުން ފެނިގެން ދިޔަހާ ހިތްގައިމު އަދި ބާރުގަދަ މީހެއްގެ ގޮތުގައެއް ނޫނެވެ.

ފިލްމުގެ ރޯލަށް ތައްޔާރުވުމަށް އޭނާ ވަނީ ހާއްސަ ޑައެޓެއް ނަގައިގެން ބަރުދަނުން ހަ ކިލޯ ވެސް ދުއްވާލައިފަ އެވެ. އަދި ފިލްމުގެ ފުލް މޭކަޕްގައި ހެމްސްވޮތު ފެންނައިރު އެއީ އޭނާހެން ވެސް ހީއެއް ނުވެ އެވެ.

މި ފިލްމަކީ ބޮޑުމަހުގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ސްޕާމް ވޭލްއެއް (ބޮޑު މަހުގެ އެންމެ ބޮޑު ވައްތަރު) ގެ ހަމަލާއެއް އަމާޒުވެ ފެތިގެން ދިޔަ އެމެރިކާގެ ބޯޓެއްގެ ފަޅުވެރިންތަކަށް ކަނޑުމަތީގައި ޖެހޭ ހާލު ދައްކުވައިދޭ އެޑްވެންޗާ ތްރިލާ އެކެވެ.

"އެސެކްސް" ނަމަކަށް ކިޔުނު ބޯޓް 1820 ވަނަ އަހަރު ޕެސިފިކް ކަނޑަށް ފެތުނު ހަގީގީ ހާދިސާގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރޮން ހަވަޑް އެވެ. މިއީ މި ފިލްމަކަށް އިންތިޒާރުކުރަން ޖެހޭ އަނެއް ސަބަބެވެ.

ހަވަޑް އަކީ "އަ ބިއުޓިފުލް މައިންޑް" އާއި "ދަ ޑާ ވިންޗީ ކޯޑް" ޑައިރެކްޓަރެވެ. އޮސްކާއާ ވަރަށް ރައްޓެހި ފިލްމުތަކެއް ގެނެސްދޭ ޑައިރެކްޓަރެކެވެ. އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރެއް ވެސް މެ އެވެ.

އޭނާގެ އާ ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.