މިދިއަ ހަފުތާގައި އައްޑޫ ސިޓީގެ ރަށްރަށަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން އެ އަތޮޅުގެ ރަށްރަށުގެ 50 އަށް ވުރެ ގިނަ ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އައްޑު އަތޮޅަށް ވަޑައިގެންނެވި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ވިއްސާރަކޮށް ރެކޯޑު އަދަދަކަށް އައްޑޫއަށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން ރައީސްގެ މަންދޫބެއްގެ ގޮތުގައި ޖިހާދު އައްޑޫއަށް ވަަޑައިގަތީ ހޮނިހިރު ދުވަހު އެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެން ޖިހާދު ވިދާޅުވީ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ވަރަށް ގިނަ ގޭގެއަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށާއި ގެއްލުންތައް ބޮޑުވި ގޭގެއަށާއި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ލިބިފައި ހުރި ގެއްލުންތައް ބައްލަވާލެއްވި ކަމަށެވެ.
"ވާރޭގެ ސަބަބުން ގިނަ ގެތަކަށް ގެއްލުން ލިބިފައި ހުރި. އޭގެތެރެއިން 50 އަށް ވެރު ގިނަ ގެތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި،" ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކަންކަން ކުރަމުން އަންނަ ކަމަށާއި ހެލްތް ޓީމުން ވަނީ ގިނަ ގެތަކަށް ޒިޔާރަތްކޮށް 581 ގެ ކްލޮރިނޭޓުކޮށް އެމްއާރްޑީސީ އިން 370 ޓަނުގެ ވެލި ގެތަކަށް ފޯރުކޮށްދީފައިވާއިރު މި ގެއްލުންތަކާބެހޭ ރިޕޯޓް އެކުލަވައިލާ މިއަދު ނެރޭނެ އެވެ.